އިދިކޮޅު އެމްޑީޕީ މަޖިލިސް ޕްރައިމަރީއަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ވަގުތު އެ ޕާޓީން އިތުރު ކޮށްފިއެވެ.

މީގެ ކުރިން މަޖިލިސް ޕްރައިމަރީއަށް އެމްޑީޕީން ހުޅުވާލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް މިއަދު އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 30 ޑިސެމްބަރު ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 އިތުރު ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް ހުށަހަޅަން ޖެހޭ ތަކެތި:

  • ޝައުގުވެރިކަންފާޅުކުރާ ފޯމް
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމުއަދި

ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • އެމްޑީޕީގެ މެންބަރެއް ކަމުގައި ވުން
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން.

މިފަހަރުގެ ޕްރައިމަރީ އެމްޑީޕީން ބާއްވާނީ ދެ ދުވަހަކަށް ބަހާލައިގެން ކަމަށް އެމްޑީޕީން ބުނެއެވެ. އެއީ އަންނަ އަހަރު ޖެނުއަރީ މަހުގެ 26 އަދި 27 ގައެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވޯޓު ދެވޭނީ، އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި މިއަދާއި ހަމައަށް ހުރި ނުވަތަ، މެންބަރުކަމަށް މިއަދުގެ ނިޔަލަށް ފޯމު ލާފައިވާ ފަރާތްތަކަށް ކަމަށް އެމްޑީޕީން ބުނެއެވެ.