އައްޑޫ ސިޓީ ގަމާ ދިމާ ބޭރުން އިހި ނަގަން މޫދަށް ފޭބި ޒުވާނާ ގެއްލިފައި ވަނީ އިތުރު 2 މީހުންނާއެކު ގޮސް އުޅެނިކޮށް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައި ވަނީ އުމުރުން 18 އަހަރުގެ ސ. މަރަދޫ ކުރެދުމާގޭ، މުހައްމަދު ނައީޝް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި އެ ޒުވާނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ ރޭ 10:10 ހާއިރު ކަމަށެވެ.

އޭނާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި ގެއްލުނު މީހާ ހޯދުމުގެ މަސަައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓާސެޕްޓާ ކްރާފްޓް "ދޮށިމޭނާ" އަދި "ހާބާކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ އެ މީހާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުގެ އިތުރުން ހިސާބުގެ ރަށްތަކުން ބައްލައިދިނުންން އެދޭ ކަމަށެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.