ވައިގެ މަގުން ފުވައްމުލަކު ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ފުލުހުން ބުނީ ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ފުވައްމުލަކު އެއާޕޯޓުން އޭނާ ފުލުހުންގެ ބެލެމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ފިލްމު ހުސްކުރި ދަޅެއްގެ އިތުރުން 36 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.