ވާލްޑް ބޭންކުގެ އެހީތެރިކަމާއިއެކު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި ކުރިއަށް ގެންދާ އެކްސެލަރޭޓިން ރިނިއުވަބަލް އެނަޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިންބަލް އެނަރޖީ - އެރައިސް މަޝްރޫއުގެ ދަށުން ރާއްޖޭގެ 19 ރަށެއްގައި ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެ މިނިސްޓްރީއިން ބުނީ އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 3 ލޮޓަކަށް ބަހާލައިގެންނެވެ.

ލޮޓުތަކުގައި ހިމެނޭ ރަށްތަކާއި ހަވާލުކުރި ކުންފުނިތައް:

  • ލޮޓް އެކެއްގެ ހިމެނޭ ރަށްތަކަކީ އައްޑޫ ސިޓީގެ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީއެވެ. މި ލޮޓްގައި ހިމެނޭ ރަށްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް އެބަސްވުމުގައި ސޮއިކުރީ ނަންޖިން ޑާޖީ ސްޓީލް ޓަވާ މެނުފެކްޗަރިން ކޯ ލިމިޓެޑާއިއެކުއެވެ. އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ލީ ގިއަންއެވެ.
  • ލޮޓް ދޭއްގައި ހިމެނޭ ރަށްތަކަކީ ބ. އޭދަފުށި، ޅ. ހިންނަވަރު، އަދި ކުޅުދުއްފުށި ސިޓީއެވެ.
  • ލޮޓް ތިނެއްގައި ހިމެނޭ ރަށްތަކަކީ ލ. ފޮނަދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ދަނބިދޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. ހިތަދޫ، އަދި ށ. ފުނަދޫއެވެ.
  • ލޮޓް 2 އަދި 3 ހިމެނޭ ރަށްތަކުގެ ގްރިޑް އަޕްގްރޭޑްކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ޝީޖަޒްހުއަން ކެލިން ކޯ ލިމިޓެޑާއި އެކު ހަދާފައިވާ ޖޮއިންޓް ވެންޗާއަކުންނެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ޔިން ގިންގއެވެ.

އެއްބަސްވުމުގެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގް އިބްރާހިމެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރޮކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި ރަށްތަކުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަގަޅުކޮށް، ކަރަންޓުގެ ނިސްބަތުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކުރުމަށް މި މަޝްރޫއުގެ ސަބަބުން ފަހިވާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ދަށުން މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވާކް ފުޅާކުރުން ހިމެނެއެވެ. އޭގެ އިތުރުން ދުވަސްވެފައިވާ ޓްރާންސްފޯމާތައް ބަދަލުކުރުމާއި ނެޓްވާކްގެ ޓްރާންސްމިޝަން ކެޕޭސިޓީ އިތުރުކުރުމަށް އާ ސަބްސްޓޭޝަން ގާއިމުކުރުމާއި ޒަމާނީ ފެންވަރަށް ވިއުގަ ތަރައްގީކުރުމުގެ ގޮތުން ކޮމިއުނިކޭޝަންނެޓްވާކް އެޅުމާއި ނެޓްވާކަށް އޮޓޮމޭޓެޑް ފީޗާސްތައް އިންޓެގްރޭޓްކުރުން އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ.

މިނިސްޓްރީއިން ބުނީ ވޯލްޑް ބޭންކުގެ އިންޓާނޭޝަނަލް ޑިވޮލޮޕްމެންޓް އެސޯސިއޭޝަން (އައިޑާ) ގެ 6.2 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީއިން އެ ރަށްތަކުގެ ކަރަންޓު ވިއުގަތައް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީއިން ބުނީ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ގާއިމުކުރާ ފައިބާޕްޓިކް ކޮމިއުނިކޭޝަން ވިއުގަ ގާއިމުކުރުމާއި ނެޓްވޯކް އޮޓޮމޭޓެޑް ކުރުމުގެ ސަބަބުން އިންޖީނުގޭގެ އޮޕަރޭޓިންގް ސްޓޭޓަސް ވަގުތުން ބަލާލެވޭނެ ކަމަށާއި މިގޮތަށް ނެޓްވާކް އޮޓަމޭޓްކުރެވުމުން ހައިބްރިޑް ކަރަންޓު ނިޒާމު އެދެވޭ ގޮތަށް މަސައްކަތް ކުރުމާއި ދިމާވާ ކުދިކުދި ޓެކްނިކަލް މައްސަލަތައް ވަގުތުން ހައްލުކުރެވި ކަރަންޓުކެނޑޭ ހާލަތްތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދިއުމާއި ކަރަންޓު ވިއުގައިގެ ގިނަ މައުލޫމާތުތައް ބޭނުންވަގުތެއްގައި ފަސޭހަކަމާއެކު އޮޕަރޭޓަރުންނަށް ލިބުން ފަދަ ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.