ކައުންސިލްތައް ބާރުވެރި ކުރުވުމަށާއި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް ހޯދައި ދިނުމަށް ކައުސިލްތަކުން އެދޭ ފަޅުފަޅާއި ރަށްރަށް ދޫކުރާނެ ނިޒާމެއް ގާއިމް ކުރަން މިއަދު ކެބިނެޓުން ފާސްކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓްގެ ޖަލްސާގައި ވަނީ، މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ 10 ކަމެއް ކުރަން ނިންމައި ފާސްކޮށްފައެވެ. ކެބިނެޓްގެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ އެ ނިންމުންތައް ހިއްސާ ކުރައްވާފައެވެ. އޭގެތެރެއިން އެއް ނިނމުމަކީ ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތް ހެދުމަށް ނިންމި ނިންމުމެކެވެ.
މިހާރު ވެސް ގާނޫނުގައި ބުނާ ގޮތުގައި ރަށެއްގެ ރާޅު ޖަހާ ހިސާބުން ފެށިގެން 700 މީޓަރުގެ ތެރޭގައި ހިމެނޭ ތަންތަނަކީ އެރަށެއްގެ އިހްތިސޯސްގައި ހިމެނޭ ތަންތަން ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އިހްތިސޯސްގައި ހުންނަ ރަށްރަށް ތަރައްގީގެ އެކި ބޭނުންތަކަށް ދޫކޮށްފައި ހުރި ކަަމަށާއި އެ ތަންތަން އެންމެ ބޭނުންތެރި ގޮތުގައި ބޭނުން ނުކުރެވޭ ކަން ފާހަގަވާ ކަމަށެވެ. މި ކަމުގެ ސަބަބުން އެތައް ދަތިތައް ރައްޔިތުންނަށް އުފުލަން ޖެހޭ ކަން ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
އިހްތިސޯސްގެ ތެރޭގައި ހިމެނުނަސް ބައެއް ރަށްރަށާއި ފަޅުތައް، ކައުންސިލްތަކަށް ނުލިބޭ ގޮތަށް ހުރި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު އިހްތިސޯސްގެ ބޭރުން، ނަމަވެސް ކައިރީގައި އޮންނަ ބައެއް ރަށްރަށަކީ ވެސް ކައުންސިލްތަކުން ނަގައިގެން ރަށަށް ފައިދާ ވާ ކަންކަން ކުރުމަށް ބޭނުން ހިފިދާނެ ތަންތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ގައުމީ ތަރައްގީއަށް 20 އަހަރުގެ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތަށް ފަޅު ފަޅާއި ރަށްތައް ދޫކުރެވޭނެ އުސޫލެއް ހަދަން ނިންމާފައި ވަނީ މައިގަނޑު ދެ ހަމައެއްގެ މަތިން ކަަން މުއިއްޒު ހާމަ ކުރެއްވިއެވެ. އެއް ހަމައަކީ ގައުމީ ތަރައްގީއަށް ކުރާ ކަމެއްތޯ ބެލުމެވެ. ދެވަނަ ހަމައަކީ ކައުންސިލުން ހޯދަން އެދި ހުށަހަޅާ ތަނަކީ އަތޮޅެއްގެ އިހްތިސޯސްގައި ހިމެނޭ ތަނެއް ނަމަ އެ އަތޮޅުގެ ރައްޔިތުންގެ ރުހުން އެ ޕްރޮޕޯސަލްއަށް އޮތްތޯ ނެތްތޯ ބެލުމެވެ.
މި ހަމަތައް ފުރިހަމަ ވުމުން ކައުންސިލުން އެދޭ ތަނެއް ހަވާލު ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކުން ފަޅުފަޅާއި ރަށްރަށް ހޯދުމަށް ޕްރޮޕޯސަލްއެއް ހުށަހެޅުމުން އެ ތަނެއް ދޫކުރުމުގައި ބަަލަން ޖެހޭ ކަންކަން ބަލައި އެ ހަމަތަކަށް ފެތޭ ނަމަ އެގްރިމަންޓް ހެދުމަށް ފަހުގައި އެތަންތަން ދޫކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ނިންމުމުގެ ސަބަބުން ކައުންސިލްތަކުން އާމްދަނީ ހޯދުމަށް މަގުފަހިވެގެން ދާނެ ކަމަށާއި ރަށްރަށުގެ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެން ދާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މީގެ ސަބަބުން ރައްޔިތުން ބާރުވެރި ކުރެވި ކައުންސިލްތައް ވެސް އިތުރަށް ކުރިއަރައިގެން ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.