ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީއިން ގައުމީ މަސްލަހަތު އިސްކުރާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.
ހުސައިން ޝަހީމް މިދަފައިން ވިދާޅުވީ މިއަދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޕްރެސްގެ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހުސައިން ޝަހީމް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަޒީރުންނަށް ރުހުން ދޭނީ ގައުމީ ވިސްނުމެއްގައި ގައި ކަމަށެވެ. އަދި އެކަން ކުރައްވާނީ ޕާޓީގެ ޕީޖީ މީޓިންއެއް ބޭއްވުމަށްފަހު ވިޕްލައިންއަކާއެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުސައިން ޝަހީމް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާ ކަމުގެ ވާހަކަތަކެއް ވެސް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ 22 މިނިސްޓަރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން މިއަދު ވަނީ ނިންމައިފައެވެ. އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 5 މެންބަރުން ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއިން ބެލުމަށްފަހު އެ މައްސަލަ މަޖިލީހުގެ ޖަލްސާގައި މި މަހުގެ 18 ވަނަ ދުވަހު ވަނީ އެޖެންޑާކޮށްފައެވެ. އެހެންނަމަވެސް އެ ދުވަހުގެ ޖަލްސާ ފެށުމާއެކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު މިނިސްޓްރީތަކުގެ މެންޑޭޓު ނުފޮނުވާ ކަމަށާއި އެހެންކަމުން އެ މައްސަލާގައި ވޯޓަށް އެހުމާ މެދު ސުވާލު އުފައްދަވާފައެވެ.
އެއާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާކުރެއްވުމަށް ފަހު އެ މައްސަލަ އެ ދުވަހު ކުރިއަށް ނުގެންގޮސް އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލަން ނިންމާފައެވެ. އެއާއެކު ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެކަމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.
މިޒަމާނަކު މީހުންގެ ލޮލުގާ އަނދުނެއް ނޭޅުވޭނެ އެއީ މާކުރީގާ ކޮއްއުޅުނުކަމެއް