ފައިލޭރިއާއިން ރައްކާތެރިވުމަށް ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ.

އާބަންކޯއިން ބުނީ، ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައި ކަމަަށެވެ.

އެގޮތުން ހުޅުމާލޭ ފޮގް ކުރުމަށް 20 ސަރަހައްދަކަށް ބަހާލާފައިވާއިރު ކޮންމެ ދުވަހަކު ފަތިހު 5:00 އިން 6:00 އަށް، އަދި އިރު އޮއްސި 6:00 އިން 7:00 އަށް ފޮގް ކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ،

ފޮގް ކުރުން ކުރިއަށް ދާ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އާބަންކޯއިން ވަނީ އެދިފައެވެ.

އާބަންކޯއިން ބުނީ، ހުޅުމާލެއިން މަދިރި މަދުކުރުމަށް މީގެ ކުރިން ވެސް އެކޯޕަރޭޝަނުން އިސްނަގައިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން އެކި ސަރަހައްދު ފޮގް ކުރުމާއި، މަދިރިއާލާވާ ފަދަ ތަންތަން ނައްތާލުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފައިލޭރިޔާ ފެތުރުން ހުއްޓުވުމަށް އާބަންކޯއިން ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ސްކްރީން ކުރުން އެޗްޕީއޭ އާ ގުޅިގެން މިމަހުގެ ތެރޭގައި ފަށާފައިވާ ކަމަށް އަބަންކޯއިން ވަނީ ބުނެފައެވެ.