ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރާ ނ. މިލަދޫ ފިރިހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ މިލަދޫ، ގުމުރީގެ އުމުރުން 30 އަހަރުގެ މުއްރަތު އަލީ ކަމަށެވެ.

އޭނާ އާއިލާއަށް ހަބަރެއްނުވެ، ގެއްލިފައިވާ ކަމަށް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ. މުއްރަތުއަކީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ހަވީރު 5:00 ހާއިރު އޭނާ ފެނިފައި ވަނީ އޭނާ މަސައްކަތް ކުރާ ކޮޅުވެއްޓީގައި ހުއްޓައި ކަމަށެވެ. އަދި އޭރު އޭނާ ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

މުއްރަތު އަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.