ހިޔާ ފްލެޓްގެ ފިނިޝިންގެ އަގު ދޭން ރާވާފައިވާ ގޮތާ މެދު ސުވާލުކުރަން ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވަލޮޕްމަންޓް، ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުން މަޖިލީހަށް ހާޒިރުކުރަން އެދިވަޑައިގެންފިއެވެ.
މިނިސްޓަރު ހައިދަރަށް ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރަން އެދިވަޑައިގެންފައިވަނީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.
ނިޔާޒު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމެޕްއިން ބައްދަލުވުމެއްގައި ހުޅުމާލެ ރައްޔިތުންނާ ބައްދަލުކުރައްވާ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުފުވެވަޑައިގެންފައިވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ހަރަދުގެ ގޮތުގައި ދެ ލައްކަ ރުފިޔާ އެ ފްލެޓްތަކުގެ ވެރިފަރާތަށް ދެއްވާނެ ކަމަށެވެ.
އެހެންކަމުން އެ ފައިސާ ދެއްވަން ރާވާފައިވާ ގޮތަކާއި ދެއްވަން ކަނޑައަޅާ މުއްދަތަކީ ކޮބައިކަން ސާފުކުރުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ މި ފަހަރުގެ ބަޖެޓުގައި ހަމަ ޔަގީނުންވެސް އެކަން ނެތް ކަމަށެވެ.
ކެމްޕެއިންގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން (ރައީސް ސޯލިހުގެ ސަރުކާރު) އައިސް ފުރަތަމަ މަސައްކަތް ކުރީ ހިޔާ ފްލެޓްތައް ތަޅާލަން ކަމަށާއި އެތަނަކީ ހޮހޮޅައެއްގެ ގޮތުގައި މި ސަރުކާރުން ސިފަކުރި ކަމަށެވެ. އަދި އެތަން ތަޅާލެވޭ ގޮތް ނުވުމުން ދެ ތިން އަހަރު ބެހެއްޓުމަށްފަހު އެ ތަން އެ ހުރި ގޮތަށް ރައްޔިތުންނަށް ދިނީ ކަމަށާއި އެ ތަން ދެމުން ވެސް ރައްޔިތުން އެ ފްލެޓްތައް ބޭނުން ނުވާނެ ކަމަށް ބުނި ކަމަށެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އެވްރެޖް ގޮތެއްގައި ކޮންމެ ރައްޔިތެއްގެ އަތުން ހަރަދުވި ފައިސާގެ އަގު ބެލުމަށްފަހު ވަކި އަދަދެއް ކަނޑައަޅައި އެ އަދަދަށް އާބަންކޯއިން ލޯނު ނަގައި ފައިސާ އަނބުރާ ލިބޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެންމެ މި ޒަމާނުގެ ފެންވަރަށް ހަދާފައި ހުރި ފްލެޓްތަކުގެ އަގު އެއްކޮށް ކަވާ ނުވި ކަމުގައިވިޔަސް، އެވްރެޖް އަގެއް ކަނޑައަޅައި އެ އަގު ފްލެޓްގެ ކުލިން ކަނޑާދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ އެވްރެޖްކޮށް ބަލާނަމަ ފްލެޓްއަކަށް ޖެހެނީ 2 ލައްކަ ރުފިޔާ ކަމަށެވެ.
އެކަން މުއިއްޒު ނުކޮށްދެއްވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް އާބަންކޯގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުވެސް ވަނީ ރައްދުދެއްވާފައެވެ. ފަޒުލް ވިދާޅުވީ އެ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށެވެ. އަދި ފަޒުލް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވައުދުވި ގޮތަށް ހިޔާ ފްލެޓް ހަދަން ހަރަދު ކުރި ފައިސާ ހިޔާ ފްލެޓްގެ ވެރިންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.