މި ސަރުކާރުން 22 މިނިސްޓްރީއަކަށް އައްޔަންކުރި 22 މިނިސްޓަރުންނަށް ރުހުންދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ހޯދުމަށް މަޖިލީހަށް މައްސަލަ ފޮނުވީ މިދިޔަ މަހު 20 ގައެވެ. އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއިން ދިރާސާކޮށް، މި މަހުގެ 10 ވަނަ ދުވަހު ނިންމާފައިވަނީ 22 މިނިސްޓަރުންގެ ނަން އެއްފަހަރާ ތަޅުމަށް ފޮނުވައި ވަކިވަކިން ވޯޓަށް އަހަންށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދޭން ފާސްކޮށް ތަޅުމުގައި ވަކިވަކިން އަހާ ގޮތަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން އިދިކޮޅު ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އިއްތިފާގުވެފައިވާ ކަމަށް، ބައެއް މަސްދަރުތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.

މިކަން އެ ޕާޓީގެ ބައެއް މެންބަރުން ކަށަވަރު ވެސް ކޮށްދީފައިވެއެވެ.

ބެލެވޭ ގޮތުގައި އެމްޑީޕީން ރުހުން ނުދޭން ނިންމާފައި ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށެވެ. ހަމަ އެހެންމެ، ވަޒީރުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލަށް ވެސް ރުހުން ނުދޭނެ ކަމަށް ބައެއް މަސްދަރުތަކުގައި ބުނެއެވެ. އެކަމަކު އެކަން 'ދަ ޕްރެސް' އަށް ޔަގީން ކުރެވިފައެއް ނުވެއެވެ.

ހައިދަރަށް އެމްޑީޕީން ރުހުން ނުދޭ ސަބަބެއް ކަމަށް ބެލެވެނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް، ހައިދަރަށް ރުހުން ނުދޭން ގޮވާލައްވާފައި ވުމާއި ހައުސިންގެ މައްސަލަތަކެވެ. ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ، ހައިދަރު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިން އާ ސަރުކާރުން މާލޭ މީހުންގެ ބޯހިޔާވަހިކަން އަތުލުމަށް މަސައްކަތްކުރާ މިންވަރު ހާމަވާ ކަމަށެވެ.