ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ފިލްމު އިންޓަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުން އިސްނަގައިގެން ހިންގި ހަރަކާތްތަކުން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

"އިންސާނިއްޔަތަށް ޓަކައިި" ނަމުގައި ފަލަސްތީނަށް އެހީތެރިވުމަށްޓަކައި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަންނާނުން އަދި އެކި ފަރާތްތަކުން ގުޅިގެން ހިންގި މި ހަރަކާތްތަކުން ޖުމްލަ 685،651.90 ރުފިޔާ ވަނީ ހޯދާފައެވެ.

މި ފަންޑަށް ލިބުނު ފައިސާ އިއްޔެ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާ ވަނީ ހަވާލު ކޮށްފައެވެ.

"އިންސާނިއްޔަތަށް ޓަކައިި" ނަމުގައި ފަލަސްތީނަށް އެހީތެރިވުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ކުޑަކުދިންގެ ހަވީރާއި ޖަމްބަލް ސޭލް އަދި ފަންޑު ފޮށި ވެސް ވަނީ މާލޭގެ އެކި ހިސާބުތަކުގައި ވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން ދިވެހި ފިލްމީ ތަރިން އިސްނަގައިގެން ކުރިން ރިލީޒްކޮށްފައިވާ ފިލްމުތަކެއް އޮލިމްޕަހުގައި ވަނީ އަޅުވާފައެވެ. އަދި ބައިސްކޯފުން އިސްނަގައިގެން ހުޅުމާލޭ އަދި މާލޭ ޝްވެކް ސިނަމާގައި ވެސް މި ފިލްމުތައް ވަނީ އަޅުވާފައެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.

މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.