އެމެރިކާގެ ކެލިފޯނިއާގެ ބީޒް ރިސޯޓެއްގެ އޯނަރެއްގެ ގޮތުގައި ހުރި އުމުރުން 80 އަހަރުގެ ކެރޮލީން ހޮލާންޑަކީ ހުވަފަތް ވެފައި ހުރި މިލިއަނަރެކެވެ.
އޭނާގެ 2 އަންހެން ދަރިން ތިބޭ އިރު 3 މައިން ވެސް އުޅެމުން ދިޔައީ ވަކިންނެވެ.
ކެރޮލީންގެ ހަޔާތަށް އޭނާއަށް ވުރެ އުމުރުން 23 އަހަރު ހަގު ޑޭވިޑް (ޑޭވް) އަންނަނީ ކުއްލިއަކަަށެވެ.
ޑޭވްއަކީ ގެދޮރު ނެތް، ސަލާން ޖަހައިގެން މަގުމަތީގައި އުޅެމުން ދިޔަ މީހެކެވެ. މަސްތުވާތަކެއްޗާއި ކުށުގެ ވެއްޓެއްގައި އުޅެމުން ދިޔަ މީހެކެވެ. އެސްލޯން ހޮޅީގައި ބޮންހަދާ އެމެރިކާގެ ވޯލްމާޓަކަށް ހަމަލާ ދިން މައްސަލައެއްގައި ވެސް ޝާމިލުވާ މީހެކެވެ.
ކެރޮލީންގެ މޭންސަން [ގަނޑުވަރު] ކައިރީގައި އުޅެމުން ދިޔަ ޑޭވް އެގެއަށް ދަނީ އޭނާ އެކިއެކި ގޭގޭގައި ކޮށްދީ އުޅޭ މެއިންޓެނަންސް މަސައްކަތްތަކާ ހުރެ ފާހަގަ ވެފައި ވާތީ ކެރޮލީންގެ ގޭގެ މަސައްކަތެއް ކުރުމަށް ލިބުނު ދައުވަތެއްގައެވެ.
އެ މަސައްކަތުގައި އައިސް ގޮސް ވެ އުޅުމުގެ ތެރޭގައި ކެރޮލީން އާއި ޑޭވްގެ މެދުގައި ގާތްކަން އުފެދި ދެކެފަރިތަވެ ދަސްވާން ފެށިއެވެ. އެކުގައި ވަގުތު ހޭދަކޮށް، ހީސަމާސާ ކުރަން ފެށިއެވެ. ނާޖާއިޒު ގުޅުންތައް ހިންގާ ކެރޮލީން ބޭނުންވާ ކަހަލަ ފިރިހެނެއްގެ ދައުރު އޭނާ އަދާކުރިއެވެ.
މި ގުޅުމާ މެދު ކެރޮލީންގެ 2 އަންހެން ދަރީން ޝައްކުގެ ނަޒަރުން ބަލަމުން ދިޔަ ނަމަވެސް މަންމަ އަޅައެއް ނުލައެވެ. އުޅުމައި ގުޅުމަށް ބަދަލު އައިސް މަންމަގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. މަންމަ މުޅިން ޒުވާން ވި ފަދައެވެ.
އެހެން އުޅުމުގެ ތެރޭގައި ކެރޮލީން ޑޭވް އަށް 40،000 އެެމެރިކާ ޑޮލަރު ދީފައި ވޭނެއްވެސް ގަނެދީފިއެވެ. އަދި ބިމެއް ވިއްކާލައި އެ ބިމުގެ އަގުން 40 ޕަސެންޓް ޑޭވް އަށް ދޭންވެސް ނިންމިއެވެ.
މިކަމެއްގެ ތެރޭގައި އުޅެނިކޮށް އައި ކޮވިޑްގެ ބަލިމަޑުކަމުގައި ކެރޮލީން ވަރަށް ބޮޑަށް ބަލިވެ އެޑްމިޓް ކުރަން ޖެހުނެވެ. ވެކްސިންވެސް ޖަހާފައި ނުވުމާއެކު އޭނާގެ ސިއްހީ ހާލަތު ދަށަށް ދަމުން ގޮސް މަރުވިއެވެ.
އެއާއެކު ކެރޮލީންގެ މުދަލުގެ ވާރުތަވެރިންނަކީ އޭނާގެ ދެ އަންހެން ދަރިންކަަމަށް ވެގެން ދިޔުމާއެކު ޑޭވް އެގެއަށް ވަނުން މަނާކޮށް ބޭރުކޮށްލިއެވެ.
ޑޭވް އަށް ގެންދަން ލިބުނީ ކެރޮލީން ގަނެދިން ވޭން އެވެ. އޭނާ އެ ވޭންގައި ގޮސް މިހާރު އަބަދުވެސް އިންނަނީ ކެރޮލީންގެ ގެ ފެންނަ ހިސާބުގައި ލައިޓަރު އަޅާލަ އަޅައި ކަމަށް އޭނާގެ އެކުވެރިންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އަދި އޭނާ ބުނާ ކަމަށް ވެއެވެ. އޭނާ އަކީ ކުރިން ނުލަފާކޮށް އުޅުނު މީހެއް ނަމަވެސް ފަހުން އިސްލާހުވެ ޗާޗަށް ގޮސް އުޅެން ފެށުމުން އޭނާ އަށް ލިބުނު 'އިންތިހާހަށް ލޯބިވާ ކެރޮލީން' ވެސް ގެއްލި ދިޔައީ ކަމަަށް ބުނާ ކަމަށް ވެސް ވެއެވެ. އަދި މިހާރުވެސް ކެރޮލީން ދެކެ އިންތިހާ ލީބިވާ ކަމަށާއި ކެރޮލީންގެ އިހިސާސްތައް ފުރިހަމައަށް ދަންނަ މީހަކީ އޭނާ ކަމަށް ބުނެއެވެ.