މީގެ ދިހަ ވަރަކަށް އަހަރު ކުރިން ޖަނަވާރު އެޑޮޕްޓް ކުރުމުގެ ހިޔާލާއެކު ދީޕަންވިތާ ރިދީ ވަނީ އޭނާގެ ގައުމު [ބަންގްލަދޭޝް] ގައި ޖަނަވާރުންގެ ހައްގުގައި ކުރާ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކަށް ވެފައެވެ.

އޭނާގެ ހަޔާތް ހޭދަކުރަމުން އަންނަނީ މަގުމަތިވެފައިވާ އަދި އަނިޔާ އާއި ގޯނާ ލިބިފައިވާ ބުޅަލާއި ކުއްތާތައް ހިމެނޭ ގޮތަށް، އެ އެއްޗެއްސަށް ލިބިފައިވާ އަނިޔާތަކުން ސަލާމަތް ކުރުމަށާއި، ރިހެބިލިޓޭޓް ކޮށްފައިވާ ޖަނަވާރުތަކަށް ގެދޮރު ހޯދުމުގައި އެހީތެރިވެދިނުމަށެވެ.

ދީޕަންވިތާ ގިނަ ވަގުތު ހޭދަ ކުރަނީ ގޭގައެވެ. މާ ގިނައިން ބޭރަށް ގޮސް މީހުންނާ އެކީ އުޅުމަކީ އޭނާއަށް ކުރަން މާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ޖަނަވާރުންނަށް އެހީވުމުގައި އޭނާ އަކީ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާ، އެ އެއްޗެހީގެ ދިފާއުގައި ކޮންމެ ކަމެއް ކުރަންވެސް އަޒުމް ކަނޑައަޅާ މަސައްކަތް ކުރާ މީހެކެވެ.

އިންސާނުންނަށް ވުރެ ޖަނަވާރުންނާ ގުޅިފައިވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ގަބޫލުކުރާ ދީޕަންވިތާ އެންމެ ފުރަތަމަ މަގުމަތިވެފައިވާ ޖަނަވާރުތައް ސަލާމަތް ކުރަން ފެށީ އޭނާގެ އުމުރުން 12 އަހަރުގައެވެ.

އެއްދުވަހަކު ޒުވާން ދީޕަންވިތާއަށް އޭނާގެ އަވަށުގައި ކުޑަކުދިންތަކެއް ވާރޭފެން ގަނޑެއްގެ ތެރެއަށް ކުޑަ ބުޅަލެއް ލައިގެން ގަންބަން މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެނުނެވެ. އެ މަންޒަރު ބަލަން ތިބި ބޮޑެތި މީހުން އަަޅައެއް ނުލައެވެ. ނަމަވެސް އެ ކުޑަ ކުޑަ ބުޅަލަށް އަނިޔާދޭ މަންޒަރު ބަލާކަށް ދީޕަންވިތާ އަށް ކެތެއް ނުކުރެވުނެވެ. އޭނާ ދިޔަ ގޮތަށް ގޮސް އެ ކުޑަ ބުޅާ ސަލާމަތް ކޮށްގެން ގެއަށް ދިޔައެވެ. އެހެން ފަހަރެއްގައި އޭނާއަށް ފެނުނީ އޭނާއަށް ވުރެ ތަންކޮޅެއް ދޮށީ ފިރިހެން ކުއްޖަކު ވަލަކުން ކުއްތާއެއްގެ ކަރުގައި އޮޅާލައި ހިފަހައްޓައިގެން ތަޅަމުން ދިޔަ މަންޒަރެވެ. އެ އަނިޔާ ހުއްޓާލުމަށް އެދުމުންވެސް ފިރިހެން ކުއްޖާ އެކަމާ ދެކޮޅު ހެދިއެވެ. ދެމީހުން އެކަމާ ޒުވާބު ކުރުމަށްފަހު، އެންމެ ފަހުން އެ ފިރިހެން ކުއްޖާ ދޫދިނީ ދީޕަންވިތާގެ މައިންބަފައިން ގެންނާނެ ކަމުގެ އިންޒާރު ދިނުމުންނެވެ. އެއަށްފަހު އޭނާ ވަނީ އެ ކުއްތާ ގެޔަށް ގެންގޮސްފައެވެ. އޭރު އޭނާގެ މައިންބަފައިންގެ ދެމެދުގައި މައްސަލަތައް ޖެހި ވަރިވުމުގެ މަޝްވަރާތައް ކުރެވެމުން ދިޔަ އިރު، ސަލާމަތްކުރި ބުޅާ (ކިޓީ) އާއި ކުއްތާ (ޖޯޓީ) ވެގެން ދިޔައީ އޭނާގެ އެންމެ ގާތް އަދި ހަމައެކަނި އެކުވެރިންނަށެވެ.

"އަހަރެން ސްކޫލަށް ދާއިރު ޖޯޓީ އަހަރެންނާ އެކު ހިނގާފައި ދާނެ." ދީޕަންވިތާ ބުންޏެވެ. އޭގެ ތިން އަހަރު ފަހުން ދީޕަންވިތާ ސްކޫލަށް ލާފައި އެނބުރި އައި މަގުމަތީގައި ޖޯޓީ ވަނީ މަރާލާފައެވެ.

ޒުވާން އުމުރުގައި ވެސް ދީޕަންވިތާ ޖަނަވާރުތައް ސަލާމަތް ކުރަމުން ދިޔައީ އެ ޖަނަވާރުތައް އަނބުރާ މަގުމައްޗަށް ނެރެވެންދެން އެ ޖަނަވާރުތައް ބަލަހައްޓަމުންނެވެ. ފެޝަން ޑިޒައިންގެ ދާއިރާއިން ކިޔެވުން ފެށުމުގެ ކުރިން 2010 ވަނަ އަހަރު އެނިމަލް ރެސްކިއު އެންޑް އެޑްވޮކަސީ އޯގަނައިޒޭޝަނެއްގައި އޭނާ ވޮލަންޓިއާ ކުރަން ފެށިއެވެ. އޭގެ ތިން އަހަރު ފަހުން އޭނާ ނިންމީ ޖަނަވާރުތަކަށް ހިޔާވަހިކަމެއް ގާއިމުކުރުމަށެވެ.

"މީގެ ކުރިން ކްލިނިކްތައް ހުރި ނަމަވެސް ބޯހިޔާވަހިކަމެއް ނެތް." އޭނާ ކިޔައިދިނެވެ. "އެކްސިޑެންޓްތަކަށް ފަހު ނުވަތަ ބަލިވުމުން ކުއްތާތަކާއި ބުޅާތައް މަގުމައްޗަށް ދޫކޮށްލަނީ. އެމީހުންނަށް ހިޔާވަހިކަމެއް ހޯދައިދޭން ކޮންމެސް މީހަކަށް ޖެހުނީ ފަށަން."

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މަގުމަތިވެފައިވާ ޖަނަވާރުތައް ދީޕަންވިތާގެ ހިޔާގައި

80 ކުއްތާ އާއި 65 ބުޅާ

އޭއެލްބީ ޖަނަވާރުންގެ ހިޔާ ފެތުރިފައި ވަނީ ޑާކާގެ ދެކުނުއިރުމަތީ އަވަށެއް ކަމަށްވާ ނާރަޔަންގަންޖްގައި ހުންނަ ދީޕަންވިތާ އާއި އޭނާގެ މަންމަ ދިރިއުޅޭ ދެ ގެއެއްގެ މައްޗަށެވެ.

އެ ހިޔާއަކީ 2018 ވަނަ އަހަރާ ހަމައަށް ދީޕަންވިތާގެ ގެއެވެ.

މިއަދު އެ ހިޔާއަކީ 80 ކުއްތާ އާއި 65 ބުޅަލުގެ ގެއެވެ. ގިނައީ ރެސްކިއު ޖަނަވާރު ކަމަށާއި ގާތްގަނޑަކަށް 30 ވަރަކަށް ކުއްތާއަކީ ރައްކާތެރި ތަނެއްގައި ބެލެހެއްޓުމަށް މަހު ފީ ދައްކާ މީހުން ގެނަސްފައިވާ ކުއްތާތަކެވެ.

މި ހިޔާއަކީ މައިގަނޑު ގޮތެއްގައި މީހުންދޭ އެހީއާއި މަހުން މަހަށް ނަގާ ފީ އާއި ދީޕަންވިތާގެ އަމިއްލަ ފައިސާއިން ހަރަދުކޮށްގެން ހިންގާ ހިޔާއެކެވެ. އެ ފައިސާ އަކީ ހިޔާގެ ހިންގުމުގެ ހަރަދަށް ހަރަދުކުރާ ފައިސާ ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެއްޗާއި، ދަތުރުފަތުރު ކުރުމާއި ސަލާމަތްކުރާ ޖަނަވާރުތަކަށް ފަރުވާ ދިނުމާއި މުވައްޒަފުންގެ މުސާރަ އާއި ޔޫޓިލިޓީސް ހިމެނެއެވެ.

ބައެއް ފަހަރު ހީވެސް ނުކުރާ މިންވަރަށް ހަރަދުތައް މަތިވެއެވެ. މިދިޔަ އޮގަސްޓް މަހު މޫސުމީ ވިއްސާރައިގެ ސަބަބުން ހިޔާގެ ތެރޭގައި ހަދާފައިހުރި ކޮށިތައް ވަނީ ހަލާކުވެފައެވެ. ކްރައުޑްފަންޑިން މެދުވެރިކޮށް 40،000 ޓަކާ (358 ޑޮލަރު) ހޯދައި، އަމިއްލަ ފައިސާއިން 12،000 ޓަކާ (107 ޑޮލަރު) އެ ތަކެތި މަރާމާތު ކުރުމަށް ދިޕަންވިތާ ވަނީ ހޭދަކޮށްފައެވެ.

ހިޔާގައި ވަށައިގެން ބުޅާތައް ދިރިއުޅެމުން އަންނަނީ

ކުޑައިރުގެ ގެ، އެ ހިޔާ ސަލާމަތްކޮށްފައިވާ ޖަނަވާރުންނަށް ދޫކޮށްލުމަށް ފަހު، ދީޕަންވިތާ މިއަދު ދިރިއުޅެމުން ދަނީ، ދަރިވަރުންނާއި އާއިލާތަކާއި ޒުވާން ފަންނުވެރިންގެ ތަފާތު މިކްސްއެއް އޮންނަ ރަޔަ ބާޒާރުގެ މަތީ މެދުފަންތީގެ އަވަށުގައި ހުންނަ ކުއްޔަށް ހިފާފައިވާ ކުޑަ އެޕާޓްމަންޓެއްގައެވެ.

އޭނާގެ އެޕާޓްމެންޓަށް ގުދުރަތީ ގޮތުން ކުޑަ އަލިކަމެއް ލިބޭއިރު، ނިދާ ގޮދަޑީގެ އިތުރުން ދެ ޕްލާސްޓިކް ވޯޑްރޯބާއި އެހެނިހެން ފަރުނީޗަރުތައް ހުރިއިރު އޭގެ ތެރެއިން ގިނަ ތަކެތި ގަނެފައިވަނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށެވެ. ދިޕަންވިތާ އޭނާގެ ސާމާނު އުކާލަނީ ވަރަށް މަދުން ކަމަށާއި ބަދިގޭގެ ކަނެއްގައި ގިނަ ދުވަސްވެފައިވާ އަދި ފިނި މޫސުމުގެ ހެދުންތަކާއި ބެޑްޝީޓްތައް ކޮތަޅުތަކުގައި ބަހައްޓާފައި ވެއެވެ.

ގިނަ ދުވަސް ދުވަހު މެންދުރު ހޭލައިގެން އެނދުން ތެދުވެ ތަށިތައް ދޮވެ، ބޯފެން ހޫނުކޮށް، ގޭގައި ގެންގުޅޭ ބުޅަލުގެ ކާނާއާއި ފެންތަށި ފުރާލައެވެ. މެންދުރުފަހު އޭނާ ހިޔާ ބަލަހައްޓަނީ ރިމޯޓްކޮށެވެ. ވޮލަންޓިއަރުންނާއެކު ރެސްކިއުގެ މަސައްކަތްތައް ކޯޑިނޭޓްކޮށް، ހޭލުންތެރިކަން އިތުރުކުރާ ފޭސްބުކް ޕޯސްޓްތައް ތައްޔާރު ކުރެއެވެ.

"ގްރޯސަރީ ޝޮޕިންއިން ފެށިގެން ހިޔާ ހިންގުން ފަދަ މަސައްކަތުގެ 99 ޕަސެންޓް އޮންލައިންކޮށް ކުރަން މަސައްކަތް ކުރަނީ އޭގެ ސަބަބުން އިތުރު ފައިސާ ރައްކާކުރެވޭތީ." ދީޕަންވިތާ ކިޔައިދިނެވެ. "ޓެކްސީތަކުގެ ދަތުރުފަތުރުގެ ހަރަދުވެސް ބޮޑުވެފައިވާތީ މިހާރު މަހަކު މަދު ފަހަރަކު ހިޔާއަށް ދާން ނޫނީ މާ ގިނައިން ބޭރަކަށް ނުނިކުންނަން."

ދިޕަންވިތާ އެ ހިޔާގެ ފޭސްބުކް ޕޭޖަށް ބަރޯސާވަނީ ސަލާމަތް ކުރަން ޖެހޭ ޖަނަވާރުތަކުގެ މައުލޫމާތު ހޯދުމަށާއި ފަންޑްރެއިޒިން އާއި އެޑޮޕްޝަން ކެމްޕެއިންތައް ޕްރޮމޯޓް ކުރުމަށެވެ.

ދިޕަންވިތާ އަކީ 2018 ވަނަ އަހަރުން ފެށިގެން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގައި ދިރިއުޅެމުން އަންނަ މީހެއް

އާދައިގެ ދިރިއުޅުމެއް

ދީޕަންވިތާ ހިޔާގެ ހަރަދުތައް ހަމަޖެއްސުމަށް އާދައިގެ ދިރިއުޅުމެއް އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ޕެންޑެމިކްގެ ކުރިން އޭނާ ބޭނުން ގޮތަކަށް ފައިސާ ހަރަދުކުރިއެވެ. ޑްރާމާތަކަށް ގޮސް، ކައި، ފޭރާމާއި ޝޭމްޕޫ އާއި އޭނާ ލޯބިވާ އެހެނިހެން ބްރޭންޑުތަކުގެ ސާމާނުތައް ގަނެ ހެދިއެވެ. މީގެ ކުރިން 3،000 ޓަކާ (27 ޑޮލަރު) އަގު ހުރި ހެދުންތައް އޭނާ ގަނެއެވެ. މިހާރު އޭނާ އެއް ކަމަކަށް 300 ޓަކާ (2.70 ޑޮލަރަށް) ވުރެ ބޮޑު ހޭދައެއް ނުކުރެއެވެ.

"އަހަރެން ހިޔާގެ މަސައްކަތް ފެށިއިރު ނަފްސާނީ ގޮތުން ތައްޔާރުވަމުން އައީ ހަރަދުތައް ކުޑަކުރަން ޖެހޭނެކަމަށް. އެކަމަކު މިހާ ބޮޑު ބަދަލެއް ގެންނަން ޖެހޭނެ ކަމަކަށް ހިޔެއް ނުކުރަން." އޭނާ ބުނެލިއެވެ. "ލޮކްޑައުންއަށް ފަހު ހުރިހާ އެއްޗެއްގެ އަގު ބޮޑުވީ."

ޖަނަވާރުތަކަށް ބޭނުންވާ ކާނާއާއި، ކުއްޔާއި ކާބޯތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ފާއިތުވި އަހަރަކީ ވަރަށް ބޮޑު އިތުރުވުމެއް ހަރަދުތަކަށް އައި އަހަރެކެވެ. މިސާލަކަށް ކުލީގެ ގޮތުގައި 11،800 ރުފިޔާ (106 ޑޮލަރު) ދެއްކުމަށް ފަހު ތިން އަހަރު ފަހުން ޖެނުއަރީ މަހު އެ އަދަދު ވަނީ 12،500 ޓާކާ (112 ޑޮލަރު) އަށް އަރާފައެވެ.

ދީޕަންވިތާ ވަނީ ވަރަށް ގިނަ ހަރަދުތައް ކަނޑާލާފައެވެ. ޕިއްޒާ އާއި ކްރީމީ ޗިކަން ސޫޕް ފަދަ އެންމެ ކަމުދާ ކާއެއްޗެހި ނުކައި، ލޯބިވާ އައިސްޑް ކޮފީ ދޫކޮށްލާފައެވެ. 250-300 ޓަކާ (2.20 ޑޮލަރާއި 2.70 ޑޮލަރާއި ދެމެދުގެ އަދަދަކަށް) ލިބޭ މި އަގަކީ އެއް ދުވަހެއްގެ ކެއުމަކާ އެއް އަގެކެވެ.

"ދަތް އުނގުޅާ ބޭހުން ފެށިގެން ފާހަނާގައި ބޭނުންކުރާ ޓިޝޫއާ ހަމައަށް އަހަރެން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ހުރިހާ އެއްޗެއްވެސް އަގުހެޔޮ އެއްޗެއްސަށް ބަދަލުކުރީ." އޭނާ ކިޔައިދިނެވެ.

ހިޔާ ހިންގަމުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ދީޕަންވިތާ ވަނީ ފްރީލާންސް ޓްރާންސްލޭޓަރެއްގެ އިތުރުން ކޮންޓެންޓް ރައިޓަރެއްގެ ގޮތުގައި ފާއިތުވި ހަތަރު އަހަރު މަސައްކަތް ކޮށްފައެވެ. ރޭގަނޑު 10:00 ޖަހާއިރު އޭނާ އެ މަސައްކަތް ފަށަނީ ހަވީރުގެ މަސައްކަތަށް ފަހުއެވެ. ހަވީރު އޭނަ ކުރާ މަސައްކަތަކީ ސާފުކުރުމާއި، ގަސްތަކަށް ފެން ދިނުމާއި، ފިލްޓާ ކޮށްފައިވާ ފެން ރީފިލް ކުރުމެވެ. މި ހުރިހާ ކަމެއް ވެސް އޭނާ ކުރަނީ އޯޑިއޯބުކްތަކާއި، ބިރުވެރި ފިކްޝަން ނުވަތަ ސައިކޮލޮޖިކަލް ތުރިލާތައް އަޑުއަހަމުންނެވެ. ދެގަޑިއިރު ވަންދެން މަސައްކަތް ކުރުމަށްފަހު ރޭގަނޑުގެ ވަގުތުގައި އިމާރާތުގެ ބޭރުގައި އުޅޭ ގާތްގަނޑަކަށް 10 ވަރަކަށް ކުއްތާއަށް ކާންދިނުމަށް ފަހު އޭނާގެ ރޭގަނޑުގެ ކެއުމަށްފަހު ނިދަން އޮށޯންނަނީއެވެ.

އަނިޔާ ލިބިފައިވާ ޖަނަވާރުންނާ އެކު މަސައްކަތް ކުރުމާއި މާލީ ޕްރެޝަރުތައް ކުރިމަތިވުމަކީ ދީޕަންވިތާއަށް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ހަމައެއާއެކު ޖަނަވާރުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރާތީ އުފަލާއި ހިތްހަމަޖެހުން އޭނާއަށް ލިބެއެވެ.

އޮގަސްޓް މަހުގެ ތެރޭގައި ދީޕަންވިތާ ވަނީ ރިޕޯޓަރު ދިލް އަފްރޯޒް ޖަހާންއާ ގުޅިގެން އޭނާގެ މަހަކު ކުރާ ހަރަދުތައް ބަލަހައްޓާފައެވެ. އޭނާގެ މާލީ ކަންކަން އެންމެ ބޮޑަށް ޓެސްޓްކުރި ހަރަދުތައް ތިރީގައި މިވަނީއެވެ.

އަމިއްލަ އަށް ކެއްކުމަކީ އޭނާއަށް އުނދަގޫ ކަމަކަށް ވާތީ، އޭނާގެ ހުރިހާ މެންދުރުގެ ކެއުމަކާއި ރޭގަނޑުގެ ކެއުންތައް އޯޑަރު ކުރަނީ މަހަކު ދެ ފަހަރު ޑެލިވަރީ ކުރާ ކޭޓަރިން ސާވިސްއަކުންނެވެ.

ފްރިޖް ކައިރިއަށް ހިނގައިގަތުމާއެކު އޭނާގެ ފްރިޖް ހުޅުވާލީ ތައްޔާރު ކޮށްފައިވާ 25 އަށް ވުރެ ގިނަ ކެއުންތައް ދައްކާލުމަށެވެ. "މިއީ އަހަންނަށް އޮތް އެންމެ ރަނގަޅު ގޮތް. އަހަރެން މި އޯޑަރު ކުރާ ކޭޓަރިން ހިދުމަތް އެނގުނީ ޖަނަވާރަށް ލޯބިކުރާ މީހެއްގެ ފަރާތުން. އެތަނުގައި ކައްކަނީ އެކުއްޖާގެ މަންމަ. އަހަރެންނަށް ކުޑަ ޑިސްކައުންޓެއްވެސް ލިބޭ."

ކުކުޅު ނުވަތަ ޓޮމާޓޯ ބޭނުންކޮށްގެން ތައްޔާރުކުރާ ދަޅު ސޫޕް ފަދަ ބައެއް ކެއުންތަކުގެ އަގު އުފުލިފައިވާތީ އޭނާ ވަނީ އޯޑަރު ކުރުން ހުއްޓާލާފައެވެ.

"މިހާރު ކުކުޅެއް ނުކަން. ކުކުޅު ގަންނަން ހަމައެކަނި ބަޖެޓު އޮތީ އަހަރެންގެ ޖަނަވާރުތަކަށް ބޭނުންވާ ވަރަށް." ދީޕަންވިތާ ބުންޏެވެ.

އޭނާ ގަންނަ ހަމައެކަނި ތަކެއްޗަކީ ހަނޑުލާއި އިންސްޓަންޓް ނޫޑުލްސް އެވެ.

"ކެއުމަކީ އަހަންނަށް ލަގްޒަރީ އެއް." ހިނިތުންވެލަމުން އޭނާ ބުންޏެވެ. "މީގެ ކުރިން ދެރަވާ ކޮންމެ ފަހަރަކު އޮންލައިންކޮށް ކާއެއްޗެހި އޯޑަރު ކުރަން." ދީޕަންވިތާ ކިޔައިދިނެވެ. އެކަމަކު އަގު ބޮޑުވުމުގެ މާނައަކީ އޭނާއަށް މިހާރު މިކަން ނުކުރެވޭ ކަމެވެ. "އޮންލައިންކޮށް ތަފާތު ކާ އެއްޗެހި ބަލާލިޔަސް އޯޑަރު ނުކޮށް ފުއްދާލަނީ ދެން." މަޑުމަޑުން ހިނިތުންވެލަމުން އޭނާ ބުންޏެވެ.

މިދިޔަ އޮގަސްޓް މަހު: އެއް މަސް ދުވަހަށް ރެޑީމޭޑް ކެއުންތަކަށް 3،000-4،000 ޓާކާ (27-36 ޑޮލަރު)

މި އޮގަސްޓް: 7،000 ޓާކާ (63 ޑޮލަރު)

ދިޕަންވިތާ ވަނީ އޭނާގެ ޕެޓް އަދި ޝެލްޓާ ހަރަދުތައް ފޫބެއްދުމަށް ޓެޓޫ ޖެހުމާއި ތަންތަން ތޮރުފުން ދޫކޮށްލާފައި

ޓެޓޫ، ބޮލުގައި ކުލަ ޖެއްސުން އަދި ތަންތަން ތޮރުފުން: ޖަނަވާރުތަކަށްޓަކައި ގުރުބާންކޮށްލީ

ދިޕަންވިތާ އަކީ ދަތުރުކޮށް ސިނަމާއަށް ދިއުމަށް ލޯބިކުރާ މީހެއް ނަމަވެސް ކޮވިޑް-19 އަށް ފަހު އިންފްލޭޝަންގެ ސަބަބުން ހަރަދުތައް އުފުލިގެން ދިއުމުން އެއިން އެއްވެސް ކަމެއް މިހާރު ނުކުރެއެވެ.

"ބައެއް ފަހަރު އަމިއްލަ ނަފްސާ މެދު ވިސްނާފައި ދެރަވޭ. ދެން އަހަރެން އަމިއްލަ ނަފްސަށް ބުނަނީ ފިލްމެއް ބަލަން ނުގޮސްފިނަމަ ބަލި ޖަނަވާރަކަށް ފަރުވާދީ، އެމީހުންނަށް ބޭނުންވާ ކާބޯތަކެތި ގަނެވޭނެއޭ. އެ މީހުންގެ ޒަހަމްތަކުން ރަނގަޅުވެ، ރަނގަޅަށް ކާތަން ފެނުމުން އަހަރެން މާ އުފާވޭ." ދިޕަންވިތާ ބުންޏެވެ. އޭނާގެ އެޕާޓްމަންޓު ހުންނަނީ އިމާރާތުގެ އާންމު ކުނި ނައްތާލާ ސަރަހައްދު ކައިރީގައި ކަމުން، މެހިތައް އެތެރެއަށް ވަދެ އުޅުމުން، އޭނާ ގެންގުޅޭ ޖަނަވާރުތަކަށް އުނދަގޫވާ ކަމަށް އޭނާ ބުންޏެވެ.

އިސްތަށިގަނޑުގައި ކުލަ ޖެއްސުން ފަދަ އެހެނިހެން ކަންތައްތައް ދީޕަންވިތާ ވަނީ ދޫކޮށްލައިފައެވެ. "ބިއުޓީ ސެލޫނަކަށް ގޮސް ބޮލުގައި ކުލަ ޖެއްސުމަށްވުރެ އަމިއްލައަށް ގޭގައި ކުރީމާ މާ ހަރަދު ކުޑަ." އޭނާ ބުންޏެވެ.

އޭނާގެ ގައިގައި 11 ޓެޓޫ އާއި ނުވަ ތަނެއް ތޮރުފާފައި ވާއިރު، މިފަހުން އެކަހަލަ އެއްވެސް ކަމެއް ކުރުމަށް ހަރަދުނުކުރާ ކަމަށް އޭނާ ބުންޏެވެ. އެންމެ ފަހުން ޓެޓޫ ޖެހި އިރު، އެއްފަހަރާ ފައިސާ ނުދެއްކުމުން ކޮންމެ މަހަކު އިންސްޓޯލްމަންޓުން އާޓިސްޓަށް ފައިސާ ދައްކަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ގަސްގަހާގެއްސަށް ފެން ދެމުން ދީޕަންވިތާ ބުނީ މީގެ ކުރިން އިތުރު ގަސްތަކެއް ވެސް ހުރި ކަމަށެވެ. އެ ގަސްތަކާ ކުޅެން އޭނާގެ ބުޅާތައް ވަރަށް ލޯބިކުރެއެވެ. ނަމަވެސް މިދިޔަ އަހަރު އޭނާގެ ދެ ބުޅާ މަރުވުމަށްފަހު އެ ގަސްތައް ފެނުމުން މާ ދެރަވާތީ މީހަކަށް އެ ގަސްތައް ދިނީއެވެ.

މިއަހަރު: ގަސްތަކަށް 1500 ރުފިޔާ (13 ޑޮލަރު)

ރެސްކިއު ޓްރާންސްޕޯޓް: "ވެއިޓިން ޗާޖެއް ވެސް ދައްކަން ޖެހޭ"

ދީޕަންވިތާ ރިމޯޓްކޮށް ރެސްކިއުތައް ކޯޑިނޭޓް ކުރާއިރު، ކުއްޔަށް ހިފައިގެން ގެންދިއުމުގެ އިތުރުން ޖަނަވާރުތައް ފަރުވާއަށް ވެޓްއަށް ގެންދަން ޖެހެއެވެ. ސަލާމަތްކުރަން ބޭނުންވާ ޖަނަވާރެއްގެ މައުލޫމާތު ލިބުމުން، އެކަން ފަހިކޮށްދިނުމަށް 500 ޓާކާ (4.50 ޑޮލަރު) ދީގެން ވޮލަންޓިއަރެއް ނުވަތަ ސަލާމަތްކުރާ ފަރާތެއް ހަމަޖައްސައި ދޭނެއެވެ.

"ހިޔާގެ ރެސްކިއު މަސައްކަތަށް ސީއެންޖީ [ތިން ފުރޮޅުލީ އުޅަނދެއް] ހޯދަން ޖެހޭ. ކޮންމެ ޖަނަވާރެއް ސަލާމަތް ކުރާއިރު ވެއިޓިން ޗާޖު ވެސް ދައްކަން ޖެހޭ." އޭނާ ބުންޏެވެ.

އެއީ ކުއްތާއެއް ނަމަ ނުވަތަ ދެ ބުޅާ ނަމަ ތިން ފުރޮޅުލީ އުޅަނދަކީ ކޮންމެހެން ބޭނުން ޖެހޭ އެއްޗެއް ކަމަށާއި އެހެން ނޫން ނަމަ އެއް ބުޅަލަށް ސައިކަލަކުން ފުދޭކަމަށް އޭނާ ބުންޏެވެ. "އަހަރެންގެ އަމިއްލަ އެއްވެސް ޕްރައިވެޓް ޓްރާންސްޕޯޓެއް ނެތް. ޓްރާންސްޕޯޓް ކުއްޔަށް ހިފުމަށްވުރެ ވެސް އަމިއްލަ އުޅަނދެއް ގެންގުޅެން މާ އަގު ބޮޑު." ދީޕަންވިތާ ބުންޏެވެ. އެހެން ނަމަވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ އަގު ވަނީ ދެގުނަ އަށް އިތުރުވެފަ އެވެ.

މިދިޔަ އޮގަސްޓް މަހު: ދަތުރަކަށް ގާތްގަނޑަކަށް 800-1،000 ޓަކާ (7-9 ޑޮލަރު)

މި އޮގަސްޓް: 1،800-2،000 ޓާކާ (16-18 ޑޮލަރު)

ހާއްސަކޮށް ކާބޯތަކެތީގެ އިތުރުން ދިރިއުޅުމުގެ ހަރަދުވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އުފުލިފައި

ހިޔާއަށް ބޭނުންވާ ކާބޯތަކެތި: "ކުއްތާތަކަށް މިހާރު ޓްރީޓް ނުލިބޭތީ ވަރަށް ދެރަވޭ"

އޭނާގެ ރެސްކިއު ޖަނަވާރުތަކާއި ޕެޓްސް އަށް ދީޕަންވިތާ ގަންނަނީ ޗިކަން، ބްރޯކެން ރައިސް - ޖަނަވާރުތަކަށާއި ޖަނަވާރުތަކަށް ކާންދޭ ބައި ޕްރޮޑަކްޓެއް - ވީޓް، ގެރިމަސް އަދި ބިހެވެ.

ނަމަވެސް ފާއިތުވި އަހަރެއްހާ ދުވަހު ހަރަދު ބޮޑުވުމުގެ ސަބަބުން ހިޔާގެ ކުއްތާތަކަށް ގެރިމަސް ނުގަނެވޭކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ ހިޔާގައި ތިބި ކުއްތާތަކަށް އެއްވެސް ޓްރީޓްއެއް ނުދެވޭތީ ވަރަށް ދެރަވޭ." އޭނާ ބުންޏެވެ.

ކުރިން ހުރި ވަރަށް ވުރެ އަގު ބޮޑު ނަމަވެސް އަދިވެސް ގެރިމަހަށް ވުރެ އަގު ހެޔޮ ކުކުޅު އޭނާ ގަނެއެވެ. ހިޔާގެ ހުރިހާ ޖަނަވާރުތަކަށް ކާންދިނުމަށް ދުވާލަކު 50 ކިލޯ ބޭނުންވެއެވެ.

މިދިޔަ އޮގަސްޓް މަހު: ހިޔާވަހީގެ ޖަނަވާރުތަކަށް ކާބޯތަކެތީގެ ގޮތުގައި 55،000 ރުފިޔާ (492 ޑޮލަރު)

މި އޮގަސްޓް: 85،000 ޓާކާ (761 ޑޮލަރު)

ބަލި ޖަނަވާރު ގެނައުމުން ވެޓް އިން ކުޑަ ޑިސްކައުންޓެއް ލިބޭ

ޖަނަވާރުންނަށް ފަރުވާ: ސަލާމަތްކުރާ ޖަނަވާރުތަކަށް ޑިސްކައުންޓެއް

ވެޓަކަށް ޒިޔާރަތްކޮށް އަސާސީ ފަރުވާ ހޯދުމުގެ ހަރަދުވެސް ވަނީ ބޮޑުވެފައެވެ. ދިޕަންވިތާ އަށް ޕެޓްގެ ބަދަލުގައި ރެސްކިއު ޖަނަވާރު ގެނައުމުން ކުޑަ ޑިސްކައުންޓެއް ލިބެއެވެ. މި ޖަނަވާރުތަކަށް ބައެއް ބަލިތަކާއި އަނިޔާގެ ސަބަބުން ނުވަތަ އެކްސިޑެންޓްތަކުގެ ސަބަބުން ގުނަވަންތައް ފަޅައިގެން ދިއުމާއި ޓިއުމަރު ފަދަ މައްސަލަތަކުގެ ސަބަބުން ހާއްސަ ސަމާލުކަން ދޭން ޖެހެއެވެ.

ވެޓަށް ޒިޔާރަތްކުރުމުގެ އަގު ދެގުނައަށް އިތުރުވެފައި ވާކަން އޭނާ ކިޔައިދިނެވެ. "ޗެކަޕަށް އާންމުކޮށް ޒިޔާރަތް ކުރީ 300 ޓާކާ (2.70 ޑޮލަރު) އަދި މިހާރު 600 ޓާކާ (5 ޑޮލަރު)، އަދި ކޮންމެ ވެސް ބާވަތެއްގެ ސާޖަރީއަކަށް 3،500 ޓާކާ (31 ޑޮލަރު) ހަރަދުވާނެ، މިހާރު 4،000 ޓާކާ (36 ޑޮލަރު) ވާނެ."

މިދިޔަ އޮގަސްޓް މަހު: ހިޔާ ޖަނަވާރުތަކަށް ފަރުވާ ދިނުމަށް 27،000 ރުފިޔާ (242 ޑޮލަރު)

މި އޮގަސްޓް: 33،257 ޓާކާ (298 ޑޮލަރު)

ދީޕަންވިތާގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން ހިޔާ ފުދުންތެރި ތަނަކަށް ވުން

ދީޕަންވިތާއަށް އަވަސް ތިން ސުވާލެއް

1- އޮގަސްޓް މަހު މާލީ ގޮތުން ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުމަކީ ކޮބާ؟ މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިޔާގެ ތެރޭގައި ވަނީ ފެންބޮޑުވެފައެވެ. އަދި 52،000 (471 ޑޮލަރު) ހަރަދުކޮށްގެން ފްލޯ ހައިޓް މަތިކޮށް، ޖަނަވާރުތަކަށް ހިނގާބިނގާވެ، ކުޅެވޭނެ ގޮތަށް އައުޓްޑޯ އޭރިއާއަށް ވެލި ގެންނަން ޖެހުނެވެ. އެހެންނަމަވެސް، އިރުގެ އަލިން އެތަކެތި ސަލާމަތްކުރުމަށްޓަކައި، އެތަންތަން މަރާމާތުކޮށް، ކަވަރުތައް އެޅުމަށް އަޅުގަނޑަށް ފައިސާގެ ދަތިކަން އެބައޮތެވެ.

2- ތިބާގެ އެންމެ ބޮޑު ފައިސާގެ ކަންބޮޑުވުމަކީ ކޮބައިހެއްޔެވެ؟ އިންފްލޭޝަން މިގޮތަށް ހިނގައްޖެނަމަ ކަން ކުރަންވީ ގޮތެއް ނޭނގެއެވެ. އަހަރެން ބޭނުންވަނީ ހިޔާއަކީ ފުދުންތެރި ތަނަކަށް ހެދުމަށެވެ. އެހެންވީމާ، އަޅުގަނޑު މިމަސައްކަތް ކުރަނީ ޕޮސިޓިވްކޮށް ހުރުމަށެވެ. އެހެން ނޫނިއްޔާ އަޅުގަނޑަކަށް މިކަމުން ސަލާމަތެއް ނުވެވޭނެއެވެ.

3- އެންމެ ފަހުރުވެރިވާ ސޭވިންގް ހެކަކީ ކޮބާ؟ ސެކަންޑް ހޭންޑް އެއްޗެހި ގަނެ، އެންމެ ރަނގަޅު ޑީލް ހޯދުމަށް އަގުތަކާ އަޅާކިޔުމެވެ.