ޔޫކްރައިން ހަނގުރާމައިގައި އެގައުމަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުގެ ލިސްޓު އާންމު ކުރާހެން އިޒްރޭލަށް ފޯރުކޮށްދޭ ހަތިޔާރުގެ ލިސްޓު އެމެރިކާ އަކުން ހާމައެއް ނުކުރެއެވެ.

ނަމަވެސް އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައި ވާ ގޮތުން، އިޒްރޭލުން ގާޒާގެ ރައްޔިތުން ޝަހީދު ކުރަމުން ގެންދާ ޖަރީމާގައި ބޭނުން ކުރާ ބާރުގަދަ ބޮންތަކަކީ އެމެރިކާއިން ފޯރުކޮށްދީފައި ވާ ހަތިޔާރެވެ.

މިހާތަނަށް 15 ހާހަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާ އިރު، ހަމަލާތައް ހުއްޓާލައި އަލުން ފެށިފަހުން ވެސް 270 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

އެގޮތުން އެ ނޫހުން ބުނެފައި ވަނީ؛

  • ބީއެލްޔޫ-100 މަރުކާގެ 100 ބޮން – މި ބޮމަކީ އިމާރާތްތައް ގޮވުމުގެ ކުރިން މަދުވެގެން 100 ވަރަކަށް އިމާރާތަށް ލޮޅުން އަރުވާލާވަރުގެ ބޮމެވެ. އަދި މީގެ ކޮންމެ ބޮމެއްގައި 900 ކިލޯގެ ވޯހެޑެއް ހުންނަ ކަމަށްވެސް އެނޫހުން ބުނެއެވެ.
  • އާންމު ހަނގުރާމަތަކުގައި ބޭނުން ކުރާ ޒާތުގެ 15،000 ބޮން
  • 155 މިލިމީޓަރުގެ 57،000 ޝެލް
  • އެމްކޭ82 މެރިކާގެ ގައިޑަޑް ނޫން 5000 ބޮން
  • އެމްކޭ84 މަރުކާގެ ގައިޑަޑް 5400 ބޮން
  • ޖީބީޔޫ39 މަރުކާގެ 1000 ބޮން – މިއީ ކުދިކުދި ސަރަހައްދުތައް ގޮއްވާލަން ހަދާފައި ހުންނަ ބޮމެއް
  • 3000 ޖީޑޭމް ގައިޑަޑް ކިތް – މި ކިޓް ހަރުކޮށް ގައިޑަޑް ނޫން ބޮންތަކަށް އަމާޒަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބޭ

މިއީ އެމެރިކާއިން ކޮންމެ އަހަރަކު އިޒްރޭލަށް ދޭ 1.3 ބިލިއަން ޑޮލަރުގެ އިތުރު މިފަހަރުގެ ހަނގުރާމައަށް ދީފައިވާ ތަކެތި ކަމަށް އެ ނޫހުން ބުނެއެވެ. އެނޫހުން އިތުރަށް ބުނީ، މިއީ ކުޑަ ލިސްޓެއް ކަމަށާއި އިޒްރޭލަށް ފޮނުވި ހުރިހާ ހަތިޔާރެއްގެ ތަފްސީލު އެނޫހަށް ވެސް ލިބިފައި ނުވާ ކަމަށެވެ.

އެ ނޫހުން ބުނީ، އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދިން ބޮން ބޭނުން ކޮށްގެން ގާޒާއަށް ނުރައްކާތެރި ހަމަލާތައް ދީފައިވާ ކަމަށާއި އެފަދަ އެއް ހަމަލާއަކީ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ވައްޓާލި ބޮމެއްގައި 100 މީހުން ޝަހީދުވި ހާދިސާ ކަމަށެވެ.

އެ ހާދިސާގައި ޖަބިޔާ ކޭމްޕުގެ މެދުތެރޭގައި މާސިންގާ ބޮޑު ވަޅުގަނޑެއް ހެދި މުޅި ސަރަހައްދު ބިމާ ހަމަވެގެން ގޮސްފައި ވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯ ކްލިޕްތައް ވެސް އާންމު ވިއެވެ.

އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށްލަށް ހިންގާ އުދުވާނުގައި އެމެރިކާ އަކީ ސަޕޯޓަރެއްގެ އިތުރުން އަމަލީ ގޮތުން އެ ހަނގުރާމައިގެ ބައިވެރިއެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހަމަލާތައް ރޭވުމާ ހަމައިން ފެށިގެން ހަމަލާތައް އަމާޒުކުރާނެ ތަންތަނަށް ދާންދެން ފާހަގަ ކޮށް އިޒްރޭލުގެ ފައުޖުތަކަށް މައުލޫމާތު ފޯރުކޮށްދެނީވެސް އެމެރިކާގެ ޖާސޫސީ ޑްރޯންތަކުން ކަމަށާއި، ހަފްތާއަކަށް ހަމަލާތައް މެދުކަނޑާލައި ދޭން ފެށި ހަމަލާތަކުގައި އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދިން ބަންކަރު ބޮން ވެސް ބޭނުން ކުރަމުން ދާ ކަމަށް ބުނެއެވެ.

މީގެ ކުރިންވެސް އިޒްރޭލުން ބަންކަރު ބޮން ބޭނުން ކޮށް، ހަމާސްގެ ބިންގަރާސްތައް ގޮއްވާލާފައި ވެއެވެ. އެ ވީޑިއޯތަކާއި ފޮޓޯތައް އާންމު ކޮށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން އެކަން އާންމު ކޮށްފައި ވެސް ވެއެވެ.