ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ގާނޫނީ ދާއިރާގެ މެންބަރުކަމަށް އަހްމަދު ނަޝާތު އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ މަގާމަށް ނަޝާތު އައްޔަން ކުރައްވާފައި ވަނީ މިއަދުއެވެ.

އަހްމަދު ނަޝާތު، މާސްޓާސް އޮފް ލޯ އިން އިންޓާނޭޝަނަލް ލޯ ހާސިލު ކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ މިޑްލްސެކްސް ޔުނިވާސިޓީއިންނެވެ. އަދި އަހްމަދު ނަޝާތު އެންމެ ފަހުން ހުންނެވީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުސެލްގެ މަގާމުގައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުފައްދާފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން 2013 ވަނަ އަހަރުއެވެ.

ޕީސީބީގެ ބޯޑު މެންބަރުންގެ ގޮތުގައި ރައީސް ބޭފުޅުން އައްޔަން ކުރެއްވި ނަމަވެސް އެ ބޭފުޅުންނަށް އެ މަގާމު ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެެވެ.