ރަތް ކަނޑުގައި އިޒްރޭލަށް ދަތުރު ކުރާ އަދި އިޒްރޭލަށް ނިސްބަތްވާ ހުރިހާ ބޯޓެއް ފައްތާލާނެ ކަމަށް ހޫތީން ބުނެ އިންޒާރު ދީފައި ވުމުން, ހޫތީން ހުއްޓުވަން އެމެރިކާއިން ކޯލިޝަނެއް އުފައްދައިފިއެވެ.
އެމެރިކާ, އިނގިރޭސިވިލާން, ކެނެޑާ, ފުރާންސް, ބަހްރައިން, ނޯވޭ އަދި ސްޕެއިން ހިމެނޭ ކޯމިޝަނަށް ކިޔަނީ, 'އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަން' އެވެ. މި ކޯލިޝަންގައި ބައިވެރިވުމަށް ސައުދީ އާއި ޔޫއޭއިން ދެކޮޅު ހަދާފައި ވާ އިރު, އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ 40 ގައުމެއްގެ މިނިސްޓަނުންނާއެކު މިއަދު ވާޗުއަލް މީޓިންއެއް ވެސް ބާއްވާފައެވެ. އެ މީޓިންގައި އިތުރު ގައުމުތަކުން އެ ކޯލިޝަނާ ގުޅުމަށް އޭނާ އެދިވަޑައިގެންފައި ވީ ނަމަވެސް, އެ 7 ގައުމު ފިޔަވައި އަދި އިތުރު ގައުމަކުން ބައިވެރިވާނެކަން ހާމަކޮށްފައެއް ނުވެއެވެ.
ސައުދީ އާއި ޔޫއޭއީ އަކީ އިސްތިރާޖީ ގޮތުން ހޫތީން ނިސްބަތްވާ ޔަމަންގެ ބުޑުގައި އޮންނަ 2 ގައުމަށް ވީ ނަމަވެސް އެ ދެގައުމުން އެ ކޯލިޝަންގައި ބައިވެރިވާން ދެކޮޅު ހަދަނީ ނުވަތަ ފަސް ޖެހެނީ ހޫތީންގެ ހަމަލާތަކަކާ އެ ގައުމުތަކަށް ކުރިމަތިލާން ޖެހިދާނެކަމުގެ ބިރަށް ކަމަށް މުރާސިލުން ބުނެއެވެ.
ތެލާއި, ނެޗުރަލް ގޭސް ބަރުކޮށްގެން ދަތުރު ކުރާ އާގުބޯޓުފަހަރު އެންމެ ގިނައިން ދަތުރު ކުރާ ރަތް ކަނޑުގެ ސަމާލަމަށް ހޫތީންގެ ސަބަބުން ނުރައްކާވެފައި ވާ އިރު, ހޫތީން ބުނެފައި ވަނީ, އިޒްރޭލުން ގާޒާއަށް އަދި ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި އެމީހުންނަށް ކާބޯތަކެއްޗާއި ބޭސް ލިބޭނެ ގޮތް ހަދައި ނުދޭހާ ހިނދަކު ބޯޓުތަކަށް ހަމަލާ ދިނުން ނުހުއްޓާނެ ކަމަށެވެ. އަދި އިޒްރޭލަށް ދަތުރު ކުރާ އަދި އިޒްރޭލަށް ނިސްބަތްވާ ކޮންމެ ބޯޓަކަށް ހަމަލާ ދޭނެ ކަމަށާއި ފައްތާލާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ހޫތީންގެ ހަމަލާތަކުގެ ބިރަށް ދުނިޔޭގެ އެންމެ ބޮޑެތި ޝިޕިންލައިން ތަކުގެ ދަތުރުތައް ބަދަލުކޮށް އެފްރިކާގެ ކޭޕްގެ ގްޑްހޯޕް ވަށާލައި ދާން ނިންމާފައި ވުމުން, ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތަށް އުފުލިގެން ހިނގައިދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ކުރިން ރެޑް ސީގެ ބަބް އަލް މަންދަބް ނުވަތަ ޓިއާސް އޮފް ގޯޑްގެ ނަމުން ނަން ދީފައިވާ ޗެނަލްއިން ދަތުރު ކުރާ އިރު މަގު ކުރުވުމާއި އަވަސްވުމުގެ ސަބަބުން ތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުނު ނަމަވެސް މިހާރު އެފްރިކާ ވަށާލައި ދާން ޖެހުނުމުން މަގު ދުރުވެ އިންތިހާއަށް ތަކުލީފްތައް ވަނީ ބޮޑުވެފައެވެ. އަދި ކުރިން ކުރަމުން އައި ދަތުރަށް އިތުރު 3500 ނޯޓިކަލް މޭލު އިތުރުވާ ކަމަށް ވެސް ޝިޕިން ކުންފުނިތަކުން ވަނީ ބުނެފައެވެ.
އެމެރިކާ ގުޅިގެން ރަތްކަނޑު ބަލަހައްޓަން ޓާސްކްފޯހެއް ހެދިނަމަވެސް ހޫތީންގެ ނުރައްކަލުން ސަލާމަތް ވާކަން ކުންފުނިތަކަށް ޔަގީން ނުކުރެވޭ ކަމަށާއި އެހެން ކަމުން ރަތްކަނޑުގެ ދަތުރުތައް ހުއްޓާލަން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނުގެންނާނެ ކަމަށް ވެސް ކުންފުނިތަކުން ވަނީ ބުނެފައެވެ.
މި ހިނގާ ހަފްތާގައި ވެސް ހޫތީން ވަނީ 2 ބޯޓަކަށް ހަމަލާ ދީފައެވެ. އަދި އޭގެ ކުރިން 15 ވަރަކަށް ބޯޓަށް ހަމަލާ ދީފައިވާ އިރު, ބައެއް ބޯޓުތައް ހައިޖެކްކޮށްގެން ޔަމަނަށް ގެންގޮސްފައި ވެސް ވެއެވެ.
ހޫތީންނަކީ ޔަމަނުގައި އޮންނަ ހަތިޔާރުއެޅި ބޮޑު އާމީއެކެވެ. އެ މީހުންގެ އަތުގައި ދުރުރާސްތާ މިސައިލާއި, އަސްކަރީ މަތިންދާބޯޓާއި ހެލިކޮޕްޓަރާއި އަމާޒަށް ވާސިލުވާ އެންމެ ޒަމާނީ ހަތިޔާރުވެސް އެބަހުއްޓެވެ.
ހޫތީން ބުނެފައި ވަނީ, އެމީހުން ނުހުއްޓުވޭނެ ކަމަށާއި އިޒްރޭލުގެ ހަނގުރާމައިގައި އެމީހުން ތިބީ ހަމާސް އާ އެކުގައި ކަމަށެވެ.