މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރަން ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން ބުނީ ރާއްޖޭގައި މަރުގެ އަަދަބު ތަންފީޒުކުރަން ނިންމުމާ ގުޅިގެން ބައިނަލްއަގްވާމީ އަދި އެކިގައުމުތަކުގައި އުފައްދާފައިވާ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމަށް އެ ޖަމިއްޔާއިން ދެކޮޅު ހަދަނީ ރާއްޖޭގައި ކުރީގައި ހިންގާފައިވާ ކުށްތަށް ބެލުމުގައި ޝަރުއީ ދާއިރާގެ ކޮރަޕްޓްވެފައިވުމުގެ އިތުރުން ޝަރީއަތްތަކަށް ސިޔާސީ ގޮތުން ބާރުފޯރުވާތީ ކަމަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެ ޖަމިއްޔާއިން ވަނީ މަރުގެ އަދަބަކީ އަނިޔާވެރި އަދަބެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރު ޕެޓްރިޝިއާ ގޮސްމަން ވިދާޅުވީ މަރުގެ އަދަބު އަލުން އިއާދަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުން ގެންގުޅުއްވާ ވިސްނުން މިހާރުން މިހާރަށް އަނބުރާ ގެންދަވަން ޖެހޭ ކަމަށެވެ. އަދި ޖީނާއީ އަދުލުވެރިކަން ގާއިމް ކުރުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އެއްފަދައިން މަރުގެ އަދަބު ތަންފީޒު ކުރުން ފަދަ އަނިޔާވެރި ލާއިންސާނީ އަދަބުތަކާ ދުރުވާންޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަން އިއުލާނުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މިހާރުގެ ސަރުކާރުން ބުނެފައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި މަރުގެ ކުށް އާންމުވެފައިވާއިރު މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒުކުރުމަށް މީގެ ކުރީގެ ރައީސްއިން ވަނީ މަސައްކަތްތަކެއް ކުރައްވަން އުޅުއްވާފައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުތައް ބެލުމުގެ ނަމުގައި މަރު ކޮމިޝަނެއް އެކުލަވާލެއްވުމަށްފަހު އެ ކޮމިޝަންވެސް އުވާލައްވާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރުވެސް ވަނީ އެ މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް އެކަމަށް އަލި މަގެއް ފެނިފައެއް ނުވެއެވެ.
ގިނަ ބަޔަކު މަރަށް މަރު ހިފުމަށް ގޮވަމުންދާއިރު އެ އަދަބު ރާއްޖޭގައި ތަންފީޒުކޮށްފިނަމަ މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ބަޔަކު އެބަ ތިއްބެވެ.