ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ 3 މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ އިސްލާހެއް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އެ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމްއެވެ.

މީކާއިލް ހުށަހެޅުއްވި އިސްލާހުގައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ގޯއްޗާއި، ގޯތީގެ ރަޖިސްޓްރީ ގޯތި ލިބުނު ފަރާތަށް ހަވާލުކުރަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން މި ގާނޫނާށް އަމަލު ކުރަންފަށާއިރު، ބަންޑާރަ ގޯތީ ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު، ހަވާލުކޮށްފައިނުވާ ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ގާނޫނަށް އަމަލު ކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތަށް ހަވާލު ކުރަންޖެހޭނެ ކަމަށް އެ އިސްލާހުގައިވެއެވެ.

މި އިސްލާހް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މީކާއީލް ފާހަގަ ކުރައްވާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓްގައި އާންމުކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައިވީނަމަވެސް، އެ ގޯތިތައް ހަވާލުކޮށްފައިނުވާތީ، އެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދަދިނުން ކަމަށެވެ.

މީކާއިލް އިތުރަށް ވިދާޅުވެފައިވަނީ މި އިސްލާހު ހުށަހެޅުއްވީ އެފަދަ މައްސަލައެއް ތަކުރާރުވެގެން ނުދާނެކަން ކަށަވަރު ކުރުމަށާއި ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަންޖެހޭ ގޮތް ހެދުމަށްޓަކައި ކަމަށެވެ.