މަސްވެރިންގެ ދުވަހާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކާއެކު މިފްކޯއިން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އެ ހަވީރުގެ މަގުސަދަކީ މަސްވެރިންގެ ދުވަހާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތާ ގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނަށް ހިއްސާކޮށް އެ ސިނާއަތާ މެދު ސްކޫލު ކުދިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމެވެ.
މިފްކޯއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން އިންތިޒާމްކުރާ އެ ހަވީރުގެ ހޮސްޓިންގް ޕާޓްނަރަކީ އާބަންކޯއެވެ.
މިނިސްޓްރީއިން ބުނީ މާދަމާ ހަވީރު 4 އިން 6 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ އެ ހަވީރަކީ ހުނަރުވެރި ހޭލުންތެރި އަދި ޝައުގުވެރިކަމާއެކު ކުދިންނަށް ހޭދަކޮށްލެވޭ ވަގުތުކޮޅަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން އެ އިވެންޓަށް ވަންނަ މަގު ހާއްސަކުރެވިފައިވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ ވޯކްވޭއެއް ގޮތަށް ކަމަށްވާއިރު މަސްވެރިކަމާ ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް އެ ހަވީރުގެ ތެރެއިން ފެނިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީއިން ބުނީ މަސްކެނޑުމުގެ ހުނަރު ދައްކާލުމާއި ކަނޑުމަހުގެ ބާވަތްތަކުން ތަފާތު ދިވެހި ކާއެއްޗެހި ތައްޔާރުކުރުމުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން މަހުގެ ތަފާތު އުފެއްދުންތައް ދައްކާލާނެ ކަމަށާއި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރާތްތަކާއި "ފަސްމީރު ޔަންގް ޝެފް" ނަމުގައި މުބާރާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ މުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށެވެ.
މަސްވެރިކަމާ ގުޅޭ ހަރަކާތްތަކުގެ އިތުރުން އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ ކުދިން ޝައުގުވެރިވާ ފަދަ ތަފާތު ކުޅިވަރުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ގޭމްތަކެއްވެސް މި އިވެންޓްގެ ތެރެއިން އިންތިޒާމްކުރެވިފައިވާނެ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.