އައްޑޫ ސިޓީގައި ފެނުގެ ހިދުމަތް ދިނުމަށް ކުރިމަތިވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް އާ ވީއެފްޑީ ޑްރައިވެއް މިއަދު މެންދުރުފަހު ފްލައިޓުން އައްޑުއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މުއާޒް ވިދާޅުވީ ކުރިން ލަފާ ކުރެވުނު ގަޑިއަށް ފެން ފޯރުކޮށްދެވިފައި ނުވަނީ އިއްޔެ ފޮނުވި ވީއެފްޑީއަށް މައްސަލަތަކެއް ދިމާވުމުން ކަމަށެވެ. މައްސަލަ ދިމާވި ވީއެފްޑީ ނުވަތަ ސްޕެއާ ޕާޓްގައި ގާތްގަނޑަކަށް 75 ކިލޯ ހުންނަ ކަމަށާއި އެ ވަރުގެ ވީއެފްޑީ ބެކަޕް ކޮށް ކުންފުނީގައި ބަހައްޓާފައި ނުހުންނަކަން މުއާޒް ފާހަގަ ކުރެއްވިއެވެ.

އިއްޔެ ފޮނުވި ވީއެފްޑީ ޑްރައިވް ވެސް ހޯދާފައި ވަނީ އެމްޑަބްލިޔުއެސްސީ އިން ކަން މުއާޒް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ވީއެފްޑީއަށް މައްސަލަ ދިމާވުމާއެކު ރާއްޖެއިން ބޭރުން ވެސް ވީއެފްޑީއެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒް އިތުރަށް ވިދާޅުވީ މިއަދު މެންދުރުފަހު ފްލައިޓުން އާ ވީއެފްޑީ ޑްރައިވް އެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ވީއެފްޑީ ވެސް ހޯދާފައި ވަނީ އެމްޑަބްލިޔުއެސްސީ އިން ކަމަށާއި އެމްޑަބްލިޔުއެސްސީގެ އިންޖިނިއަރުން ވީއެފްޑީ ހިފައިގެން އައްޑުއަށް ދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު ފޮނުވާ ވީއެފްޑީ ފޮނުވަނީ ޓެސްޓު ކުރުމަށް ފަހުގައި ކަމަށާއި އެ ވީއެފްޑީ އިންސްޓޯލް ކުރުމުން އިތުރު މައްސަލައެއް ދިމާނުވާނެ ކަމަށް އިންޖިނިއަރުންނާ ހަވާދީ މުއާޒް ވަނީ ވިދާޅުވެފައެވެ.

ފެނަކައިން ބުނީ އައްޑޫގައި ކުރިން ހުރި ވީއެފްޑީ ޑްރައިވް އަށް މައްސަލަ ދިމާވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށެވެ. އަދި މައްސަލަ ދިމާވުމާއެކު ވީއެފްޑީއާ ގުޅިފައިވާ ހުރިހާ ކޭބަލް އަދި މޯޓަރުގެ ކަނެކްޝަންތައް ބަލާފައިވާ ކަމަށެވެ. އެއަށްފަހު މޯޓަރު ނައްޓާލުމަށް ފަހު ވީއެފްޑީ ޑްރައިވް މަސައްކަތް ކުރޭތޯ ބެލި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ހާއިރު ފެނުގެ ހިދުމަތް މެދުކެނޑިފައިވާ އިރު، ވީއެފްޑީ ޑްރައިވް އަށް ދިމާވި މައްސަލަ ދެނެގަތުމަށް ވަގުތު ނަގާފައި ވަނީ ހިތަދޫ އާރްއޯ ޕްލާންޓުގެ ވީއެފްޑީގެ ޑިސްޕްލޭ ހަލާކުވެފައި ވުމުން ކަމަށް ފެނަކައިން ބުނެއެވެ. އަދި އާރްއޯ ޕްލާންޓްގެ މައްސަލަ ދެނެގަނެފައި ވަނީ ހުޅުދޫއިން ޑިސްޕްލޭ ޔުނިޓެއް ގެންގޮސްގެން ކަމަށް ވެސް ފެނަކައިން މައުލޫމާތު ދެއެެވެ.

އަދި މައްސަލަ ދެނެގަނެ، ވީއެފްޑީ ޑްރައިވް ބަދަލު ކުރަން ޖެހޭކަން އެނގުމާއެކު ވީއެފްޑީ ޑްރައިވް އެއް ހޯދުމުގެ މަސައްކަތް ފެށި ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އެއާއެކު އެމްޑަބްލިޔުއެސްސީ އިން ވީއެފްޑީ ޑްރައިވްއެއް ހޯދުމަށްފަހު، އައްޑުއަށް ފޮނުވާ އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށީ ރޭ 7:40 ހާއިރު އެވެ.

ފެނަކައިން އިތުރަށް ބުނީ ވީއެފްޑީ ޑްރައިވް އިންސްޓޯލްކޮށް، ކޮންޓްރޯލް ކޭބަލް ކޮންފިގަރޭޝަން އަދި ސިސްޓަމް ޕްރޮގްރާމިންގެ މަސައްކަތް ނިންމާ ފެނުނުގެ ހިދުމަތް ދޭން ރޭ 10:00އިން ފެށިގެން ފަތިހު 4:00އާ ހަމައަށް ވެސް މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް ވީއެފްޑީ ޑްރައިވް އަށް މައްސަލަތަކެއް ދިމާވެ ފެން ފޯރުކޮށްދެވޭ ގޮތް ނުވީ ކަމަށެވެ.