ރާއްޖޭގައި ހިންގަމުންދާ ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށާއި ވެބްސައިޓްތައް ބްލޮކް ކުރި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބަޔާން ނެރުނީ ދިރާސާ ނުކޮށް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. މި މައްސަލަގައި ސަރުކާރުން ބުނީ ރަޖިސްޓާ ކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ ވެބްސައިޓެއް ބްލޮކް ނުކުރާނެ ކަމަށެވެ. މިކަމާ ގުޅިގެން އެމްޖޭއިން މިއަދު ބަޔާނެއް ނެރެފައިވާ އިރު، އެ ބަޔާނުގައި ވަނީ، ސަރުކާރުން އެއްވެސް އުސޫލެއް ނެތި އަޅަމުންދާ މި ފިޔަވަޅު ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާފައެވެ.

އެ ބަޔާޏް ނެރުމާ އެކު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށާއި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށެވެ. އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.

އެމްޖޭއިން މިއަދު ނެރުނު ބަޔާނުގައި ބުނާ ގޮތުގައި، ދެ ވެބްސައިޓް ބްލޮކް ކުރުމަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ. ސަރުކާރުން އެ ފިޔަވަޅު އަޅާފައި ވަނީ އެކަން ކުރުމުގެ އުސޫލެއް އާންމު ނުކޮށް ކަމަށާއި އަދި ހަރުދަނާ ދެފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަރު ކުރުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރާ ކަމެއް ނޫން ކަމަށް އެމްޖޭއޭ އިން ބުނެއެވެ.

ހަމައެއާއެކު ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވަން ފިޔަވަޅު އެޅުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން އެ ކައުންސިލްގެ މެންޑޭޓެކެވެ. ރަޖިސްޓާ ނުކޮށް ހިންގާ ނޫސްތަކަކީ ވެސް އެމްއެމްސީ އަށް ރެގިއުލޭޓްކޮށް އެ ގާނޫނުގެ ދަށުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަށް ވާއިރު ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެ ކައުންސިލަށް ގާނޫނުން ލާޒިމް ކުރާ ކަމެއް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.