ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނާ ދިމާކޮށް ރައްޔިތުންގެ ކަންކަން ގާތުން ބެލުމަށް ސަރުކާރުގެ އިސް ވަފުދުތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުރަން ފަށައިފި އެވެ.

އާސަންދަ ކުންފުނީގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިއީ ރައްޔިތުންގެ ކަންކަން ގާތުން ބަލާ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހި ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކުރައްވާ ދަތުރު ތަކެއް ކަަމަށެވެ. ރަށްރަށަށް ޒިޔާރަތް ކުރާ ވަފުދުތަކުގެ ތެރޭގައި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ހާލު ބެލުމަށް މި ފެށޭ ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ފަށާނެ ކަން އިއުލާން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ "ކަންގަތި އެވޯޑު" ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު، ވަކިން ތާވަލް ހައްދަވައިގެން މާލޭގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތަކާއި ޝަކުވާ ސީދާ އެމަނިކުފާނަށް ހިއްސާކުރެވޭނެ ގޮތް، އޮފީހުގެ ރަސްމީ ގަޑީގެ ތެރެއިން ހަމަޖެއްސެވި ކަމަށެވެ.

އަދި ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިން ވެސް އެ އުސޫލުން ކަންތައް ކުރައްވަން ބޭނުންފުޅުވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މާލޭ ސިޓީގެ މޭޔަރު ކަމަށްފަހު އެމަނިކުފާނަށް މަތި ކުރައްވާފައިވާ ޒިންމާއަކީ ބޮޑު ޒިންމާ އެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއީ އިމްތިހާނެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ރާއްޖޭގެ ރަށްރަށަށް އަޅުގަނޑު ދަތުރުކުރާނަން. ހަމަ ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން. ތިޔަބޭފުޅުންގެ އަސްކަނިދަށުން ލިބޭ ހިޔަލަކީ ވަރަށްވެސް ނިޔާމަ ހިޔަލެއް ކަމުގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސަށް ހުށަހެޅޭގޮތަށް ޕޯޓަލެއް ގާއިމުކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ރޭ އިއުލާން ކުރައްވާފައެވެ.