19 ވަނަ މަޖިލީހުގެ މި ހިނގާ ދައުރު ތިން ވަނަ ފަހަރަށް އިތުރުކުރަން ރައްޔިތުން މަޖިލީހުން ނިންމައިފިއެވެ.

މި އަހަރުގެ ތިންވަނަ ދައުރު އެންމެ ފުރަތަމަ ދަންމާލާފައި މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދަންމާލަން ދެވަނަ ފަހަރަށް ވަނީ ނިންމާފައެވެ.

މަޖިލިހުގެ ތިން ވަނަ ދައުރު ދަންމާލަން ހުށަހެޅުއްވާ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ގޮތެއް ނިންމަން ޖެހޭތީ މަޖިލިހުގެ ދައުރު ދަންމާލަން ބޭނުންވާ ކަމަށެވެ. އެއަށްފަހު ވޯޓަށް އަހާފައިވާއިރު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުން ދައުރު ދަންމާލަން ވަނީ ފާސްކޮށްފައެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުގެ ބޮޑު ބައެއް ހޭދަވީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިއެވެ.

އެހެންވެ ކޮމިޓީތައް ހުއްޓި ބިލުތަކުގެ މަސައްކަތްތައް ނުކުރެވުމުގެ އިތުރުން، ނަޝީދުގެ މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުގެ މަސައްކަތްތައް ވެސް ފެށުނީ ލަހުންނެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ތިންވަނަ ދައުރު ހިނގަމުން ދާނީ މިދިޔަ މަހުގެ ނިޔަލަށެވެ. އަދި މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން ނަމަ ޑިސެމްބަރު މަހުން ފެށިގެން މަޖިލިސް އޮންނާނީ ޗުއްޓީގައެވެ.