މާލޭގެ އަމީނީ މަަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ ދެ ސެގްމެންޓްގެ މަސައްކަތް ފަށަން ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައި ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، އަމީނީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގެ އެންމެ ފަހު ތައްޔާރީތައް އާރްޑީސީން ވަމުން ދާ ކަމަށެވެ. އެގޮތުން އެ މަގުގެ އެންމެ ފަހު ދެ ސެގްމެންޓް ކަމަށް ވާ 12 އަދި 13ގެ މަސައްކަތް ފެށުމުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތައް ހައްލު ކުރުމާ ގުޅޭ ގޮތުން މިއަދު ވަނީ މަޝްވަރާ ކޮށްފައެވެ.

އެގޮތުން އެ މަގުގެ ޓްރެފިކް ފްލޯއަށާއި އާރްޓީއެލްގެ ބަސް ރޫޓްތަކަށް ދިމާވެދާނެ ދަތިތަކަށް ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އެހީގައި ހައްލު ގެނައުމަށް ވަނީ ނިންމާފައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.

ކުރީ ސަރުކާރުން ފެށި އަމީނީ މަގުގެ މަސައްކަތް ނިންމާފައި ވަނީ ހައުސިން މިނިސްޓްރީގެ އިމާރާތް ހުރި ހިސާބަށެވެ. ފަހު ދެ ސެގްމަންޓްގެ މަސައްކަތަކީ އެ ހިސާބުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް އަމީނީ މަގު ހެދުމުގެ މަސައްކަތެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެމަސައްކަތް އެންމެ ފުރަތަމަ ނިންމަން ދީފައިވާ ތާރީހަކީ މިއަހަރުގެ ފެބްރުއަރީ މަހެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ނުނިމި ލަސްވުމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 އަށް އެ މަސައްކަތް ނިންމާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ މަގުގެ 11 ވަނަ ސެގްމެންޓްގެ މަސައްކަތް ސެޕްޓެމްބަރު މަހު ކުރީކޮޅު ނިންމާލުމަށް ފަހު އެ މަސައްކަތް ވަނީ މެދުކެނޑިފައެވެ. ދައުރު ނިމެން ވާ އިރަށް އަމީނީ މަގުގެ މަސައްކަތް ނިންމާނެ ކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ނުނިންމުނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސްޕީޑަކީ އަމީނީ މަގު ހަދާ ސްޕީޑްކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވެރިކަން ލިބިވަޑައިގަތުމުން ކުރީ ސަރުކާރުން ހިންގި މަޝްރޫއުތައް ހުއްޓާ ނުލައި ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެ އަވަހަށް ނިންމާނެ މަޝްރޫއުތަކުގެ ތެރެއިން އަމީނީ މަގުގެ މަސައްކަތް ވަނީ ފާހަގަ ކުރައްވާފައެވެ.