މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ޑެންގޫ ޖެހިގެން 210 މީހަކަށް ފަރުވާދީފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތުގެ މި މަހުގެ ތަފްސީލު ހާމަކުރަމުން އެޗްޕީއޭއިން ބުނީ މިދިޔަ އޮކްޓޯބަރު މަހު ޑެންގޫ ޖެހިގެން ފަރުވާދީފައިވަނީ 306 މީހަކަށް ކަމަށެވެ.

މިދިޔަ އަހަރު އެ މުއްދަތުގައި ޑެންގޫ ޖެހުނު މިންވަރަށް ބަލާއިރު، މިއަހަރު އެ މުއްދަތުގައި ރިޕޯޓް ކުރި މިންވަރު ވަނީ މަދުވެފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޑެންގޫ ޖެހިގެން 660 މީހަކަށް ފަރުވާދީފައިވާއިރު ނޮވެންބަރު މަހު ވަނީ 282 މީހަކަށް ޑެންގޫ ޖެހިގެން ފަރުވާދީފައެވެ.

ޑެންގޫއިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައިވާ ކަންތައްތައް:

  • މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުން، މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުން.
  • ފަތިހާއި ހަވީރު އަދި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން.
  • ހުސް ފުޅި، ފަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރޭއާއި މަގުމައްޗަށް އުކާނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން.

ޑެންގޫ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި އަރާމުކުރުމާއި ގިނަގިނައިން ދިޔާއެއްޗެހި ބޭނުން ކުރުން ހިމެނެއެވެ. ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ލޮނު ޕެކެޓު، ސޫޕް ފަދަ ތަކެތި ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ގޭގައި ދެވޭނެ އިތުރު ފަރުވާގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައިވަނީ ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރުން ހިމެނެއެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ ދިޔާ އެއްޗެހި ބޭނުން ނުކުރެވޭނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހަށްވުރެ މިދިޔަ މަހު ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާވެސް ދަށްވެފައިވާއިރު މިދިޔަ އޮކްޓޯބަރު މަހު 35154 މީހަކަށް އަރިދަފުސް ރޯގާ ޖެހިފައިވާއިރު މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ފަރުވާ ހޯދާފައިވަނީ 30410 މީހެކެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު 9743 މީހަކު ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކާފައިވާއިރު އެ އަދަދު ދަށްވެ، މިދިޔަ މަހުގެ ތެރޭގައި ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކާފައިވަނީ 5063 މީހެކެވެ.