ގާޒާގެ ރައްޔިތުންނަށް އިޒްރޭލުން ޖައްސަމުން ދާ އަހުވައާއި ދޭ ލާއިންސާނީ އަނިޔާ ހައްދުފަހަނައަޅާ ގޮސްފައި ވާ އިރު ކާއެތިކޮޅެއް ނުލިބި އެތައް ބަޔަކު ބަނޑަށް ތިބެން ޖެހިފައިވާ ކަމަށް އެހީ ފޯރުކޮށްދޭ އދ ގެ އިދާރާ, ޔޫއެންއާރުޑަބްލިއުއޭ ގެ އޮފިޝަލުން ބުނެފިއެވެ.
އެގޮތުން ބައެއް މީހުން ރެއާއި ދުވާ ހޭދަކުރަމުން ދަނީ އަތުރެތެ ތެންމާލާނެ ފެންތިކެއްވެސް ނެތި ކަމަށާއި, އަނެއް ބަޔަކަށް ކާން ނުލިބި 2 ދުވަސް އަދި 3 ދުވަސް ވެސް ވެފައި ވާ ކަމަށެވެ.
އެ އިދާރާއިން ބުނީ, އިޒްރޭލުން ހަމަލާތައް ހުއްޓާލައި އަލުން ފެށިފަހުން އިންސާނީ އެހީގެ ތަކެތި ގާޒާއަށް ވެއްދިޔަ ނުދީ ހުރަސް އަޅަމުން ދާއިރު, ބަނޑަށް ޖެހި ހައިހޫނު ކަމުގައި ގިނަ ބަޔަކު މަރުވެދާނެ ކަމުގެ ބިރު މިހާރު ބޮޑުވަމުން ދާ ކަމަށެވެ.
ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ އާބާދީއަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި އެނޫންވެސް ޒަރޫރީ ތަކެތީގެ ތެރެއިން މިހާރު ލިބެނީ ކަނޑަށް ވެއްޓޭ ފެންތިއްކެއް ވަރުގެ ކުޑަ އެތިކޮޅެއް ކަމަށާއި އެއީ އެ އާބާދީއަށް އެއްގޮތަކަށް ވެސް ފުދޭނެ މިންވަރެއް ނޫން ކަމަށެވެ.
އެ އިދާރާއިން އިތުރަށް ބުނީ އެ ހާލަތުގައި ގާޒާގެ މަޝްރަހު އޮތް އިރު, އާއިލާތަކުގެ ތުއްތު ދަރިންނަށް ދޭނެ ފެންފޮދެއްހާ ހިސާބުވެސް މިހާރު ނެތް ކަމަށެވެ.
"މިއީ އިންސާނީ މުސީބާތަކަށް ވުރެވެސް ބޮޑުވަރު"
މިހާލަތުގައި ގާޒާ އޮތް އިރު ކާބޯތަކެތި ހޯދަން އެތައް ސަތޭކަ ބަޔަކު މިހާރުވެސް ތިބީ އދ ގެ ސެންޓަރުތަކުގެ ދޮރުމަތީގައެވެ. އެތަންތަން ފުރި ބާރުވެފައި ވާ އިރު ހުރި މަދު އެތިކޮޅު އެންމެނަށް ބެހުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ އިދާރާއިން ބުނެއެވެ.
އދ ގެ އިދާރާތަކުން ބުނާ ގޮތުގައި މިއަދުވެސް ގާޒާއަށް އެހީގެ 100 ޓްރަކް ވައްދަން ހުއްދަ އޮތް ނަމަވެސް އޭގެ ތެރެއިން އެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ވާ ތަންތަނަށް ލިބޭނީ 50 ޓްރަކެވެ. ބާކީ އެހެން ސަރަހައްދުތަކަށް ދާން ހަމަޖެހިފައި އޮތް ނަމަވެސް އެއީ މިވަގުތު އެތާ އޮތް އާބާދީއަށް އެއްގޮތަކަށް ވެސް އެކަށީގެންވާ މިންވަރެއް ނޫނެވެ. އަދި މިއީ "އިންސާނީ ސުނާމީއެއް" ކަމަށް ވެސް އެއިދާރާއިން ބުނެފައި ވެއެވެ.
ފަހުގެ ހަބަރުތައް ބުނާގޮތުން, މިއަދު އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން މުޅި ގާޒާއިން މިހާރު ވަނީ މުވާސަލާތީ ހިދުމަތް އަލުން ކެނޑިފައެވެ. މިއަދު ހަމަލާތަކުގައި ވެސް އެތައް ބަޔަކު ޝަހީދު ކޮށްލާފައި ވާ އިރު ރަހީނުންގެ ގޮތުގައިވެސް އެތައް ބަޔަކު ވަނީ ގެންގޮސްފައެވެ.
އަދި ހުޅަނގު އައްސޭރީގެ ޖެނީން އާއި އެހެނިހެން ސަރަހައްދުތަކުގައި ވެސް ޔަހޫދީން އުދުވާންތައް ހިންގަމުން ދާއިރު ޖެނީންގެ މިސްކިތަކަށް އަރާ ޔަހޫދީންގެ އީދެއް ފާހަގަ ކުރަން ކިޔާ ލަވަކިޔާ, މިސްކިތް ތެރޭގައި އެންކަލް ބޫޓާއެކު ހިނގާ, މިންބަރަށް އަރާ އަޑުގަދަކޮށް ހަދާފައި ވެއެވެ.
އަނެއްކޮޅުން އިޒްރޭލާއި ހިޒުބުއްލޯ އާ ދެމެދު މިއަދުވެސް ހަމަލާތައް ބަދަލު ކޮށްފައި ވެއެވެ. ލުބުނާނާއި އިޒްރޭލު ގުޅޭ ބޯޑަރުގައި ހަމަލާތައް ބަދަލު ކުރި އިރު އިޒްރޭލުގެ މަތިންދާ ބޯޓުތަކުން ވަނީ ހިޒްބުއްލޯގެ މަގާމުތަކަށް ބޮން އަޅާފައެވެ. މި އޮޕަރޭޝަންގައި ސީރިއާގެ ބައެއް ތަންތަނަށް ވެސް ބޮން އެޅިއެވެ.