ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރެއްވި މައްސަލައިގައި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ ގޮތުން ޖޭއެސްސީން ފޮނުވި މައްސަލައާ މެދު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި އެއް މެންބަރަކު ފިޔަވައި 46 މެންބަރުން ވޯޓު ދެއްވީ އަލީ އާދަމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށެވެ.
ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، އަލީ އާދަމް ޒާތީ މެސެޖުކުރި ކަމަށް ބުނެ ޖޭއެސްސީން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ހުށަހެޅި މައްސަލައިގައި އެ ކޮމިޓީން ކުރި ތަހުގީގުގައި އަލީ އާދަމް ވަނީ އެކަމަށް އިއުތިރާފުވެފައެވެ.
ކޮމިޓީ އަށް އަލީ އާދަމް ހާޒިރުކުރުމުން، އެ ކަމަށް އިއުތިރާފުވެ، ދިފާއުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވަރިވާން ދިޔަ އަންހެނަކަށް ކުރި މެސެޖުތަކަކީ ހުށަހަޅާފައި އޮތް މައްސަލައިގެ ހުކުމާ ގުޅިގެން ޖޭއެސްސީ އަށް މައްސަލަ ހުށަހަޅާފާނެ ކަމުގެ ބިރު އޮތުމުން ރަނގަޅު ގުޅުމެއް ބޭއްވުމަށް ކުރި މެސެޖުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ މެސެޖުތައް ފޮހެލަން އެދުނީ މީހަކަށް ފެނިގެން މައްސަލައެއް އުފެދިދާނެތީ ކަމަށެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ޖޭއެސްސީން އަލީ އާދަމްގެ މައްސަލަ ބެލީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ނިންމައި، އެ ކޮމިޝަނާއި ކޮމިޓީގެ ނިންމުމަށް ރިއާޔަތްކޮށް، މައްސަލައާ މެދު ގޮތް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ.
މި މައްސަލައިގައި އަލީ އާދަމް މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ މިދިޔަ އޭޕްރިލް މަހުގެ 25 ގައެވެ. އަދި ޖުލައި 12 އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ ވަނީ އެކަހެރިކޮށްފައެވެ.
މި މައްސަލައިގެ އިތުރުން މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ވެސް އަލީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ޖޭއެސްސީން ވަނީ ފިޔަވަޅު އަޅާފައެވެ. މި ގޮތުން ތަފްރީގުކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވުމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ވަނީ ސާބިތުވެފައެވެ.
މިކަހަލަ މީހުން މުޅި އުމުރުދުވަހު ކުރި މަސައްކަތް ގެއްލިނުދާނެގޮތަކަށް މިކަން ކުރަންވެއްޖެ. ފަނޑިޔާރުވިޔަސް، އެހެންމީހަކުވިޔަސް. މީކީ ވާންޖެހޭ އެންމެ ރަނގަޅުގޮތެއްނޫން. މިހާރު މިކަހަލަ ކަންކަމަކީ ވަޒީފާގެގޮތުން ހިނގައިފާނެ ކަންކަން. ގަސްދުގަވެސް ކުރާ ކަންކަން. ވަޒީފާ ގެއްލުންނޫން އަދަބުވެސް ދެވޭނެ. ޖޭއެސްސީން ނިންމާފައޮތީ މަގާމު ދަށްކުރަން. އެ އަދަބު ރަނގަޅުކަމަށްފެނޭ.