ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް 81 ޕަސެންޓް މަސައްކަތް ނިމެން ޖެހޭނެ ކަމަށާއި ނަމަވެސް އެ ދުވަހާ ހަމައަށް ނިމިފައި ވަނީ 29 ޕަސެންޓް މަސައްކަތް ކަމަށް ކޮންސްޓްރަކްޝަން މިިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މުއްތަލިބް މިހެން ވިދާޅުވީ، މިއަދު އެ މިނިސްޓްރީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިލަމާލެ ބްރިޖް މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ. އެފްކޯންސްއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓް ލަސްވުމުގައި އެއް ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ، އެފްކޯންސްއަށް މި މަސައްކަތުގެ ބުރަ އަންދާޒާ ނުކުރެވި މަސައްކަތް ނިންމާނެ ތާރީހް ތަކެއް ކަނޑައެޅުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ މޫސޫމާއި ކަނޑުގެ އޮއެވަރާއި، ޕައިލްތައް ކަނޑުގައި ޖަހަމުންދާ އިރު ކަނޑު އަޑީގެ ދިރުންތަކުގެ ސަބަބުން ކުރިމަތިވާނެ ދަތިތަކުގެ ތަޖުރިބާ ނެތް ބަޔަކަށް ނޭނގިދާނެ ކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި ވީ މުއްދަތުގެ ތެރޭގައި އެފްކޯންސް އިން ކުރި މަސައްކަތުގެ ތަޖުރިބާއިން އެތައް ކަމެއް ދަސްވެފައިވާނެ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދެން މަސައްކަތް ނިންމުމުގައި ލަސްތަކެއް ދިމާވެގެން ނުވާނެ ކަމަށެވެ.

މީގެ ކުރިން ބްރިޖްގެ މަސައްކަތް ކުރުމަށް ކަނޑުގައި ތަނބުތައް ޖެހުމަށް ޕައިލްތައް ހަރުކުރުމަށް ތަފާތު އުޅަނޑުތައް ގެނެސްގެން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ރުމައިލާ ނަމަކަށް ކިޔާ އުޅަނދު ގެނެސްގެން މަސައްކަތް ކުރުމަށްފަހު އެ އުޅަނދު ފޮނުވާލަން ޖެހުނީ ޕައިލް ޖެހުމަށް އެ އުޅަނދުގެ ބޭނުން ނުހިފޭނެތީ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް މަސައްކަތުގެ ތެރެއިން މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުގައި ތަނބުތައް ޖެހުމަށް ޕައިލިން މަސައްކަތް ކުރަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން - ދަ ޕްރެސް

އެހެންކަމުން މިހާރު އެފްކޯންސް އިން ވަނީ މި މަސައްކަތް ކުރުމަށް ބޭނުންވާނެ މެޝިނަރީޒްތަކާއި އުޅަނދުތައް ގެނެސްފައި ކަމަށާއި އެހެންކަމުން މަސައްކަތް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން މިހާރު ވެސް މާލެއާއި ވިލިމާލެއާ ދެމެދުގައި ކަނޑުގެ ފުން ސަރަހައްދުތަކުގައި ޕައިލިން މަސައްކަތް ކުރުމަށް 3 ބާޖެއް މަސައްކަތް ކުރަމުންދާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މުއްތަލިބް ފާހަގަ ކުރެއްވީ ބްރިޖްގެ މަސައްކަތަށް ސަރުކާރުން އެފްކޯންސްއަށް ހިއްކާފައި ބިމެއް ހަވާލު ކުރަން ޖެހޭ ކަމަށް ބުނާ އިރު، އެ ބިން އަދި ހަވާލު ނުކުރާތީ އެފްކޯންސްއަށް ހުރި ދަތިތަކަކީ ވެސް ބްރިޖުގެ މަސައްކަތް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާ އެއް ސަބަަބު ކަމަށެވެ. އެ ގޮތުން ގުޅިފަޅުން ބިމެއް ހިއްކާ އެފްކޯންސްއަށް ދޭން ޖެހޭ އިރު މިހާރު އެ ބިން ހިއްކައި އެ ބިން ހިމާޔަތްޚޫރުމަށް ވަށަޢީގެން ހިލަވެލި ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

މިވަގުތު ގުޅިފަޅުގައި ކުރިއަށް ދާ ޕްރީކާސްޓިންގެ މަސައްކަތަށް އެ ބިމަކީ ވަރަށް ބޭނުން ތެރި ބިމެއް ކަަމަށާއި އެ ބިން ހަމަޖެހުމުން މަސައްކަތް އިތުރަށް ހަލުވިކޮށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ޕައިލިން މަސައްކަތް ނިމި ކަނޑުގައި ތަނބުތައް ޖެހުމުން ދެން ޕްރީކާސްޓީންގެ މަސައްކަތުގައި ހަދާފައިވާ ބްރިޖުގެ ބައިތައް ރާވައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގައި ގުޅީފަޅުގައި އެފްކޯންސްގެ މުވައްޒަފުން ހަރަކާތްތެރިވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން - ދަ ޕްރެސް

މި ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ތާރީހެއް ކަމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ ސެޕްޓެމްބަރު 30، 2026 އެވެ. މުއްތަލިބް ވިދާޅުވީ، އެ މުއްދަތަކީ މި މަސައްކަތް ފުރިހަމައަށް ނިންމާލެވޭނެ ތާރީހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެއަށް ވުރެ ވެސް އަވަހަށް ބްރިޖު ނިންމާލެވިދާނެ ކަމަށެވެ.