ޔޫކްރައިން ހަނގުރާމަ އަށް 2 އަހަރު ވާން ކައިރިވެފައި ވާ އިރު، މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާގައި 70 ޑްރޯން ޔޫކްރައިންގެ ވެރިރަށް ކީވް އަށް ވައްޓާލައިފިއެވެ.
މިއީ ގަސްތުގައި ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
މިހަމަލާގައި 5 މީހަކު ޒަހަމްވެފައި ވީނަމަވެސް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
ޔޫކްރައިން އިން ބުނީ، ރަޝިއާއިން ރޭ ކީވް ގެ އެކިއެކި ސިޓީތަކާއި އަވަށްތަކަށް އަމާޒު ކޮށް ޑްރޯން ހަމަލާގެ 75 ހަމަލާއެއް ދިން ކަމަށާއި އޭގެ ތެރެއިން 71 ޑްރޯންއެއް ވައްޓާލެވިފައި ވާ ކަމަށެވެ. އަދި މީގެ ތެރެއިން 70 ޑްރޯނެއް ގޮވައިގެން ވެއްޓުނު އިރު އެކިއެކި ސަރަހައްދުތަކަށް އެރި ކަމަށާއި މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެކިއެކި އަވަށްތަކުން ބައެއް އިމާރާތްތަކަށް ގެއްލުން ވެފައި ވާކަމަށް ވެސް ޔޫކްރައިންގެ އިދާރާތަކުން ވަނީ ބުނެފައެވެ.
މިހަމަލާ އާ ގުޅިގެން ރަޝިއާއިން އަދި ވާހަކަ ދައްކާފައި ނުވާ އިރު ޔޫކްރައިން އިން ބުނެފައި ވަނީ ހަމަލާތައް އަމާޒު ކޮށްފައި ވަނީ އެގައުމުގައި ހުންނަ ހަކަތައިގެ ވިއުގަތަކަށް ކަމަށެވެ.
އެގޮތުން ހަމަލާ އަމާޒުވި ބައެއް ވިއުގަތަކަށް ލިބުނު ގެއްލުމާއެކު ވެރިރަށް ކީވް އިން ސަރުކާރު އިމާރާތްތަކުގެ 200 އިމާރާތަކުން ކަރަންޓް ކެނޑުނު ކަމަށާއި އާންމުން ދިރިއުޅޭ 70 ވަރަކަށް އިމާރާތުން ކަރްންޓުގެ ހިދުމަތް ކެނޑުނު ކަމަށެވެ.
ރަޝިއާއިން ޑްރޯން ހަމަލާތަކެއް ދީފައި ވާއިރު ޔޫކްރައިން އިން ވެސް ގެންދަނީ ރަޝިއާއިން ހިފާފައި ވާ ކްރިމިއާ އާއި ޔޫކްރައިންގެ އިރުމަތީ ބިތުން ރަޝިއާ ހިފާފައި ވާ ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދެމުންނެވެ.
އެގޮތުން ކްރިމިއާ މަތިން 13 ޑްރޯނެއް އަދި އިރުމަތީ ބިތުގެ ވޮލްގޮރޮޑް އިން 3 ޑްރޯން ވައްޓާލި ކަމަށް ރަޝިއާއިން ބުނެފައި ވެއެވެ.
ޔޫކްރައިން އާއި ރަޝިއާގެ ހަނގުރާމަ ދިގުލައިގެން ދާ އިރު ދެފަރާތުން މާ ވަރުގަދަ ހަމަލާތަކެއް ބަދަލު ނުކުރިނަމަވެސް ޑްރޯންގެ އެހީގައި އެއްފަރާތުން އަނެއް ފަރާތަށް ދޭ ހަމަލާތައް ދަނީ އިތުރު ކުރަމުންނެވެ. ޔޫކްރައިންގެ ހަބަރުތައް ބުނާގޮތުން، ފިހާރަފިހާރައިގައި ވިއްކަން ހުންނަ ޑްރޯން ގަނެ އެގައުމުގެ އެކިއެކި ކުންފުނިތަކުން ދަނީ އެ ޑްރޯންތައް މޮޑިފައި ކޮށް، ކުދިކުދި ގޮވާ ހަތިޔާރު އުފުލޭގޮތް ހަދާ އަސްކަރިއްޔާ އާ ހަވާލު ކުރަމުންނެވެ. އޭގެ ބޭނުމަކީ އަގުހެޔޮ ކޮށް ހަތިޔާރު އުފައްދާ، ރަޝިއާގެ މަގާމުތަކަށް ހަމަލާ ދިނުމެވެ.