އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝިމާދު އިބްރާހިމް އަދި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާމިނަތު ޒީނިޔާ އައްޔަންކޮށްފި އެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ކަމަށް މިއަދު ޝިމާދު އައްޔަން ކުރައްވާފައި ވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު އެ މަގާމުން ދުރުކުރުމަށް ފަހުއެވެ.

ޝިމާދަކީ މަލްޓިލޭޓަރަލް އަދި ކޮމާޝަލް ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުގެ އިތުރުން ބޭންކް ތަކުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށް ތަޖުރިބާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަމައެހެންމެ އޭނާ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ ބޯޑުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް ވިލާ ގްރޫޕްގައި ހެޑް އޮފް ފައިނޭންސް އެންޑް ޓެކްސްގެ މަގާމުވެސް އޭނާ ފުރުއްވާފައެވެ.

ޝިމާދު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗެލާ އޮފް އެކައުންޓިން ހާސިލް ކުރައްވާފައެވެ. އަދި މެނޭޖްމެންޓް އެންޑް އެކައުންޓިންގެ ދާއިރާއިން އޭނާ ވަނީ އެޑްވާންސްޑް ޑިޕްލޮމާ ހާސިލް ކުރައްވާފައެވެ.

އާސަންދަ ކުންފުނީގެ އެމްޑީ ޒީނިޔާ

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ އެކުންފުނީގައި އެންމެ ގިނަދުވަސްވީ އެއް މުވައްޒަފު ކަމަށްވާ އާމިނަތު ޒީނިޔާ އެވެ. މީގެ ކުރިން އޭނާ އަދާކުރަމުންދިޔައީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ.

ޒީނިޔާ ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓާއި އެވެއަނެސް ޑިޕާޓްމަންޓާއި ކަސްޓަމާ ސާވިސް ސެކްޝަނާއި ޕަބްލިކް ރިލޭޝަންގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ މަސައްކަތްތައްވެސް ބަލަހައްޓަވާފައެވެ. އާސަންދަ ކުންފުންޏާއި ގުޅުމުގެ ކުރިން، އޭނާ ވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަދާ ކުރައްވާފައި ވެއެވެ.

އަދި ހެލްތު މިނިސްޓްރީގެ ސެންޓާ ފޯ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގައި، ޕަބްލިކް ހެލްތް ޕްރޮގްރާމްގެ ކޯޑިނޭޓަރުގެ މަގާމާއި އަދި ނަރުހެއްގެ ގޮތުގައި ސެންޓްރަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައިވެސް އޭނާ މަސައްކަތް ކުރެއްވިއެވެ. އޭނާ ވަނީ ނާސިން އާއި ޕަބްލިކް ހެލްތު ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރައްވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް އައްޔަނުކުރައްވަން ބޭނުންވާ ބޭފުޅުންގެ މަސައްކަތްތައް ފައްޓަވާފައެވެ.