ބޭންކް އޮފް މޯލްޑިވްސްގަ މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަން ކޮށް، 'އެމްޕްލޯއީ ސްޓާ އެވޯޑްސް' 20 މުވައްޒަފަކަށް ދީފިއެވެ.

މިއީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަފުންގެ އިތުރުން ތައުލީމާއި، ކުޅިވަރާއި އެހެނިހެން ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީ ފާހަގަކޮށް، ކޮންމެ މަހަކުވެސް އެ ބޭންކުން ދެމުން ގެންދާ އެވޯޑެކެވެ.

ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަށް އެވޯޑް ދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކާލް ސްޓުމްކަ އެވެ.

އެވޯޑް ހަވާލުކޮށް ރަސްމިއްޔާތުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ކާލް ވިދާޅުވީ، އެމްޕްލޯއީ ސްޓާ އެވޯޑްސް އާއެކު ބޭންކުގެ ކަސްޓަމަރުންނާއި، ބޭންކުގެ ހިދުމަތް ލިބޭ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ބޭންކުގެ މުވައްޒަފުން ކުރާ ބުރަ އަދި ފަރުވާތެރި މަސައްކަތް ފާހަނގަކޮށް އަގުވަޒަންކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

އަދި ގަވާއިދުން ދެމުންދާ މި އެވޯޑަކީ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ހިތްވަރު ލިބިގެންދާނެ އެވޯޑެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުވައްޒަފުންކުރަމުންދާ ލާމަސީލު މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ ސްޓާ އެވޯޑްސް ތައާރަފްކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. މި އެވޯޑްގެ އިތުރުން، ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ސްޓާފް އެވޯޑްސް' އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ލޯންގް ސަރވިސް އެވޯޑްސް' ވެސް ބޭންކުން އަންނަނީ ބާއްވަމުންނެވެ.