ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް އޮރެންޖް އެލާޓް ނެރެފިއެވެ.

އެ ސަރަހައްދަށް އެ އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 1:20 އިން ފެށިގެން 3:20 އާ ދެމެދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށެވެ.

މީގެ އިތުރުން މިއަދު 11 އިން ފެށިގެން 3 ޖެހުމާ ހަމައަށް ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ އެލާޓް ނެރެފައިވެއެވެ. އެ ސަރަހައްދަށް އެ އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށެވެ. އަދި މިއަދު 5 ޖެހުމުގެ ނިޔަލަށް ނ އަތޮޅުން ފެށިގެން ދ އަތޮޅާ ދެމެދު ވެސް ވަނީ ރީނދޫ އެލާޓް ނެރެފައެވެ.

އެ ސަރަހައްދަށް ރީނދޫ އެލާޓް ނެރެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށެވެ.

މެޓް އޮފީހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް އިރުވައި މޫސުން ގާއިމުވުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ހާއްސަކޮށް އުތުރާ މެދު ރާއްޖެ ތެރޭގައި ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކާއި ބްރިޖް ހައިވޭގައި ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.