ޔޫކްރައިނަށް މިވަގުތަށް ބޭނުންވާ މުހިންމު އެހީގެ ގޮތުގައި އެއާ ޑިފެންސް ސިސްޓަމްތަކާއި މިސައިލާއި, 'ހިމާސް' ނިޒާމަށް ބޭނުންވާ ހަތިޔާރާއި, ވަޒަނާއި ބޭސް ހިމެނޭ ގޮތުން 250 މިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ޔޫކްރައިން އަށް ދޭން އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފިއެވެ.
މިއީ ޔޫކްރައިން އަށް އިތުރު އަސްކަރީ އެހީ ދިނުމާ މެދު ކޮންގްރެސްގައި ހިޔާލުތަފާތުވެ ހުއްޓިފައި އޮތް އެހީގެ ޕެކޭޖެކެވެ. ކޮންގްރެސް އިން މި ޕެކޭޖް ފާށްކުރުމަށްޓަކައި އެމެރިކާގެ ރައީސް އާއި އިސް އޮފިޝަލުން ބުރަ މަސައްކަތްތަކެއް ކުރައްވައި, އެތައް އެމްޕީ އަކަށް ލޮބީ ކުރައްވާ ހައްދަވާފައި ވެއެވެ.
މި ޕެކޭޖާއެކު މިވަގުތަށް ޔޫކްރައިން އަށް ލިޔެއް ލިބިގެން ދާނެ ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ޔޫކްރައިން އަށް އަސްކަރީ ގޮތުން އެހީވުމަށްޓަކައި 50 ގައުމު ހިމެނޭ ކޯލިޝަނެއް އޮންނަ އިރު, އެގައުމުތަކުން ގެންދަނީ މާލީ ގޮތުންނާއި އަސްކަރީ ގޮތުން ބޮޑެތި އެހީތެރިކަން ފޯރުކޮށް ދީ ލޯނުގެ ގޮތުގައިވެސް އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ސާމާނު ދެމުންނެވެ.
ޔޫކްރައިން އަށް އެހީވުމަށް ބައިޑަން ކޮންގްރެސް އަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ 60 ބިލިއަން ޑޮލަރުގެ ޕެކޭޖެކެވެ. ނަމަވެސް އެ އަދަދު މާ ބޮޑުވުމުން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ ސަރުކާރަށް ފާޑުކިޔާފައި ވެސް ވެއެވެ. އަދި މި 250 މިލިއަންގެ ޕެކޭޖް މި ފާސްކުރީ, އަހަރު ނިމޭ އިރު ޔޫކްރައިން އަތުން ހަތިޔާރު ހުސްވާނެ ކަމަށް ވިދާޅުވެ, ކޮންގްރެސް އިން ފާސްކުރިޔަސް ނުކުރިޔަސް ޔޫކްރައިން ދޫކޮށްލެވެން ނެތް ކަމަށް ވިދާޅުވެ ބައިޑަން ކޮންގްރެސްގެ މެންބަރުންނަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
ޔޫކްރައިން އަށް އެހީވުމުގައި ހުޅަނގު އަވަދިނެތި އުޅެމުން ދާ އިރު, މިއަދުގެ މި ނިންމުމާ އެކު ރަޝިއާގެ ހާރިޖީ ވަޒީރު ސްރްގޭ ލަވްރޯވް ވިދާޅުވީ, ރަޝިއާ ބަލިކުރުމަށް ހުޅަނގުން ކުރަމުން ދާ މަސައްކަތް މުޅިން ފެއިލްވެފައި ވާ ކަމަށެވެ.
އަދި ޔޫކްރައިންގެ ރައީސް ހުށަހެޅުއްވި ސުލްހައިގެ ޕްލޭނަކަށް ޖީ 7 ގެ ގައުމުތަކުން ސިއްރިއްޔާތުގައި މަޝްވަރާކޮށް މީގެ 10 ދުވަސް ކުރިން އެއްބަސްވެފައި ވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ އެމެރިކާއިން ދޭން ނިންމި އެހީއާ ގުޅުން ހުރި ވާހަކައެއް ކަމަކަށް އޭނާ ވިދާޅެއް ނުވެއެވެ.