ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާއެރުވުމަށް ޕްރެޒިޑެންޝިއަލް ޔޫތް އެޑްވައިޒަރީ ބޯޑެއް އުކަލަވާލަން ރައީސް ނިންމަވައިފިއެވެ.

ޕްރެޒިޑެންޝިއަލް ޔޫތް އެޑްވައިޒަރީ ބޯޑެއް އެކުލަވާލަން ރައީސް ނިންމަވާފައިވާ ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުاﷲ ނާޒިމް އިބްރާހީމް ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ޕްރެޒިޑެންޝިއަލްލް ޔޫތް އެޑްވައިޒަރީ ބޯޑެއް އެކުލަވާލަން ރައީސް ނިންމަވާފައި ވަނީ ޒުވާނުންނާ ގުޅޭ ކަންކަމުގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި ކަމަށެވެ. އަދި ޒުވާނުންގެ ހިޔާލާއި ލަފާ ސަރުކާރު ހިންގުމުގައި ރައީސްއަށް ފޯރުކޮށް ދިނުމަށް އެކުލަވާލެވޭ ބޯޑެއްގެ ގޮތުގައި އެ ބޯޑުގެ މަސައްކަތްތައް ތަރުތީބު ކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

މި ބޯޑަކީ 15 މެންބަރުންގެ މައްޗަށް އެކުލަވާލެވޭ ބޯޑެއް ކަމަށާއި ބޯޑުގައި ތިބޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ކޮންމެ 3 މަހަކުން 1 މަހު ރައީސް މި ބޯޑުގެ ޗެއާކަން ކުރައްވާނެ ކަމަށާއި އެހެން ބައްދަލުވުމުގައި ޗެއާ ކުރައްވާނީ ރައީސް ކަނޑައަޅުއްވާ ވަކި މެންބަރެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ބޯޑުގައި ހިމެނޭ ދާއިރާތަކަކީ:

  • ގައުމީ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުން
  • ގައުމީ ލެވެލްގެ އެތްލީޓުން
  • ޒުވާނުންނަށް ހިދުމަތް ކުރުމަށް އެކުލަވާލާފައިވާ އެންޖީއޯގެ ތެރެއިން ހޮވާލެވޭ ވަކި އަދަދެއްގެ މެންބަރުން
  • ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާ ތަމްސީލު ކުރާ މީހުންގެ ތެރެއިން ހޮވާލެވޭ ވަކި އަދަދެއްގެ މެންބަރުން
  • ސާނަވީ ސުކޫލުތަކުން ހޮވާލެވޭ ވަކި އަދަދެއްގެ ދަރިވަރުން

ނާޒިމް އިތުރަށް ވިދާޅުވީ އެ ބޯޑުގެ މެންބަރުން ރައީސްއަށް އަރުވާ ލަފާ ކެބިނެޓުގައި މަޝްވަރާ ކުރެވޭނެ ކަމަށާއި ޒުވާނުންނާ ގުޅޭ ބައެއް ކަރުދާސްތަކުގައި ވެސް އެ ކޮމިޓީގެ ލަފާ ހޯދޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި އޮންނަ ރައީސް ބައިވެރިވެވަޑައިގަންނަވާ ބައެއް ބައްދަލުވުންތަކުގައި ވެސް އެ ބޯޑުގެ މެންބަރުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ މުހިންމު މަސައްކަތްތަކާއި ސަރުކާރުގެ މުހިންމު ބައްދަލުވުންތަކުގައި ވެސް އެ ބޯޑުގެ މެންބަރުންގެ ޝާމިލުވުން އޮންނާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.