ނިމިދިޔަ ސަރުކާރުން ސިނަމާލެ ބްރިޖަށް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖް މޮނިއުމަންޓަށް ކަރަންޓު ދިނުމަށް ބޭނުންކޮށްފައިވާ 10 ޑީސީ ސަޕްލައި ޔުނިޓުގެ ތެރެއިން 7 ޔުނިޓަކީ މައްސަލަ ޖެހިފައިވާ ޔުނިޓުތަކެއް ކަމަށެވެ.

އަދި ގިނަ ލެޑުތައް ހަލާކުވެފައިވާ ކަމަށާއި، މޮނިއުމަންޓް ހަރުކުރުމަށް ޖަހާފައިވާ ބްރެކެޓުތަކާއި، އިސްކުރުތަކުގައި ދަބަރުޖަހާފައިވާތީ، ބަދަލުކުރަންޖެހިފައިވާކަމަށް ވެސް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

ބްރިޖު ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ބްރިޖްގެ ނަން އަދި ހަރުކުރެވިފައިވާ ލައިޓްތައް ހަލާކުވެފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މޮނިއުމަންޓް ހަރުކުރުމަށް ޖަހާފައިވާ ބްރެކެޓުތަކާއި އިސްކުރުތަކުގައި ދަބަރުޖަހާފައި / ފޮޓޯ: ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ (ޓްވިޓާ)

ފަހުމީ ވަނީ ގައުމީ މިފަދަ ބިނާތަކަކީ ރަނގަޅަށް ބަލަހައްޓަންޖެހޭ ފަދަ ތަންތަން ކަން ފާހަގަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މިފަދަ މުހިއްމު ބިނާތައް ރަނގަޅަށް ބަލަހައްޓައި އެންމެންނަށް ވެސް ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

އާ ސަރުކާރުން ހަވާލުވުމަށްފަހު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެންދަނީ ބްރިޖްގެ މޮނިއުމަންޓް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވަމުންނެވެ.