މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން އުފައްދަނީ ސަރުކާރުގެ 5 ކުންފުންޏެއް ޝާމިލްވާ ގޮތަށް ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ހެދުމާ ގުޅޭ ކަރުދާހެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅިކަން ފާހަގަ ކުރެއްވިއެވެ. އަދި އެ ކަރުދާހަށް މަޝްވަރާ ކުރުމަށްފަހު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ކުންފުންޏަކީ އިކޮނޮމިކް ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި، ޓްރޭޑް ހަރަކާތްތައް ފުޅާކޮށް އިގްތިސޯދު ޑައިވައިސިފައި ކުރުމަށް ރާއްޖެއާއި ރާއްޖޭން ބޭރަށް އަމާޒުކޮށް އެކްޕޯޓް، އިމްޕޯޓް، ރީ-އެކްސްޕޯޓް އަދި ޕްރޮސެސިންގެ މަސައްކަތްތައް ހިންގުމުގެ މަގުސަދުގައި އުފައްދާ ކުންފުންޏެއް ކަމަށެވެ.

އޭގެއިތުރުން މި ކުންފުންޏަކީ ދިވެހިރައްޔިތުންނަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ރާއްޖެއަށް މުދާ އެތެރެކޮށް، އަވަށްޓެރި އެހެނިހެން ގައުމުތަކަށް ރީ އެކްސްޕޯޓް ކުރެވޭނެ ނިޒާމެއްގެ މަތިން އާމްދަނީ ވަރަށް ބޮޑަށް ފުޅާ ކުރުމަށްޓަކައި އުފެއްދޭ ކުންފުންޏެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެ ކުންފުނި އުފެއްދުމުގައި ދައުލަތުގެ މިހާރުގެ ބައެއް ކުންފުނިތަކުގެ ބައިވެރިވުން ހިމެނޭނެ ކަން ވެސް ނާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.

ކުންފުނި އުފެއްދުމުގައި ބައިވެރިވާ 5 ކުންފުނި:

  1. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)
  2. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާބަންކޯ)
  3. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
  4. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)
  5. މޯލްޑިވްސް އެއާޕޯޓްސް ކޮމްމެނީ ލިމިޓެޑް (އެމްޓީސީސީ)

ނާޒިމް އިތުރަށް ވިދާޅުވީ އެ 5 ކުންފުނި ޝާމިލްވާ ގޮތަށް އުފެއްދޭ މައި ބޮޑު އެއް ކުންފުންޏެއްގެ ގޮތުގައި ޕްރީ ޓްރޭޑް ޒޯންތައް ގާއިމް ކުރުމަށް އެދި ބޯޑް އޮފް އިންވެސްޓްމެންޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕްރީ ޓްރޭޑް ޒޯންތައް ގާއިމް ކުރާއިރު އެއާޕޯޓް އަދި ޕޯޓް ހިމެނޭ ސަރަހައްދަކުން މި ޒޯން ކަނޑައަޅައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި ކުންފުނީގެ ވިޔަފާރި ފެށުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށްޓަކައި ތިލަފުށި އަދި ގިރާވަރުފަޅު ބެއްލެވުމަށްފަހު އެންމެ އެކަށީގެންވާ ތަނަކުން މަދުވެގެން 100 ހެކްޓަރުގެ ބިން ކަނޑައެޅުމަށް ވަނީ ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އޭގެއިރުތުން ދިވެހި ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށް އުތުރުތިލަފަޅުން ބިން ކަނޑައަޅާ އެކަމަށް އިންވެސްޓްމެންޓް ހޯދާ، އެ އިންވެސްޓްމެންޓްގެ މޭޖާ ޝެއާ ހޯލްޑަރުންގެ ގޮތުގައި އަލަށް އުފައްދާ މި ކުންފުނި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުންފުނި އުފެއްދުމަށްފަހު، ބޭނުންވާނަމަ ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ނުވަތަ އެހެން މޮޑެލްއަކުން އިތުރު އިންވެސްޓްމެންޓަށް ފުރުސަތު ހޯދައި ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.