ޝަރީއަތް ނިމެންދެން ކ. މާފުށި ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ މިއަދު މަރުވެފައި ވަނީ ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޕީޓާ ތޯމަސް ޑަސް 59އ. ކަމަށެވެ.

އޭނާ ކުއްލިއަކަށް ހޭނެތިގެން ގޮޅީތެރެއަށް ވެއްޓުމާއެކު މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދިން ކަމަށް ވެއެވެ. އަދި އިތުރަށް ބެލުމަށްފަހުވެސް ނޭވާ ނުލުމުން، 4:01 ގައި އޭނާ ހިތްހުއްޓިގެން މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އޭނާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޕީޓާގެ މަރުގެ ހަބަރު ވަގުތުން އޭނާގެ އާއިލާއަށް ވަނީ އަންގާފައެވެ.

އަދި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް ވެސް އަންގާފައިވާ ކަމަށް ކަރެކްޝަނުން ވަނީ މައުލޫމާތު ދީފައެވެ.