ބޮލީވުޑްގެ ކާމިޔާބި ބަތަލާ ރާނީ މުކެރްޖީ ކުޅެމުން އަންނަ ފްރެންޗައިޒް "މަރުދާނީ" ގެ ތިން ވަނަ ބަޔަށް ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ރާނީ މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ފިލްމުގެ މަސައްކަތް ކަމަށާއި މިހާރު ރާނީ އަތުގައި ފިލްމުގެ ސްކްރިޕްޓް ވެސް އޮތް ކަމަށެވެ. އަދި މި ފިލްމުގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފަށައި ފިލްމު އަންނަ އަހަރުތެރޭ ބެލުންތެރިންނަށް ދޫކޮށްލާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ރާނީ މުކަރުޖީ ފުލުހުންގެ އިސް މީހެއްގެ ރޯލުން ފެންނަ މި އެކްޝަން ތުރިލާގެ ތިން ވަނަ ބަޔަށް ވެސް ރާނީ ހަމަޖައްސާފައިވާކަން ވަނީ ދާދިފަހުން އިއުލާންކޮށްފައެވެ. މި ފިލްމުގެ ކުރީ ދެބައިވެސް ކުޅުނީ ރާނީއެވެ. މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ "މަރުދާނީ" އަކީ ރަނގަޅު މޮޅު ވާހަކައެއް ކަމަށާއި އޭގެ ވާހަކައިގެ ސަބަބުން ފިލްމަށް ޝައުގުވެރިކަން އުފެދުނު ކަމަށެވެ. އަދި ކުރީ ދެބައެކޭ އެއްގޮތަށް ފިލްމުގެ ތިން ވަނަ ބައިވެސް ކުޅެން ޝައުގުވެރިވާ ކަމަށް ބަތަލާ ބުންޏެވެ.
ޔަޝް ރާޖް ފިލްމްސްއިން 2014 ވަނަ އަހަރު މި ފިލްމުގެ ފުރަތަމަ ބައެއް ގެނެސްދިންއިރު 2019 ވަނަ އަހަރު ވަނީ ފިލްމުގެ ދެވަނަ ބައެއް ގެނެސްދީފައެވެ. ދެ ފިލްމަކީ ވެސް ބެލުންތެރިންގެ އިތުރުން ކްރިޓީކުންގެ މެދުގައި ވެސް ބޮޑު ކާމިޔާބެއް ލިބުނު ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރީ މިއަހަރު ކުރީކޮޅު މަރުވި ޕްރަދީޕް ސަރުކާރެވެ. އަދި ދެވަނަ ބައި ގެނެސްދިނީ ގޯޕީ ޕުތުރަން އެވެ. ފިލްމުގެ ތިން ވަނަ ބައިވެސް ގެނެސްދޭނީ އޭނާއެވެ. ބަތަލާ ރާނީ އެންމެފަހުން ފެނިގެންގޮސްފައިވަނީ "މިސިސް ޗެޓަރުޖީ ވާސަސް ނޯވޭ" އިންނެވެ.