މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ސިއްރު ކެމެރާތަކެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖާސޫސް ކުރަން އުޅުނު މައްސަލަ ރައްޔިތުން މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާ ކުރަން ފަށައިފިއެވެ.

މި މައްސަލަ ދިރާސާކުރުމަށް މިއަދު ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީގައި އެޖެންޑާކޮށްގެން މިހާރުކުރިއަށް އެބަދެއެވެ. އެގޮތުން އެ ކޮމިޓީގެ އެޖެންޑާގެ ފުރަތަމަ ނަންބަރުގައި ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގި ސެކިއުރިޓީއަށް ނުރައްކާވާ ފަދަ ހާދިސާ ބަލައިދިނުމަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށެވެ.

އެ މައްސަލާގައި އެ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި ނަމަވެސް ބަންދުގެ މުއްދަތު ހަމަވުމާއެކު އެ މީހުން ވަނީ ފުރުވާލާފައެވެ.

އެ މައްސަލައާ ގުޅިގެން މިހާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އޭރު ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ ކުއްލި މައްސަލާގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރި އިންޑިއާ ދެ މީހުންގެ މައްސަލައާ ގުޅިގެން ދެފުށް ފެންނަ ތަހުގީގެއް ކުރުމަށް ގޮވާލާފައެވެ.

ސައީދު ހުށަހެޅި ކުއްލި މައްސަލައިގައި ވިދާޅުވީ މިހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެ އައިސް ހައްޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލުމަށް އެދިފައިވާ ކަމަށާއި އަދި މިބައްދަލުވުމަށްފަހު ފުލުހުން މިހާދިސާގެ އަސްލު ރިޕޯޓުގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރުނު ކަމަށެވެ. އަދި އެ މީހުން ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ލައިވްކުރި ކަމަށާއި ޖާސޫސް ކުރުމުގެ ހެކި ފުލުހުން ވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

އެކަމުގެ ސަބަބުން އެއާޕޯޓުގެ ސެކިއުރިޓީ ކަށަވަރު ނުކުރެވި ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.