ޗައިނާގެ ގަންސޫ ޕްރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ، 400 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.

ޗައިނާ ގަޑިން ރޭ 11:59 ހާއިރު 6.2 ގެ މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. ޗައިނާގެ ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނީ ގަންސޫ ސިޓީއިން މިހާތަނަށް 100 މީހުން މަރުވެފައި ވާއިރު، ޖެހިގެން އޮތް ޒިންގްހައިގެ ހައިޑޮންގް ސިޓީ އިން 11 މީހުން މަރުވެފައިވާ ކަމަށެވެ. މި ބިންހެލުމުގައި މިހާތަނަށް 20 މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާއިރު، އިމެޖެންސީ ރެސްޕޯންސްޓް ޓީމުތަނުން އަންނަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ.

މި ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ބައެއް އަވަށްތަކުން ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑިފައިވާ އިރު ވެއްޓިފައިވާ އިމާރާތުގެ ދަށުން މީހުން ސަލާމަތްކުރުމަށް ވަނީ ގިނަ ގޮންޖެހުންތަކާ ދިމާވެފައެވެ. މި ގޮތުން ޗައިނާގެ ބައެއް ހިސާބުތަކުގައި މިދިޔަ ހަފްތާއިން ފެށިގެން މޫސުން ވަރަށް ބޮޑަށް ބަދަލުވެފައިވާއިރު، ފިނީގެ ސަބަބުން މީހުން ސަލާމަތްކުރުމަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ.

ޗައިނާއަށް ބާރުގަދަ ބިންހެލުން އައުމަކީ އާންމުކަމަކަށްވާއިރު 2008 ވަނަ އަހަރު ސިޗުއާން އަށް 7.9 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމެއްގައި 87،000 މީހުން ވަނީ މަރުވެފައެވެ.