މިދިޔަ މަހުގެ 17 ވަނަ ދުވަހު ބޭއްވި ރައީސްއާއި ނައިބު ރައީސް ހުވާކުރުމުގެ ރަސްމިއްޔާތަށް 23 މިލިއަން ހަރަދުވިކަން އެނގިއްޖެއެވެ.

އެކަން ހާމަވެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތެއް ކަމަށްވާ އައިމަން ލަތީފް ރައްޔިތުން މަޖިލީހުގެ އިދާރާއިން ހޯދާފައިވާ މައުލޫމާތުންނެވެ.

އެގޮތުން އެ ރަސްމިއްޔާތަށް 23.2 މިލިއަން ހަރަދުކޮށްފައިވާއިރު ހުވާކުރުމުގެ ދަރުބާރުގެ ގޮތުގައި ޖުމްހޫރީ މައިދާން ތައްޔާރު ކުުރުން 22.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ގައުމީ ދިދަތަކާއި ރައީސުލްޖުމްހޫރިއްޔާގެ ދިދަތައް ތައްޔާރު ކުރުމަށް 33،210 ރުފިޔާ ހަރަދު ކޮށްފައި ވާއިރު އިނގިރޭސިންނާއި ދިވެހިން ތައްޔާރުކުރި ދައުވަތު ކާޑުތަކާއި އިދާރީ ޕްރޮގްރާމްތަކާއި ކުލަ ކާޑު އަދި ސެކުއިރިޓީ ކާޑު ޕްރިންޓްކޮށް ކެފުން 152،195 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ރައީސްއާއި ނައިބު ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ ހުވާގެ ކިޔުންތައް ތައްޔާރުކުރުން 24،235 ރުފިޔާ ހަރަދުކޮށްފައިވާއިރު މޫސުން ތަންނުދޭނަމަ ޕްލޭން ބީ އެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބޭއްވުމަށް މަޖިލީހުގެ އިމާރާތް ތައްޔާރު ކުރުމަށް ބޭނުންވާ ސްޓޭޖް ފަޅިތައް ހެދުމަށާއި އެ ސްޓޭޖްފަޅިތަކުގައި ކާޕެޓް އެޅުމަށް ބޭނުންވާ ކާޕެޓް ގަތުމަށް ހިނގާފައިވާ ހަރަދު 80،114 ރުފިޔާ ހަރަދުކުރިއެވެ.

ރައްޔިތުން މަޖިލީހުން ބުނީ އެ ރަސްމިއްޔާތުގައި ރިފްރެޝްމަންޓް، ސައިފޮދު ޖާފަތެއް ދެވިފައެއް ނުވާ ކަމަށާއި ހުވާކުރުމުގެ ރަސްމިއްޔާތަށް ރާއްޖޭން ބޭރުން ދައުވަތު ދެވިގެން ވަޑައިގަތް ބޭފުޅުންނަށް އެއްވެސް ހަރަދެއް މަޖިލީހުގެ އިދާރާގެ ފަރާތުން ކޮށްފައެއް ނުވާ ކަމަށެވެ.