ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް "އުރީދޫ ޑްރޯން ރޭސް 2023" އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހަށެވެ. އެހެންނަމަވެސް މިއަދު އުރީދޫއިން ވަނީ އެ ރޭހަށް ބޮޑު ތަރުހީބަށް ލިބި، އެ ރޭހަށް ހާއްސަ ކޮށްފައިވާ ހުރިހާ ޖާގައެއް ފުރިފައިވާކަން އިއުލާންކޮށްފައެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަރަކާތަކީ ޑްރޯންއަށް ޝައުގުވެރިވާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ހަރަކާތެއް ކަމަށް އުރީދޫއިން ފާހަގަކުރެއެވެ.

ދެ ކެޓަގަރީއަކަށް ހުޅުވާލައިގެން އުރީދޫއިން ކުރިއަށް ގެންދާ އެ ހަރަކާތް ހާއްސަކޮށްފައިވަނީ "ސްކައި އެލީޓް" (އެފްޕީވީ ޑްރޯން) އާއި ނޮން-އެފްޕީވީ ޑްރޯންތަކަށް ހާއްސަކޮށްފައިވާ "ސްކައި ވޯކާ" ކެޓަގަރީއަށެވެ.

އެގޮތުން ސްކައި އެލީޓް ކެޓެގަރީ ގައި 16 އަހަރުން މަތީގެ ޑްރޯން ދުއްވާ ފަރާތްތަކަށް ބައިވެރިވެވޭއިރު، ސްކައި ވޯކާ ކެޓްގަރީގައި ބައިވެރިވެވެނީ 12 އަހަރުން މަތީގެ ފަރާތްތަކަށެވެ.

އުރީދޫއިން ބުނީ ދެ ކެޓެގަރީގައި ވެސް އޮބްސްޓެކަލްސް ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓެރެކުގައި ރޭސް ކުރާއިރު ބަލަން ވާނީ ވީހާވެސް އަވަހަކަށް ރޭސް ފުރިހަމަ ކުރުމަށް ކަމަށެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

  • ބައިވެރިވެވޭނީ ޑިސެންބަރު 22 ނުވަތަ އޭގެ ކުރިން 16 އަހަރު ފުރިފާވާ އަދި 16 އަހަރުން މަތީގެ އެފްޕީވީ ޑްރޯން ޕައިލެޓުންނަށް
  • ބައިވެރިވާ ފަރާތްތައް ރޭހުގައި ބައިވެރިވާން ވާނީ އަމިއްލަ އެފްޕީވީ ޑްރޯނާއެކު
  • އެއާކްރާފްޓް ސްޕެސިފިކޭޝަންސް: 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވާންޖެހޭނެ
  • ޑްރޯންގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުންނަންވާނެ

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

  • ބައިވެރިވެވޭނީ ޑިސެންބަރު 22 ނުވަތަ އޭގެ ކުރިން 12 އަހަރު ފުރިފާވާ އަދި 12 އަހަރުން މަތީގެ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށް
  • ބައިވެރިންނަށް ސްޓެބިސިސްގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެ
  • މި ކެޓަގަރީގެ ބައިވެރިންނަށް އަމިއްލަ ޑްރޯން ރޭހުގައި ބޭނުންކުރުން ހުއްދައެއް ނޫން
  • ރޭހުގެ ކުރިން މި ކެޓެގަރީއަށް ރެޖިސްޓަރީ ކުރާ ފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖެހޭ

އެ ދެ ކެޓަގަރީއިންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

  • 1 ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް
  • 2 ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް އަދި 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)
  • 3 ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗާ

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

  • 1 ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީ އެއް
  • 2 ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް އާއި 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)
  • 3 ވަނަ އިނާމު: 1000 ރުފިޔާގެ މޫލީ ވައުޗާ

އުރީދޫއިން ބުނީ މި ރޭސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އުރީދޫއިން ބާއްވަމުން އަންނަ ފަން ރަންއާއެކު ކަމަށެވެ.