މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި މާލޭގެ ސިޓީ ކައުންސިލްގެ 3 ދާއިރާއެއްގެ މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޑިސެމްބަރު 9 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ޕީއެންސީން ބުނީ، ޖެނުއަރީ 13 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައި އިލެކްޝަންގައި މާލޭ ސިޓީގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑީގެ މެންބަރު އިންތިހާބު ކުރުމަށް އެ ޕާޓީން ބައިވެރިވާ ކެންޑިޑޭޓުން ހޮވުމަށް ޕަރައިމަރީ ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި މަހުގެ 9 ވަނަ ދުވަހު އެ ޕްރައިމަރީ ބާއްވާނެ ކަމަށާއި އެ ގޮނޑިތަކަށް ކުރިމަތިލާން އެދޭ މީހުންނަށް، ނޮވެމްބަރު 30 އިން ޑިސެމްބަރު 4 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ވީމާ ޕީޕީއެމް އާއި ޕީއެންސީގެ ކޮންގްރެސްގެ މެންބަރުންގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑީގެ މެންބަރު ކަމަށް ޝައުގުވެރިވާ މެންބަރުން ފޯމު ހުށަހަޅާނީ މަތީގައި ބާޔަންކޮށްފައިވާ މުއްދަތުގެ ކުރިން ޕީއެންސީ އޮފީސް، ކާނިވަލް ދޮންމަނިކު ސްކައި ވިއު ގްރައުންޑް ފްލޯ އަށް ކަމަށް ޕީއެންސީން ބުނެއެވެ. ނުވަތަ ފޯމް އީމެއިލް މެދުވެރިކޮށް ވެސް ޕީއެންސީގެ މެއިލަށް ފޮނުވޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.
އެޕްލިކޭޝަން ފޮނުވާއިރު، އެޕްލިކޭޝަންގައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ބައިތައް ފުރިހަމަކޮށް އަދި އެޕްލިކޭޝަނާއެކު ހުށަހެޅުމަށް ބުނާ ތަކެތި ހުށަހެޅުމަށް ސަމާލަު ވުމަށް އެޕާޓީން ބުނެއެވެ. އަދި މި ޕްރައިމަރީގައި ވޯޓު ލެވޭނީ މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ކޯލިޝަންގެ ދެ ޕާޓީން ކުރެ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ދެ ޕާޓީން ކުރެ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނިފައިވާ މެންބަރުންނަށް އެކަނި ކަމަށް ޕީއެންސީން ބުނެއެވެ.
މާލެ ސިތީ ކައުނސިލްގެ މި ގޮނޑިތައް ހުސްވެފައި މި ވަނީ ރިޔާސީ އިންތިހާބުގައި މާލެ ސިތީގެ މޭޔަރު ވަދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ އެކު އާ ސަރުކާރާ އެމަނިކުފާނު ހަވާލުވެވަޑަިއގަތުމާ ގުޅިގެންނެވެ. އެ ގޮތުން މުއިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކަށް ބޭބޭފުޅުން އައްޔަން ކުރެއްވި އިރު މާލެ ސިޓީ ކައުންސިލަރުންނަށް ވަނީ އިސް މަގާމުތައް ދެއްވާފައި ކަމުން އެ ގޮނޑިތައް ވަނީ ހުސްވެފައެވެ.