ވެރިކަމަކީ އުފަލެއް ނޫންކަމަށާ، އެއީ ވަރަށްބޮޑު ޒިންމާއެެއް އަދި އަމާނާތެއް ކަމަށް އަބަދުވެސް ގަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ހާއްސަ ޕްރޮގްރާމްގައި ރައީސް ވަނީ އެ މަނިކުފާނުގެ މުދައްރިސެއްކަމަށްވާ ޝެއިހް ޝުއައިބު އަބްދުއްރަހްމާން ދެއްވި ނަސޭހަތަކާ ގުޅިގެން ވާހަކަފުޅުދައްކަވާފައެވެ.
ރައީސް މުއިއްޒުގެ އިސްލާމް މުދައްރިސް އައްޝައިހް ޝުއައިބު އަބްދުއްރަހްމާން ވަނީ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމަށް ފޯނުން ގުޅުއްވައި މުދައްރިސެއްގެ ހައިސިއްޔަތުން ނަސޭހަތާއި ބައެއް އިރުޝާދުތައް ދެއްވާފައެވެ. މިގޮތުން ވެރިކަމަކީ އުފަލެއްކަމަށް ދެކެވަޑައިނުގެންނެވުމަށާއި އެއީ ވަރަށްބޮޑު ޒިންމާއެއްކަމަށް ދެކެވަޑައިގަތުމަށް ނަސޭހަތްދެއްވަމުން އައްޝައިހް ޝުއައިބު އަބްދުއްރަހްމާން ވަނީ ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުން މިސާލާ ނަސޭހަތްދެއްވާފައެވެ. އަދި މުދައްރިސްގެ ވާހަކަފުޅުގައި ރައީސް މުއިއްޒުއަކީ ސްކޫލުދައުރުގައި ވެސް އެހެންކުދިންނާ ހިލާފަށް މަޑުމައިތިރިކަމަށް ލޯބިކުރެއްވި އަދި އަހްލާގު ރަނގަޅު ހިތްހެޔޮ ދަރިވަރެއްކަން ފާހަގަކުރައްވާފައެވެ.
މި ޕްރޮގްރާމްގައި ރައީސް ވަނީ، މުދައްރިސްގެ ނަސޭހަތަށް ޝުކުރުއަދާކުރައްވައި އެކަން ގަބޫލުފުޅުކުރައްވާކަމަށާ، އެގޮތަށް އަމަލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މި ޕްރޮގްރާމުގައި ރައީސް ވަނީ ސަރުކާރުން ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެފައިވާކަމަށާ އަދި އެ ވައުދުތައް ފުއްދަވާނެކަމުގެ ވައުދުވެސް ވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ރައީސް ވަނީ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ލިބުނު ތ. އަތޮޅު ގުރައިދޫއިން ކަމަށާއި އެ ރަށަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އުންމީދުކުރައްވަނީ އަންނަ ރަމަޟާންމަހުގެ ކުރިން 100 އެއްހާ ރަށަށް ވަޑައިގެންނެވުމަށް ކަމަށާއި އަދި ދައުރުގެ ތެރޭގައި މަދުވެގެން 2 ފަހަރު ކޮންމެ ރަށަކަށްވެސް ދަތުރުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.