45 ފަސިންޖަރުންނާއެކު ދަތުރުކުރި ބަހެއް، ހަތިޔާރު އެޅި ބައެއްގެ ޝިކާރައަކަށްވީ މިދިޔަ ހަފުތާގައެވެ. މި ހަމަލާގައި ދިހަ މީހަކު ވަނީ މަރުވެފައެވެ. ބީބީ ރޯޝަން އަށް ބަޑީގެ ވަޒަންތައް އަމާޒުވިނަމަވެސް، ގިނަ ޒަހަމްތަކަކާއެކު ވަނީ ސަލާމަތްވެފައެވެ.

ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު ޝާހު ބުލްބުލް އޭނާގެ ދެ ފޮށި ބަހަކަށް އަރުވައި، އަނބިމީހާ ބީބީ ރޯޝަން އާއި ދެ ދަރިން ކަމަށްވާ އުމައިމާ އާއި އަރްސަލާން ވަނީ ޕާކިސްތާނުގެ އުތުރުގައި އޮންނަ އޭނާގެ އުފަން ރަށް ގިޒަރަށް އަލްވަދާއު ކިޔާފައެވެ.

ދެކުނު ޕްރޮވިންސް ކަމަށްވާ ސިންދުގައި އޮންނަ އެގައުމުގެ އެންމެ ބޮޑު ސިޓީ، ކަރާޗީއަށް 30 ގަޑިއިރުގެ ދަތުރެއް ކުރަން އުޅުނީ ދިރިއުޅުން އަލުން ފެށުމުގެ އުއްމީދުގައެވެ.

އިރު އޮއްސުނުތާ ގަޑިއެއްހާއިރު ފަހުން، ވަރުބަލިވެފައިވާ ބުލްބުލް، ފަސް އަހަރުގެ އަންހެން ދަރިފުޅު އުމެއިމާ އުނގަށް ލައިގެން ނިދި ޖެހިފައި އިންދާ ހޭލެވުނީ އަނބިމީހާ ހަޅޭއްލަވަން ފެށުމުންނެވެ.

"އަހަރެންގެ އަންހެނުން ބިރުން ހުރެ ހަޅޭއްލަވަމުން ދިޔައީ ދަރިން ގޮވައިގެން ތިރިވުމަށް." ބުލްބުލް ބުނި ގޮތުގައި އޭރު ހަތިޔާރު އެޅި ބަޔަކު ދިޔައީ ބަހުގެ ތެރޭގައި ބަޑީގެ ހަމަލާތައް ދެމުންނެވެ.

"ބަހުގެ ކުޑަ ދޮރު ކައިރީ އިށީނދެ އިން އަހަރެންގެ އަނބިމީހާ އަހަރެމެންގެ ދެ އަހަރުގެ ފިރިހެން ކުއްޖާ އަރްސަލާން ބަހުގެ ބިއްދޮށުގައި ބާއްވާފައި ގަދަކަމުން އަހަންނާއި އުމައިމާ ގޮނޑީގެ ތިރިއަށް ވައްޓާލި. އަދި އަހަރެމެންގެ ގައިމަތީގައި އޮށޯވެގެން އަހަރެމެންނަށް ހިމާޔަތް ދިން. ވަށައިގެން ވަމުން އަންނަ ކަންތައް ގަބޫލުކުރަން މަސައްކަތް ކުރަމުން ދަނިކޮށް އަންހެނުން ބުނީ އޭނާގެ ގަޔަށް ވަޒަނެއް އަމާޒުވިކަމަށް. އަދި އަހަރެމެންގެ ދަރިން ރަނގަޅަށް ބަލަންޖެހޭނެ ކަމަށް ބުނި."

ބީބީ ރޯޝަން ހޮސްޕިޓަލުގައި ބާއްވާފައި.

މިދިޔަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ޕާކިސްތާނުގެ ޗައިނާގެ ބޯޑަރު ކައިރީގައި އެގައުމުގެ އުތުރުގައި އޮންނަ އަމިއްލަ ސަރަހައްދެއް ކަމަށްވާ ގިލްގިޓް-ބަލްޓިސްތާންގައި ބަޔަކު އަމާޒުކޮށް ޓްރާންސްޕޯޓް ބަހަކަށް ހަމަލާ ދިން އިރު އޭގައި ތިބި 45 ފަސިންޖަރުންގެ ތެރޭގައި ބުލްބުލް އާއި އޭނާގެ އާއިލާ ވެސް ހިމެނެއެވެ.

ޕާކިސްތާނާއި ޗައިނާ ގުޅުވައިދޭ 1،300 ކިލޯމީޓަރު (807 މޭލު) ގެ މަގު ކަމަށްވާ ކަރަކޯރަމް ހައިވޭއިން ބަހަށް ހަމަލާ ދީފައިވަނީ ޗިލާސް ޓައުން ކައިރިންނެވެ.

މި ހަމަލާގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ ދެ ސިފައިންނާއެކު 10 ފަސިންޖަރުން މަރުވެފައިވާއިރު، ގަޔަށް ހަ ވަޒަން އަމާޒުވެގެންވެސް ސަލާމަތްވި ރޯޝަންގެ އިތުރުން ދެ ޑަޒަނަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހަމަލާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް މިހާތަނަށް އެއްވެސް ޖަމާއަތަކުން އެކަމުގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

އެ ހަމަލާގެ ހަނދާންތައް އާކުރަމުން ބުލްބުލް ބުނީ އޭނާގެ ދިރިއުޅުން ނިމުމަކަށް އަންނަން އުޅޭކަމުގެ އިހުސާސްތައް ކުރެވުނުކަމަށެވެ.

"އޭރު އަހަރެމެން ތިބީ ކަނު އަނދިރީގައި. އެތަނުގައި ބައިވަރު ވަޒަންތައް ހުރި. އަހަރެމެންގެ ސީޓުގެ ފަހަތުގައި ތިބި މީހުންގެ ގަޔަށް ބަޑީގެ ވަޒަން އަމާޒުވި. އަހަރެމެންގެ ދަރިން ގައިގައި ބާރަށް ހިފަހައްޓައިގެން އަހަރެން އޮތް އިރު، އަހަރެމެންނަށް ހިމާޔަތް ދޭން އަހަރެންގެ ގައި މަތީގައި އޮތް އަންހެނުންގެ ގައިން ލޭ އޮހެރެމުން ދިޔަ. ބަހުގައި މީހުން ހަޅޭއްލަވަމުން ދިޔައީ އެހީއަށް އެދި." ބުލްބުލް ބުންޏެވެ.

ބަޑި ޖަހަން ފެށިއިރު ބަސް އޮތީ ކަތި މަގެއްގައި ކަމަށާއި ޑްރައިވަރު ބާރު ސްޕީޑްގައި ދުއްވަން އުޅުމުގެ ތެރޭގައި ސްލޯޕެއް އައުމުގެ ސަބަބުން ވެހިކަލް ކޮންޓްރޯލުން ނައްޓައިގެން ދިޔަ އިރު، ޑްރައިވަރަށް ވެސް ވަނީ ބަޑި ޖަހާފައެވެ.

"ނޭވާ ހިފަހައްޓައިގެން ހުރީ މަގުމަތިން ކަހާލައިގެން ގޮސް ކޯރުގެ ތެރެއަށް ބަސް ވެއްޓިދާނެ ކަމަށް. ނޫނީ ބަސް ފުރޮޅާލާފާނެބާއޭ ހިތަށް އަރަމުން ދިޔައީ. ފުރަތަމަ ބަޑި ޖަހަން ފެށުނީއްސުރެ ބަސް ހުއްޓެންދެން ހޭދަވީ 10 މިނެޓަށް ވުރެ ވެސް ކުޑަ ވަގުތުކޮޅެއް. އެކަމަކު ހީވީ 10 ގަރުނު ހެން."

ޗިލާސް ސަރަހައްދާއި، މީގެ ކުރިން ޝިޔާ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތައް ގިލްގިޓް-ބަލްޓިސްތާންގެ އެހެނިހެން ސަރަހައްދުތަކުގައި ފިތުނަފަސާދައިގެ ހަމަނުޖެހުންތައް ހިނގަމުންދާ ތާރީހެއް އޮތްއިރު ބުލްބުލް ބުނީ، ހަތިޔާރު އެޅި މީހުން ބަހަށް ހަމަލާދެނީ އެންމެން މަރާލުމަށް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. ގިލްގިޓް-ބަލްޓިސްތާން ސަރަހައްދުގައި ސުންނީންނާއި ޝިޔާ މުސްލިމުންގެ އާބާދީ ގާތްގަނޑަކަށް ހަމަހަމަވެފައިވާއިރު، އޭގެ ތެރޭގައި ޝީއާ ސަބް-ސެކްޓެއް ކަމަށްވާ އިސްމާއިލީ މުސްލިމުން ހިމެނޭއިރު، ސުންނީ ހަތިޔާރު އެޅި ޖަމާއަތްތަކުން މީގެ ކުރިންވެސް އެމީހުންނަށް ހަމަލާތައް އަމާޒުކޮށްފައިވެއެވެ. ބުލްބުލް އާއި އޭނާގެ އާއިލާއަކީ އިސްމާއިލީއެވެ.

"ބަސް ހުއްޓުމާއެކު އަނބިމީހާ ބުނީ ކުދިން ގޮވައިގެން ބޭރަށް ދާށޭ. އޭނާގެ މަތިން ހަނދާން ނައްތާލާއި، އެކުދިން ބަލަހައްޓައި އެކުދިން ހިމާޔަތްކޮށްދިނުމަށް. އޭނާ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާ މަރުވިޔަސް ކަންބޮޑުނުވާށޭ. ހަމައެކަނި ކުދިން ބަލަހައްޓާށޭ." އޭނާ ބުންޏެވެ.

ދެ ދަރިން ކޮނޑަށް ލައިގެން ބިރުން ހުރެ ބުލްބުލް ބަހުން ފައިބަން މަސައްކަތް ކުރިއެވެ. ގޮނޑިން މީހުން ވެއްޓި، އޭގެ ތެރެއިން ބައެއް މީހުން މަރުވެ، އަނެއް ބަޔަކު އެހީއަށް ގޮވަމުން ދިޔަ ތަން އޭނާއަށް ފެނުނެވެ.

"ދެވަނަ ދިރިއުޅުމުއް ފެށުމުގެ ފުރުސަތު"

ފަރުބަދަމަތީ ސަރަހައްދުގައި މޮބައިލް ކަނެކްޓިވިޓީ ވަރަށް ދަތިވެފައި ވަނިކޮށް ބުލްބުލް ބުނީ ބަޑީގެ އަޑު އިވުނު ބައެއް މީހުން ތިބުމަކީ ނަސީބެއް ކަމަށާއި، އެތަނަށް ގޮސް ބައެއް މީހުން އެހީތެރިކަން ގެނެސްދީފައިވާ ކަމަށެވެ.

ބުލްބުލް ބުނީ އޭނާގެ އާއިލާ އާއި ޒަހަމްވި އެހެން ބައެއް މީހުން ވޭނެއްގައި ބައިގަޑިއެއްހާއިރު ދުރުގައި ހުންނަ ހޮސްޕިޓަލަކަށް ގެންދެވުނު ކަމަށެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ ރޯޝަންގެ ބުރަކަށީގައި ހަ ވަޒަން ޖެހިފައި އެބައިން ކަމަށާއި އޭނާގެ ލޭގެ ގުރޫޕަށް ބޭނުންވާ މިންވަރަށް ލޭ ހޮސްޕިޓަލުގައި ނެތް ކަމަށެވެ.

"އަޅުގަނޑު ސިފަކުރަނީ އަޅުގަނޑުމެންގެ ގާތް ތިމާގެ މީހަކު ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ނަސީބެއް ކަމަށް." ބުލްބުލް ބުންޏެވެ. ކޮންމެވެސް ގޮތަކުން ލޭ ހޯދައިދިނީ އޭނައެވެ. ޑޮކްޓަރުން ވަނީ އިމަޖެންސީ އޮޕަރޭޝަނެއް ކޮށް އޭނާގެ އަނބިމީހާގެ ފުރާނަ ސަލާމަތްކޮށްފައެވެ.

ބުލްބުލް އާއި އޭނާގެ އާއިލާ އެންމެ ފަހުން ފުރައިގެން ދިޔައީ ޗިލާސްއާ ގާތްގަނޑަކަށް ތިން ގަޑިއިރު ދުރުގައި އޮންނަ ގިލްގިޓް-ބަލްޓިސްތާން ސަރަހައްދުގެ މައި ސިޓީ ކަމަށްވާ ގިލްގިޓް އަށެވެ.

"ދެވަނަ ސާޖަރީ ފަސް ގަޑިއިރަށް ދެމިގެން ދިޔަ. ޑޮކްޓަރުން ބުނީ އޭނާގެ އެތެރޭގެ ގުނަވަންތައް އާދަޔާ ހިލާފަށް ހަލާކުވެފައިވާ އިރު، އޭނާގެ ފަލަމަސްގަނޑުވެސް ފަޅައިގެން ގޮސްފައިވާ ކަމަށް. އަދިވެސް އޭނާގެ ގައިގައި ތިން ވަޒަން އެބައިން" އޭނާ ބުންޏެވެ.

އުމުރުން 35 އަހަރުގެ ބުލްބުލް އަކީ އޭނާގެ އުފަން ރަށް ގިޒަރުގައި މުދާ ވިއްކާ ފިހާރައެއް ހިންގަމުން އައި މީހެކެވެ.

ނަމަވެސް ގައުމުގެ އިގްތިސާދު ހީނަރުވެ އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން އޭނާގެ ކުޑަ ކުޑަ ފިހާރައިން ލިބޭ އާމްދަނީން އާއިލާގެ އިތުރުން މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ދަތިކަމަށް އޭނާ ބުންޏެވެ.

ރޯޝަންގެ މައިންބަފައިން ދިރިއުޅެނީ ކަރާޗީގައެވެ. "އެމީހުން އެދުނީ އެތަނަށް ބަދަލުވާން. ވަޒީފާއެއް ހޯދަން އެހީވާނެ ކަމަށް ބުނި. އެހެންވީމަ އަހަރެމެން ނިންމީ މިތަނުން ދާން." ބުލްބުލް ބުންޏެވެ.

އެމީހުންގެ ދަތުރު، ދިރިހުރުމުގެ މާޔޫސް ހަނގުރާމައަކަށް ބަދަލުވާނެކަމަށް އެމީހުން ހީވެސް ނުކުރެއެވެ. ބުލްބުލް ބުނި ގޮތުގައި މިހާރު ދިރިހުރުމުގެ ނަސީބު އޭނާއަށް އިހުސާސް ކުރެވެއެވެ.

"މިއީ އަޖައިބެއް. ބަޑީގެ ހަމަލާތައް ހިނގަމުން ދިޔަ އިރު އަހަރެން ހީކުރަމުން ދިޔައީ ކޮންމެ ވަގުތެއްގައިވެސް ވަޒަނެއް އަމާޒުވެގެން އަހަރެން މަރުވެދާނެއޭ. އަހަރެން ހިތަށް އެރީ އެންމެ ފުރަތަމަ މަރުވާނީ އަހަރެންތޯ ނުވަތަ ދަރިންތޯ. އަދި އަނބިމީހާ އާއި އަހަރެންވެސް މަރުވެއްޖެނަމަ ދަރިން ބަލަހައްޓާނީ ކާކުތޯ. އެކަމަކު އަހަރެންގެ އަނބިމީހާގެ ހިތްވަރުގެ ސަބަބުން الله ތަޢާލާ އަހަރެމެންގެ އާއިލާއަށް ހަޔާތުގައި އިތުރު ފުރުސަތެއް ދެއްވައިފި."