މި ޒަމާނުގެ ހަތިޔާރުގެ ގާބިލުކަމާއި ކުޅަދާނަ ކަމަށް އަލިއަލުވާލައްވައި ދުނިޔޭގައި ހިނގަމުން ދާ ހަމަނުޖހުންތަކުގެ ނަތީޖާ އަކީ 3 ވަނަ ބޮޑުހަނޑުރާމަ އަށް ވިޔަ ނުދެއްވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނާންޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެކަން ހާމަ ކުރައްވާފައި ވާ ޓްރަމްޕް ވިދާޅުވީ, ދުނިޔޭގެ އެތަން މިތާނގައި ހިނގަމުން ދާ ހަމަނުޖެހުންތަކާއި ހަނގުރާމަތައް ފުޅާވެގެން ދިޔުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި އޭނާގެ ވެރިކަމެއްގައި ހަނގުރާމަ ފުޅާވެގެން ދާން ޖާގަ ނުދެއްވާނެ ކަމަށެވެ. މެދުއިރުމަތީގައި އިޒްރޭލާއި ހަމާސް, އަދި އިޒްރޭލާއި ހިޒުބުއްލޯ އަދި އިޒްރޭލާއި ހޫތީންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ފުޅާވަމުން ދާ މިސްރާބަށް ކަންކަން ފެންނަމުން ދާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދާ މިދަނޑިވަޅުވަޅުގައި ޓްރަމްޕް ވިދާޅުވީ, މިވަގުތު ދުނިޔޭގައި ހުރި ހަތިޔާރަކީ ތަނެއް އެއްކޮށް ނައްތާލުމުގެ ގާބިލުކަންވެސް ހުރި ހަތިޔާރު ކަމަށާއި ހަމަނުޖެހުންތައް ފުޅާވެގެން ދިޔުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ދުނިޔެ ތިންވަނަ ބޮޑުހަނގުރާމަ އަކަށް ދިޔަ ނުދީ ސަލާމަތް ކުރެވޭނެ ހަމައެކަނި ފަރާތަކީ އޭނާ ކަމަށާއި އެކަން ކުރައްވާނީވެސް އޭނާ ކަމަށެވެ.

"ޒަމާނީ ހަތިޔާރާއެކު ދުނިޔެ މިވަނީ މީގެ ކުރިން ނުދެކޭ ވަރުގެ ނުރައްކާތެރި ތަނަކަށް ބަދަލުވެފައި, އަހަރެން ބުނާނަން, ތަކުރާރުކޮށްވެސް ބުނާނަން, ތިންވަނަ ބޮޑުހަނގުރާމައަކަށް ނުގޮސް ދުނިޔެ ސަލާމަތް ކުރެވޭނެ ހަމައެކަނި މީހަކީ އަހަރެން"
ޓްރަމްޕް

އޭނާ މީގެ ކުރިންވެސް ވަނީ ޔޫކްރައިން ރަޝިއާ ހަނގުރާމައަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އޭނާ އޭރު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފި ނަމަ 24 ގަޑިއިރުގެ ތެރޭގައި ޔޫކްރައިން ރަޝިއާ ހަނގުރާމަ ހުއްޓުވާލައްވާނެ ކަމަށެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ ޓްރަމްޕް ވަނީ ޖޯ ބައިޑަން ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ހަމަނުޖެހުންތައ އިތުރަށް ހޫނުވެ ފުޅާވުން ނޫން ކަމެއް ނުވާ ކަމަށާއި އޭގެ އެއް މިސާލަކީ ރަޝިއާ އާއި ޔޫކްރައިން އަދި އިޒްރޭލާއި ހަމާސް ކަމަށެވެ.

މީގެ އިތުރުން ވެސް ޓްރަމްޕް ވަނީ އެމެރިކާއަށް ދިމާވެފައި ވާ ދާހިލީ ބައެއް މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ, އެމެރިކާއަށް ދިމާވެފައި ވާ އެންމެ ބޮޑު އެއް މައްސަލައަކީ ހިޖުރަވެރިންނާއި ލިޔެކިޔުން ނެތި އެތެރެވާ މީހުންގެ މައްސަލަ ކަމަށެވެ. އެމީހުން ގެންދަނީ އެމެރިކާގެ 'ލޭ ބޮމުން, އެމެރިކާގެ އިޖުތިމާއީ ފޭރާން ހަލާކު ކުރަމުން' ކަމަށާއި އޭނާގެ ވެރިކަމެއްގައި އެފަދަ އެންމެން ބޭރު ކޮށްލައްވާނެ ކަމަށެވެ. ޓްރަމްޕަކީ އޭނާގެ ވެރިކަމުގައި ވެސް މެކްސިކޯއިން އެމެރިކާއަށް ވަގަށް އެތެރެވާ މީހުން ހުއްޓުވުމަށް ބޮޑު ފާރެއް [ފެންސެއް] ހެއްދެވި ބޭފުޅެކެވެ.

އެމެރިކާގެ ރިޔާސީ ރޭހުގައި އިދިކޮޅު ރިޕަބްލިކަނުންގެ ކެންޑިޑެސީ ޔަގީން ކުރައްވާނީ ޓްރަމްޕް ކަމަށް ބެލެވޭއިރު އޭނާގެ ވެރިކަމުގައި ހިނަގަވާފައި ވާ ގާނޫނާއި ގަވައިދާ ހިލާފު ކަންކަމާއި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ކަންކަމާއި ކަސްބީ އަންހެނުންނާ ގުޅުން ބޭއްވެވި މައްސަލަ ފަދަ މައްސަލަތައް މަތިކޮށް މިހާރުވެސް ކުރިއަށް ދާ ޝަރީއަތްތައް އެބަ ހުއްޓެވެ.

މި ތުހުމަތުތަކަކީ ސިޔާސީ ގޮތުން އޭނާ ބަލިކޮށްލަން ބައިޑަންގެ ސަރުކާރުން އުފައްދާވައިވާ ކަންކަމުގެ މައްޗަށް ކުރާ ތުހުމަތުކަމަށް ޓްރަމްޕް ވިދާޅުވާއިރު މިއަދު އެމެރިކާގެ ކޮލަރާޑޯގެ ކޯޓަކުން ވަނީ ޓްރަމްޕަށް 2024 ގައި އެ ސްޓޭޓުގެ ތާއީދު ނެތް ކަމަށާއި ކުރިމަތި ނުލެވޭނެކަމަށް ނިންމާފައެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ކުރިއަށް ދާ ގޮތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ހޯއްދަވަން ޖެހިވަޑައިގަންނަވާ އިކެލްޓޯރަލް ސްޓޭޓް ތަކެއް ހުރެއެވެ. ކޮލަރާޑޯ ވޯޓު ލިބިވަޑައިނުގެންނެވި ނަމަވެސް ކޮލަރާޑޯ ނަމޫނާއަކަށް ބަލައިގެން އިލެކްޓޯރަލް ސްޓޭޓަކުން އެފަދަ ނިންމުމެއް ނިންމައިފި ނަމަ ޓްރަމްޕަށް ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.