ދުބާއީ ޑިއުޓީ ފްރީ ގުރުއަތަކުން ދިވެއްސަކަށް 1 މިލިއަން އެމެރިކާ ޑޮލަރު ލިބިއްޖެއެވެ.

ދުބާއީ ޑިއުޓީ ފްރީގެ ފަރާތުން ބާއްވާ ލަކީޑްރޯ ކަމަށްވާ 'މިލޭނިއަމް މިލިއަނަރީ' ގެ މި ހަފްތާގެ 1 މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ލިބިފައި ވަނީ އަހުމަދު ނާސިރު ނަމަކަށް ކިޔާ ދިވެއްސަކަށެވެ. އޭނާގެ ކޫޕަން ނަމްބަރަކީ 1174 ކަމަށް ދުބާއީގެ އޮފިޝަލުން ބުނެއެވެ.

އެ ލަކީޑްރޯގައި ނާސިރު ބައިވެރިވެފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. ދުބާއީގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ އަހުމަދު ނާސިރު އާއި މިހާތަނަށް ގުޅޭގޮތް ނުވާ ކަމަށެވެ.

1999 ވަނަ އަހަރުން ފެށިގެން ދުބާއީ ޑިއުޓީ ފްރީގައި ބާއްވާ މި ލަކީޑްރޯގައި މިއީ ދިވެއްސަކު ހޮވުނު ފުރަތަމަ ފަހަރެވެ. މި ގުރުއަތުލުން ބާއްވަނީ ކޮންމެ 2-3 ހަފްތާއަކުންނެވެ. ލަކީ ޑްރޯގައި ބައިވެރިވުމަށް 1،000 ދިރުހަމް (275 ޑޮލަރު)ގެ ލޮޓަރީ ޓިކެޓެއް ގަންނަން ޖެހެއެވެ.

މިއަދު ކުރިއަށްދިޔަ އެ ގުރުއަތު ނެގުމުގައި ހޮވުނު އިތުރު ފަރާތްތަކަށް ވަނީ ލަގްޒަރީ ސައިކަލުތަކެއް ހަދިޔާ ކޮށްފައެވެ. އެގޮތުން ފުރަތަމަ ސައިކަލަކަށް ހާލީ ޑޭވިންސަންއެއް ލިބިފައިވަނީ އަޒަރްބައިޖާންގެ ރައްޔިތަކަށެވެ. އަދި ބީއެމްޑަބްލިއު ސައިކަލު ލިބިފައިވަނީ އިންޑިއާ ރައްޔިތަކަށެވެ.