ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީއޭއިން ވާދަ ކުރާނީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނާއެކު ކަމަށް އެ ޕާޓީން ހާމަ ކޮށްފިއެވެ.
މިރޭ އެ ޕާޓީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ކުރުަމަށް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްއާ އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން އިތުރު ސިޔާސީ ޕާޓީތަކަށް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެމްޑީއޭގެ ފަރާތުން ޕީއެންސީގެ ކޯލިޝަނާއެކު ޕްރައިމަރީގައި ވާދަ ކުރުމަށް ނިންމާ، ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެމްޑީއޭއިން ވަނީ ބުނެފައެވެ.
މަޖިލީހުގައި އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި:
- 2023 ޑިސެމްބަރު، 10 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވުން
- ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާ ފަރާތަކަށް ނުވުން
- ގާނޫނު އަސާސީންނާއި ގާނޫނުތަކުން އެ އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވުން
- އަބުރުވެރި ނަޒާހަތްތެރި ފަރާތަކަށްވުން ހިމެނެއެވެ.
އެމްޑީއޭއިން އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު 11 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައެވެ. ފޯމާއެކު ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން އިގްރާރު ފޯމު ހުށަހެޅުމަށްވެސް އެ ޕާޓީން ވަނީ އެދިފައެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި އެ ޕާޓީގެ ކޯލިޝަނުގައި ހިމެނޭ އެމްއެންޕީ އާއި އެމްޑިއޭއަށް ބައިވެރިވެވޭނެ އުސޫލެއް ކަނޑައަޅާފައި ވަނީ މިއަދު އެވެ. އަދި އިންތިހާބަށް ކޯލިޝަނުގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ އިންތިޒާމުތައް ހަމަޖައްސާނެ އެންމެ މަތީ ކޮމިޓީއަކީ ދެ ޕާޓީގެ ލީޑާޝިޕް ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.