އަލް ސަމޫނީ އާއިލާއަށް ނިސްބަތްވާ އެއްބަނޑު އެއްބަފާ 3 ފިރިހެނުން އިޒްރޭލުގެ އަސްކަރިއްޔާއިން ވަގަށް ނަގާފައި ވަނީ ގާޒާ ސިޓީގެ ދެކުނުން އޮންނަ "ސަލާމަތްތެރި މަގުން" އެވެ.
ދެ ހަފުތާ ފާއިތުވެގެން ދިޔައިރު ވެސް އަލް ސަމޫނީންނަށް އެމީހުންގެ ދަރިންނާއި އަހުންނަށް ވީ ގޮތެއް ނޭނގެއެވެ. އެމީހުން ތިބީ ހައިރާން ކަމެއްގައެވެ.
އަލްއަގްސޯ ޝަހީދުންގެ ހޮސްޕިޓަލުގެ މައިދާނުގައި ގެދޮރު ގެއްލިފައިވާ މީހުންގެ އެއް ޓެންޓެއްގައި ހިޔާވަހިކަން ހޯދަމުން އަންނަ މި 36 އަންހެނުންނާއި ކުޑަކުދިންގެ މެދުގައި ހިއްސާކުރަން ހަތަރު ބްލޭންކެޓް އެބައޮތެވެ.
އެމީހުން ދިރިއުޅެމުން އައީ ގާޒާ ސިޓީގެ އިރުދެކުނުފަރާތުގައި އޮންނަ ޒައިތޫންގައި ކަމަށާއި އެތަނުގައި އެމީހުންގެ 69 ޑުނަމްގައި (17 އޭކަރު) އަމާންކަމާއެކު ދަނޑުވެރިކަން ކުރަމުން ދިޔަ ކަމަށް އެ މީހުން ބުނެއެވެ.
ނަމަވެސް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ގާޒާއަށް ދިން ހަމަލާގެ ފުރަތަމަ ދުވަހުން ފެށިގެން އެމީހުން އުތުރުން ފިލަން މަޖުބޫރުކޮށް، އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނަމުން ގެންދިޔައީ އެމީހުން އުތުރު ދޫކޮށް ދާނެ މަގަކީ ސަލާމަތްތެރި މަގެއް ކަމަށެވެ. ގާޒާގެ އުތުރުން ދެކުނަށް އޮންނަ މައި މަގު ކަމަށްވާ ސަލާހު އަލްދީން މަގު އެކަމަކު އެހާ އަމާނެއް ނުވިއެވެ.
އިޒްރޭލު ސިފައިން އޭނާގެ ތިން ދަރިން ގޮވައިގެން ދިޔަ ގޮތް ކިޔައިދިނުމަށް ޒަހްވާ އަލް ސަމޫނީ، 56އ، އަށް ވަރަށް އުނދަގޫވިއެވެ.
އެ އާއިލާ މަގުމަތީގައި ހިނގާފައި އިޒްރޭލުގެ ޗެކް ޕޮއިންޓަށް ދިޔައީ ބިންމަތީގައި މަރާލާފައިވާ ފަލަސްތީނު މީހުންގެ ހަށިތަކާ މެދު ނުވިސްނަން މަސައްކަތް ކުރަމުންނެވެ. އާއިލާގެ މީހުން ޓާންޓައިލް ގޭޓު ހުރަސްކޮށް ދިއުމުގެ ކުރިން އިޒްރޭލު ސިފައިން ވަނީ އަބްދުالله އަލް ސަމޫނީ، 24އ، އަށް މަގުގެ އެއްފަރާތަށް ދިޔުމަށް އަމުރު ކޮށްފައެވެ. އޭނާގެ ކޮއްކޮ ހަމާމް، 16އ، އަބްދުالله އަށް ގޮވަން ފެށީ ހާސްވެފައި ހުރެއެވެ. ސިފައިން ހަމާމަށް އަމުރުކުރީ އޭނާގެ ބޭބެ ފަދައިން އެއްފަރާތަށް ޖެހުމަށެވެ.
އެންމެ ދޮށީ ބޭބެ، ދަނޑުވެރިއެއް އަދި ހަ ކުދިންގެ ބައްޕަ ފަރާޖް އިޒްރޭލުގެ ސިފައިންނާ ދިމާލަށް ހަޅޭއްލަވައި، އަބްދުالله އާއި ހަމާމް ގެންދަނީ ކޮންތާކަށްތޯ އަހަމުން ދިޔައެވެ. އޭނާގެ އިހުތިޖާޖުގެ ނަތީޖާއަކަށް ވީ އޭނާވެސް އޭނާގެ ކޮއްކޮމެންނާ ގުޅެން އަމުރު ކުރުމެވެ.
ހައިރާންވެފައި ތިބި އާއިލާގެ އެހެން މީހުން ޓާންސްޓައިލް ގޭޓުތަކުގެ ތެރެއިން ހިނގައިގަތެވެ.
އަބްދުالله އާއި ހަމާމްގެ މަންމަ ކަމަށްވާ ޒީނަތު ބުނީ އެ ފިރިހެނުންގެ ނަމާއި އައިޑީ ނަމްބަރާއި މޯބައިލް ފޯނު ނަންބަރުތައް ރެޑް ކްރޮސް އަށް އެންގި ކަމަށެވެ.
"ފާއިތުވާ ކޮންމެ ދުވަހެއް ހީވަނީ އަހަރު ދުވަސްހެން." ޓެންޓުގެ ދޮރުކައިރީގައި އިށީނދެ އިނީ އެމީހުންގެ ހަބަރެއް މީހަކަށް ލިބޭނެ ކަމުގެ އުއްމީދުގައެވެ. "އަހަރެން ބޭނުމީ އެމީހުންނަށް ވީ ގޮތް އޮޅުން ފިލުވަން. އެމީހުން ދިރިތިބި ނަމަ އެމީހުން ތިބީ ރަނގަޅު ހާލެއްގައިތޯ." އޭނާ ބުނެލިއެވެ.
7 ދަރިންނާއި ދޮންދަރިންގެ މަންމަ ވަނީ ތިން ދުވަސް ކުރިން އެބުނާ ސަލާމަތްތެރި މަގު ހުރަސްކޮށްފައެވެ. ގާތް ތިމާގެ މީހެއްގެ ގޭގައި މަޑުކޮށްލުމަށްފަހު ސްކޫލް ހިޔާއެއްގައި މަޑުކުރަން މަސައްކަތް ކުރި ނަމަވެސް ބޮމުގެ ހަމަލާތައް ވަރަށް ބޮޑަށް ގަދަވެގެން ދިޔައެވެ.
"އަހަރެމެން ތިބީ ބިރުން. އެކަމަކު ރިސްކު ނަގަން ނިންމީ ދެކުނު ފަރާތަށް ވާސިލްވި އެހެން މީހުން އެނގޭތީ." އުމުރުން 49 އަހަރުގެ ޒީނަތު ބުންޏެވެ. އަހަރެމެންގެ ބިން ދޫކޮށް ހިނގަމުން ދިޔައިރު އެތަނުގައި އިޒްރޭލުގެ އެތައް ޓޭންކްތަކެއް ހުރިތަން ފެނި، އަހަރެމެންގެ ހުރިހާ ގެއެއް ހަލާކުވެގެން ދިޔަތަން ފެނުނެވެ.
އިޒްރޭލުގެ ސްނައިޕަރުންގެ ކުރިމަތީގައި ޒީނަތު އާއި އޭނާގެ އާއިލާ އިން ހުދު ދިދައާއި އައިޑީ އުފުލިއެވެ.
"އަހަރެމެން ތިބީ ބިރުން ގޮސް މޭގަނޑުން ހިތް ނުކުންނަ ހާލަތުގައި. ހެނދުނު ނުވަޔަކުން ފަށައިގެން ހިނގަމުން ގޮސް ދީރުލް ބަލާއަށް ދިޔައިރު އިރު ހުރީ އޮއްސެންވެފައި."
މަގުމަތީގައި ހުރި ހަށިތަކުގެ ތެރެއިން ކުޑަކުދިންގެ ގުނަވަންތައް ވަކިވެފައި ހުރި މަންޒަރު ފެނުނު ކަމަށް އޭނާ ބުންޏެވެ.
ޒަހުވާ ބުނީ އޭގެ ތިން ދުވަސް ފަހުން އޭނާ ހަމަ އެ މަގު ހުރަސްކުރިއިރު އިޒްރޭލު ސިފައިން ބުނީ އެއްގޮތަކަށް ވެސް ހަރަކާތް ހުއްޓައިލައި ނުވަތަ ފަސްއެނބުރި ބަލައިލި ކޮންމެ މީހަކަށް ބަޑި ޖަހާނެ ކަމަށެވެ.
"ޗެކްޕޮއިންޓް ކައިރިން ދިޔައިރު އެމީހުން އަހަންނަށް ފުރައްސާރަ ކުރި." ޒަހުވާ ބުންޏެވެ. "އަރަބި ބަހުން އަހަރެމެންނާ ހުތުރު ބަސްތައް ބުނެ، އަހަރެމެންގެ ނަބިއްޔާ މުޙައްމަދު (ޞޢވ) އަށާއި الله ތަޢާލާއަށް لعنة ލެއްވި. އަހަރެމެންނަކީ ހަމާސްގެ ސަޕޯޓަރުން ކަމަށް ގޮވައި، ދެކުނަށް ދިޔުމުން އަހަރެމެން ދުވަސް ދުއްވާލާނެ ކަމަށް ވައުދުވި."
މޫނުމަތީގައި އަތް އަޅައިގެން ހުރި އިރު ކަރުނަތައް ކޯތާފަތުން ފައިބަމުން ދިޔަކަމަށް އޭނާ ބުންޏެވެ.
އޭނާގެ މާމަދަރިއެއް ކަމަށްވާ، އުމުރުން 10 އަހަރުގެ ކުއްޖާވެސް އެ ދުވަހުގެ ހާދިސާތައް ކިޔައިދިނެވެ.
މައިންބަފައިންނާއި ދެ ކޮއްކޮއާއި ތިން ބެއިން ހިނގާފައި ގޮސް ޗެކްޕޮއިންޓާ ހަމައަށް ދިޔައިރު އިޒްރޭލުން އަހަރެންގެ ބައްޕައާއި ބޮޑުބޭބެމެން ގޮވައިގެން ދިޔައީ." އޭނާ ބުންޏެވެ.
"އަހަރެންގެ ބައްޕަ އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރިއިރު، އިޒްރޭލުން ބައްޕަ ގަދަގަމުން ގެންދިޔައީ. އިޒްރޭލު ސިފައިން އަހަރެމެންގެ ފޭރާން ހުރި ދަބަސްވެސް ގެންދިޔައީ. އޭގައި ހުންނާނީ ހަމަ އެކަނި އަހަރެމެން ލާ ހެދުން. ބޮމެއް ނުވަތަ އެއްވެސް ކަހަލަ ހަތިޔާރެއް ނުހުންނާނެ."
އެ ކުއްޖާ ބުނި ގޮތުގައި އިޒްރޭލު ސިފައިން އެމީހުންގެ ކުރިމަތީގައި ހުރި މީހެއްގެ ގަޔަށް ބަޑި ޖަހައި، އެމީހާ ލޭ އޮހޮރުވަމުން ދިޔައިރުވެސް އެއްވެސް ފަރުވާލެއް ނެތެވެ.
"އެ ބޭބެއަކީ އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހެއް. އޭނާ ސަފުގައި ހިނގަމުން ގޮސް ފަސްއެނބުރި ބަލައިލެވުނީ. ސިފައިން ބުނީ ސީދާ ކުރިމައްޗަށް ބަލާށޭ. އޭނާ ބޮލުގައި ހިފައި ކުރިމައްޗަށް އަނބުރާފައި އެމީހުން އޭނާގެ ބަނޑަށް ބަޑި ޖެހީ."
"މިއީ އެމީހުން އެ ބުނާ ސަލާމަތްތެރިކަން ލިބޭ މަގެއް ނޫން. މިއީ ހަމަ ގަސްދުގައި މީހުން މަރާ މަގެއް. މިއީ ބިރުވެރި މަގެއް. އިޒްރޭލު ސިފައިން ދިޔައީ މީހުން ގައިގައި ތަޅާ އަނިޔާކޮށް މަރަމުން. އަދި ބަރަހަނާ ކުރަމުން." އޭނާ ބުންޏެވެ.
އާއިލާގެ ތަނބެއް
އަލް ސަމޫނީ ދަރިކޮޅުން ތަޖުރިބާކުރި ބިރުވެރި ހާދިސާތަކަކީ 2008-2009 އަށް އިޒްރޭލުން ދިން ހަމަލާތަކުގައި އޮޕަރޭޝަން ކާސްޓް ލީޑްގައި ސިފައިން އެމީހުންގެ އާއިލާގެ 48 މީހުން ޝަހީދު ކޮށްލުމުން ފެށުނު ސިލްސިލާ ހިތާމަތަކުގެ ތެރެއިން އެންމެ ފަހުގެ ބިރުވެރި ހާދިސާތަކެވެ.
އަސްކަރިއްޔާއިން ވަނީ ގިނަ އާއިލާތަކެއް އެއް ފުރާޅެއްގެ ދަށަށް ގެންގޮސް އެގެއަށް މިސައިލް ހަމަލާދީ އެތައް ބަޔަކު މަރާލާފައެވެ. ހުދު ދިދަ ހިފައިގެން ބައެއް މީހުން ނުކުމެ އުޅުނު ނަމަވެސް އޭގެ ތިން ދުވަސް ފަހުން ރެޑްކްރޮސް އަށް އިމާރާތަށް ވަނުމުގެ ހުއްދަ ލިބުނު އިރު، ކާބޯތަކެއްޗާއި ފެން ނުލިބި އެތައް ދުވަހެއް ހޭދަކުރި މައިންބަފައިންނާއި ގާތް ތިމާގެ މީހުންގެ ހަށިތައް ވަށާލައިގެން 8 ކުޑަކުދިންނާ އެކު ޒަހަމްވި 13 މީހެއްގެ ހިތާމަވެރި މަންޒަރު ފެނުނެވެ.
މަރުވި މީހުންގެ ތެރޭގައި ޒަހުވާގެ ފިރިމީހާ އައްތިޔާ ވެސް ހިމެނެއެވެ. އެމީހުންގެ އަންހެން ދަރިފުޅު އަމާލްގެ އުމުރަކީ އޭރު އެންމެ އަށް އަހަރު ނަމަވެސް ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް އޭނާ ހަނދާން އެބަހުއްޓެވެ.
"ޖެނުއަރީ މަހު ފިނި ދުވަހެއްގައޮ އިޒްރޭލުގެ 100 ސިފައިން އަހަރެމެންގެ ގެއަށް ވަދެ އަހަރެމެންގެ ކުރިމަތީގައި ބައްޕަ މަރާލީ." މިހާރު އުމުރުން 24 އަހަރުގެ ޒުވާނާ ބުންޏެވެ. "އެމީހުން އެންމެ ފުރަތަމަ ގޭގެ ދޮރު މައްޗަށް ގްރެނޭޑެއް އެއްލާލުމުން އޭގެ ދުންތައް އަހަރެމެން ވަށާލި."
ސިފައިން ހިބްރޫ ބަހުން ހަޅޭއްލަވައިގަތީ ގޭގެ ވެރިމީހާ ކުރިއަށް އައުމަށެވެ. އިޒްރޭލުގައި ކުރިން މަސައްކަތް ކުރި އައްތިޔާ ދެއަތް އުފުލާލައި އަމިއްލައަށް ކުރިއަށް ޖެހުނެވެ.
"އެމީހުން ބައްޕަގެ ދެލޮލުގެ މެދަށްށާއި ބުރަކަށްޓަށް ބަޑި ޖެހީ" އަމާލް ބުންޏެވެ. "ދެން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަ ބަޑި ޖަހަމުން ދިޔަ."
މީގެ ކުރިން ޓޭންކުތައް އެމީހުންގެ ގެ ވަށާލުމާއެކު އައްތިޔާ އޭނާގެ ދަރިންނަށް ހިބްރޫ ބަހުން "އަހަރެމެންނަކީ ކުޑަކުދިން" ކަމަށް ބުނަން ދަސްކޮށްދިން ނަމަވެސް އެކަމުން އެއްވެސް ބަދަލެއް ނާދެއެވެ.
"އެމީހުން އަހަރެންގެ ބައްޕައަށް ބަޑި ޖެހުމަށްފަހު އަހަރެންނާ ދިމާލަށް ބަޑިޖަހަން ފެށީ." އަމާލް ބުންޏެވެ. "އަބްދުالله އާއި އަހަރެން ދެމީހުންނަށް ވެސް އަނިޔާވި. އެމީހުން އެއް ކޮޓަރީގައި އަލިފާން ރޯކޮށްލުމާއެކު އަހަރެމެންނަށް ވަރަށް ބޮޑަށް ދުމުގެ އަސަރު ކުރަމުން ދިޔަ."
އޭރު ހަމާމްގެ އުމުރަކީ އެންމެ އަހަރެކެވެ. އޭރު އެމީހުންގެ ކޮއްކޮ އަހްމަދުގެ އުމުރުން ހަތަރު އަހަރެވެ. އަހުމަދުގެ ބޮލާއި ބުރަކަށްޓަށް ދެ ފަހަރެއްގެ މަތިން ބަޑީގެ ވަޒަން އަމާޒުވެ ލޭތައް އޮހޮރެމުން ދިޔައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން އެއްވެސް އެމްބިއުލާންސެއް އެ ސަރަހައްދަށް ދިޔުމަށް ހުރަސް އެޅުމުން ޖެހިގެން އައި ދުވަހު ފަތިސްވަންދެން އެ ހާލުގައި އަހުމަދަށް ޖެހުނީ ކެތް ކުރާށެވެ.
އެންމެ ފަހުން އަހްމަދު މަރުވީ އޭނާގެ މަންމަގެ އަތުތެރޭގައި އޮވެއެވެ. ފިރިމީހާއާއި ދަރިފުޅާއި ގެދޮރު ގެއްލުނު އިރު އެ ހިތާމަވެރި ދުވަހުން ފެށިގެން 15 އަހަރުގެ ތެރޭގައި ދިރިއުޅުން އާރާސްތުކުރުމަށް އާއިލާއަށް ދެގުނަ ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.
ހުރިހާ ކަމެއް ބެލެހެއްޓުމަށް އިސްނެގީ ފަރާޖް އެވެ. އޭނާ ވަގުތުން އެއްވެސް ޝަކުވާއެއް ނެތި ގޭގެ އިސް ފިރިހެން މީހާގެ ރޯލު ނަގައި އޭނާގެ ކޮއްކޮމެން ތަރުބިއްޔަތު ކުރުމަށް އެހީތެރިވެދިނެވެ. އޭނާއަކީ ދަނޑުވެރިއެއް، އަދި ވަރަށް މަސައްކަތްތެރި މީހެކެވެ. އެމީހުންގެ ގެ އަލުން އިމާރާތްކުރީ އޭނާގެ އަމިއްލަ އަތުންނެވެ.
"އޭނާއަކީ އަހަރެމެން އެންމެންވެސް ބަރޯސާވި ތަނބެއް." އޭނާގެ މަންމަ ޒަހުވާ ބުންޏެވެ. އޭނާ އަކީ ވަރަށް އޯގާތެރި މީހެއް ކަމަށާއި އެއްވެސް ކަމަކަށް އެދި އާދޭސްކުރަން ނުޖެހޭ ކަމަށް ޒަހުވާ ބުންޏެވެ.