އިންޑިއާ އައުޓް ސްލޯގަންގެ މަތީގައި ޕީޕީއެމްގެ މުޅި ކެމްޕެއިން ބިނާކުރި އިރު, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދުފުޅަކީވެސް ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލެއްވުމެވެ.
ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އާއި ދެކުނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަމަށާއި އެއިން މީހެއްގެ އެންމެ ބޫޓު ކިބައެއްވެސް މި ފަސްގަނޑުގައި ނުބަހައްޓަވާނެ ކަމަށް ވިދާޅުވެ އިންޑިއާއަށް ސާފު މެސެޖެއް ދެއްވިއެވެ. އަދި އޭރު އިދިކޮޅުގެ ހަބަރުތައް އެންމެ ގިނައިން ގެނެސްދޭ ނޫސްތަކުގައި ރާއްޖޭގައި 2000 އެއްހާ އިންޑިއާ ސިފައިން ތިބިކަމަށާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމުގައި ބުނެދެމުން ގެންދިޔައެވެ.
މާލެއާ އެންމެ ގާތުން އުތުރު ތިލަފަޅުގައިވެސް އިންޑިއާގެ އަސްކަރީ ބޭހެއް ގާއިމު ކުރަމުން ގެންދާ ކަމަށާއި ހަތިޔާރާއެކު ތިބި ކަމަށް ވެސް ކިޔާފައި ވެއެވެ.
އެއީ ވެރިކަމަށް އައުމަށްޓަކައި އޭރު އިދިކޮޅުން ދިވެހިންނަށް 'ވިއްކި' އަދި ވިސްނައިދިން ގޮތެވެ. 'ސިފައިން' ކަމަށް ބުނުމުން ދިވެހިންގެ ސިކުނޑިއަށް އަންނަނީ އެއީ އޭންކަލް ބޫޓަށް އަރާ, ކާކީ ޔުނިފޯމް ލައިގެން ހަތިޔާރާއެކު ތިބޭ މީހުން ކަމަށެވެ. އިނގިރޭސި ބަހުން ބޭނުން ކުރާ 'ޓްރޫޕްސް' ނުވަތަ 'ސޯލްޖާސް' ކަމަށެވެ.
އޭރުގެ ސަރުކާރުންވެސް ކިޔަމުން ގެންދިޔައީ 'އިންޑިއާ ސިފައިން' ކަމަށް ވުމުން, އެއީ ޓެކްނިކަލް މަސައްކަތެއް ކުރަން ތިބި 'ޑިފެންސް' ނުވަތަ ދިފާއީ ބާރުގެ މީހުން ކަމަކަށް އޭރުގެ ސަރުކާރަކަށް ސާފުކޮށް ބުނެއެއް ނުދެވުނެވެ.
އެ ސިފައިން ތިބީ ރާއްޖޭގައި ދުއްވާ އިންޑިއާގެ 'ދްރޫވް' މަރުކާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވުމާއި އޭގެ ޓެކްނިކަލް މަސައްކަތްތަކުގައި ކަމަށާއި އެމީހުންނަކީ ހަތިޔާރު އެޅި ސިފައިން ކަމަކަށް ވެސް ސާފުކޮށް ބުނެދެވިފައެއް ނުވެއެވެ.
އޭރުގެ ސަރުކާރުން އިންޑިއާ ސިފައިންގެ އަދަދު ކަމަށް ބުނެ ހާމަ ކުރި 75 އަކީ މިހާރުގެ ސަރުކާރަށް ގަބޫލު ކުރެވުނު އަދަދަކަށް އޭރު ނުވި ނަމަވެސް ވެރިކަމާ ހަވާލުވުމަށް ފަހު 2 ފަހަރެއްގެ މަތިން އާންމު ކުރި އަދަދުތައްވެސް އަރަނީ 89 އަކަށެވެ. އެއީ ދިވެހި ސިފައިންގެ އަސްކަރީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާގެ އަސްކަރީ ޑޮކްޓަރުންވެސް ލައިގެންނެވެ.
އިންޑިއާ އައުޓް ކުރަން އެހެން ބަޔަކު އިން ކުރުމުގެ ސިޔާސަތު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އޭގެ ކުރިން އައި ސަރުކާރުތަކުގައި ރާއްޖެއާ އެންމެ ގާތް ބައެއްގެ ގޮތުގައި ބަލައި އިންޑިއާ އަށް ފުރަތަމަ ދަތުރު ކުރެއްވުމަކީ ރައީސުން ގެންގުޅުއްވި ސިޔާސަތެކެވެ. ނަމަވެސް ޑރ. މުހައްމަދު މުއިއްޒު ހިޔާރު ކުރެއްވީ, މެދުއިރުމަތިން ފައްޓަވާށެވެ. ވަޑައިގަތީ ތުރުކީގެ ވެރިރަށް އަންކާރާއެވެ. ތުރުކީ އަކީ ބައިނަލްއަގުވާމީ ސިޔާސަތަށް ބަލާއިރު, އިންޑިއާ އާ ދެކޮޅުވެރި ގައުމެއް ނޫނެވެ. ނަމަވެސް ކަޝްމީރުގެ މައްސަލައިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސިޔާސަތުތަކަށް އދ ގެ މަޖިލީހުގައި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުދުގާން ވަނީ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ ކަޝްމީރުގެ ބާރުތައް އިންޑިއާގެ މައިސަރުކާރަށް ނަގަން ނިންމުމަކީ އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ކަމަށެވެ.
މިކަން މިހެން އޮތް ނަމަވެސް ތުރުކީގެ އޮފިޝަލުން ބުނެފައި ވަނީ, ރާއްޖޭގެ ރައީސަށް ދައުވަތު ދެއްވައިގެން ތުރުކީއަށް ގެންދެވުމަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ނުތަނަވަސްކަން އުފެއްދުމަށް ކުރި ކަމެއް ނޫން ކަމަށާއި އެއީ ތުރުކީގެ އަމިއްލަ މަސްލަހަތަށްޓަކައި ކުރި ކަމެއް ކަމަށެވެ. އެއް ބޭނުމަކީ, ތުރުކީއިން ބައިނަލްއަގުވާމީ މައިދާނުގައި އަދާކުރަމުން ދާ ދައުރު ފުޅާ ކުރުމާއި, ރާއްޖޭގެ އިތުރުން ބަންގްލަދޭޝް, ލަންކާ ފަދަ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ފުޅާ ކުރާ އުސޫލުން ރާއްޖެއާއެކުވެސް ވިޔަފާރީގެ ގުޅުންތައް އުފައްދާ ފުޅާ ކުރުން ކަމަށެވެ.
ރައީސް މުއިއްޒުގެ ތުރުކީ ދަތުރުފުޅުގައި ވަނީ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލައި ދިފާއީ ދާއިރާއިން ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފައެވެ. ތުރުކީ އަކީ ދިފާއީ ދާއިރާގައި ކުރިއަރާފައި ވާ އިންޑަސްޓްރީ އަކަށް ވާއިރު އެއީ ރާއްޖެއަށް މުހިންމު ގުޅުމަކަށް ވާނެއެވެ.
މުއިއްޒު އިންތިހާބުވެ ވަޑައިގަތުމާ އެކުހެން ޔޫއޭއީއަށް ވަޑައިގަންފައި ވާއިރު, ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ދެވަނަ ފަހަރަށް ވެސް ވަޑައިގަތީ ޔޫއޭއީއަށެވެ. އެ ދަތުރުފުޅަކީ ޔޫއޭއީގައި އޮތް ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް މަދުއިރުމަތިން ފެއްޓެވި އިރު, ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވަނީ ޗައިނާއަށް ވަޑައިގެންފައެވެ.
އިންޑިއާ އާ ދުރުވެ އެހެން ގައުމުތަކާ ކައިރިއަށް
ޑރ. މުއިއްޒު ސަރުކާރަށް މި ވީ މަހެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ އާ ގުޅުން ހުރި ބައެއް ސިޔާސަތުތަކަށް 'ލަތްކެއް އަރާފައި' ވާ ކަމަށް އެނަލިސްޓުން ބުނެއެވެ. އެއްކަމަކީ, ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން އިންޑިއާއިން އެތެރެ ކުރުމަށް ނިމިދިޔަ ސަރުކާރުން ގެނައި ބަދަލު އަނބުރާލައި ބަންގްލަދޭޝް އިން މަސައްކަތްތެރިން ގެންނަން ހުޅުވާލި ހުޅުވާލުމެވެ. ދެވަނަ ކަމަކީ, ނިމިދިޔަ ސަރުކާރުން އިންޑިއާ އާއެކު ހަދާފައި ވާ މުހިންމު ބައެއް އެގްރީމަންޓުތައް މުރާޖައާ ކުރަން ފެށުމެވެ. އެގޮތުން ރާއްޖޭގެ ކަނޑު އަޑީގެ ޗާޓު ކުރަހަން އިންޑިއާ އާއެކު ހެދި އެއްބަސްވުން އިތުރަށް ކުރިއަށް ނުގެންދަން ނިންމުމެވެ. ޗައިނާއިން ބަލަހައްޓަމުން ދިޔަ ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ހުއްޓުވާފައި ވަނިކޮށް މިސަރުކާރުން އަލުން ފެށުމަކީވެސް ކަމެކެވެ. ހަމަ އެހެންމެ ވެރިކަމަށް ފަހު އެކިއެކި ޗެނަލްތަކަށް ރައީސް މުއިއްޒު ދެއްވާފައި ވާ ބަސްދީގަތުންތަކުގައި ޗައިނާ އާއެކު އާ އުސްމިންތަކަކަށް ވަޑައިގަތުމަށާއި ތަރައްގީގެ ރޮނގުގައި އިތުރަށް ބަދަހިކަން ގެންނަން ބޭނުންފުޅުވާ ކަމަށް ވިދާޅުވުމަކީވެސް ކަމެކެވެ.
އާ ސަރުކާރުގެ ސިޔާސަތު އިންޑިއާ އާ ފެއަށް ސީނު ކަރައާއި މެދުއިރުމައްޗަށް ހުރި އިރު އެއީ އިންޑިއާ މޭކަރާ ކަމެކެވެ. އިންޑިއާގެ ބޭރުގެ ވިޔަފާރީގެ 50 ޕަސެންޓް އަދި އިންޑިއާއަށް އެތެރެ ކުރާ ހަކަތައިގެ 80 ޕަސެންޓް ދަތުރު ކުރަނީ އިންޑިއާ ކަނޑުގެ ކަނޑުއޮޅިތަކުން ކަމަށް ވާއިރު, ރާއްޖޭގެ ގުޅުމަކީ އިންޑިއާ އަށް ދޫކޮށްލެވޭނެ ވަރުގެ ގުޅުމަކަށް ނުވާނެއެވެ.
ރާއްޖޭގެ މިހާރުގެ ސަރުކާރަކީ އިންޑިއާއިން ހަތުރެއްގެ ގޮތުގައި ބަލާ ޗައިނާ އާ ގާތް ގުޅުމެއް ބާއްވާ ސަރުކާރެއްގެ ގޮތުގައި ފެނިގެން ދިޔުމަކީ ހަޖަމް ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް އެނަލިސްޓުން ބުނެއެވެ. އިންޑިއާ ކަނޑުގެ ބާރުގެ ތެރެއަށް ޗައިނާ ވަނުމަކީ އިންޑިއާ ރުހޭނެ ކަމަކަށް ނުވާ އިރު ރާއްޖެއާ ގުޅުން ބަދަހިކޮށް, ރާއްޖެއަށް އެކިއެކި ރޮނގުރޮނގުން އެހީތެރިކަން ދޭން އިންޑިއާ އޮންނާނީ ތައްޔާރަށް ކަމަށް ވެސް އެނަލިސްޓުންގެ ވާހަކައިގައި ފާހަގަ ކުރެއެވެ.
ދުނިޔޭގެ ބާރުތަކާއި ނުފޫޒުތައް ބެހި އެއްބަޔަކާއި އަނެއް ބަޔަކު ގުޅިފައި ހުންނަ ގޮތުންނާއި ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިންޑިއާ އަށް ރާއްޖެ ދޫކޮށްލައިގެން ތިބޭކަށް އެފޯޑެއް ނުކުރެވޭނެއެވެ. ނުވަތަ ފުއްދައެއް ނުލެވޭނެއެވެ.
އެހެން ކަމުން މުއިއްޒުގެ ކުރިފުޅުމަތީގައި އޮތް ސުވާލު ސާފެވެ. އެއީ އިންޑިއާ އައުޓް ވާން ބޭނުންފުޅުވާނަމަ އެހެން ފަރާތްތައް އިން ކުރެއްވުމެވެ. އެކްސްޕާޓުން ބުނަނީ މުއިއްޒުގެ ދަތުރުފުޅުތަކުގެ ބޭނުމަކީ އެއީ ކަމަށެވެ.
އެމްޑީޕީ2018ގަވެރިކަމައް އަންނަންވީވައުދަކީ ބޮޑުހިޔާާނާތުގެ މައްސަލަބެުލުން ބެލިތޯބޮޑުތަނުން ހިޔާނައިއްވީ ވަގުންދޫކޮއްލީީ